1414ގެ ޓެކްސީތަކަށް ފޯނުން ފައިސާ ދެއްކޭ ގޮތް އުރީދޫން ހަދައިފި
1414ގެ ޓެކްސީތަކަށް ފޯނުން ފައިސާ ދެއްކޭ ގޮތް އުރީދޫން ހަދައިފި

އުރީދޫގެ މޮބައިލް މަނީ، އެމްފައިސާ ބޭނުންކޮށްގެން 1414 ޓެކްސީ ސެންޓަރުގެ ޓެކްސީތަކަށް ފޯނުން ފައިސާ ދެއްކޭނެ އިންތިޒާމު މިއަދު ހަމަޖައްސައިިފި އެވެ.

އެކަމުގެ އެއްބަސްވުމުގައި އުރީދޫ އާއި ފައިން ޓެކްސީ ސެންޓަރާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، އެ އެއްބަަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެން ނިޔާޒާއި ފައިން ޓެކްސީ ސެންޓަރުގެ ވެރިޔާ އަހުމަދު ޝިހާދެވެ.

އެ ރަސްމިއްޔާތުގައި، ނިޔާޒު ވިދާޅުވީ މިއީ އުރީދޫގެ ޑިޖިޓަލް މޯލްޑިވްސް ތަސައްވުރުގައި ހިމެނޭ މުހިއްމު ބައެއް ކަމަށެވެ. އެހެންވެ، މޯބައިލް ފޯނު މެދުވެރިކޮށް ރައްކާތެރިކަމާއި ފަސޭހަކަމާ އެކު ޓެކްސީ ދަތުރުތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހުމަކީ އުރީދޫން ވަރަށް ބޮޑަށް އުފާ ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އުރީދޫން ހިއްސާކުރާ އާއްމު ދިރިއުޅުން ފަސޭހަ ކުރުމުގެ ތަސައްވުރާ އެކު، މި ގުޅުމުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާނެ ކަމަށް އަޅުގަނޑުމެން ޔަގީން ކުރަން،" ނިޔާޒު ވިދާޅުވި އެވެ.

ފައިން ޓެކްސީގެ ވެރިޔާ ޝިހާދު ވިދާޅުވީ އުރީދޫއާ އެކު ހެދި ޕާޓްނަޝިޕްގެ ދަށުން ޓެކްސީތަކަށް ޑިޖިޓަލްކޮށް ފައިސާ ދެއްކޭނެ ކަމަށެވެ. މި ހިދުމަތުގެ އެންމެ ބޮޑު ފައިދާ އަކީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، ޓެކްސީތަކުން ފައިސާ މާރުކުރުމަށް ދިވާ ދަތިތަކަށް ފުރިހަމަ ހައްލެއް ލިބުމެވެ.

"މި ހިދުމަތް ދެވޭ އެންމެ ފުރަތަމަ ސެންޓަރަކަށް ފައިން ޓެކްސީ ވުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް،" ޝިހާދު ވިދާޅުވި އެވެ.

އެމްފައިސާ މެދުވެރިކޮށް ޓެކްސީ އަށް ފައިސާ ދައްކާ ފަރާތްތަކަށް މަހަކު 1،000 އެމްބީއާ ހަމަ އަށް ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ވެސް އުރީދޫން ވަނީ މިއަދު ފަަށައިފަ އެވެ.

މީގެ އިތުރުން، އެމްފައިސާ މެދުވެރިކޮށް ޕްރީޕެއިޑް ރިޗާޖު ކުރާ ކޮންމެ ފަހަރަކު 25 ޕަސެންޓް އިތުރު ކްރެޑިޓް ލިބޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ. އަދި އެމްފައިސާ މެދުވެރިކޮށް ޕޯސްޓްޕެއިޑް ބިލް ދެއްކުމުން ކުރިއަށް އޮތް މަހުގެ ބިލުން ފަސް ޕަސެންޓުގެ ޑިސްކައުންޓް އަދި ކަނޑައެޅިފައިވާ އެމްފައިސާ އެޖެންޓުތަކުން ޑިސްކައުންޓް ލިބޭނެ އެވެ.

އެމްފައިސާ އަކީ މޮބައިލް ފޯނު މެދުވެރިކޮށް، ވާޗުއަލް އެކައުންޓަކުން ފައިސާގެ މުއާމަލާތް ފަސޭހަކަމާ އެކީ ކުރެވޭނެ ނިޒާމެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އުރީދޫގެ ފިހާރަތަކާއި އެ ނޫން ވެސް ތަންތަން ހިމެނޭ ގޮތަށް ޖުމްލަ 300 އަށް ވުރެ ގިނަ އެމްފައިސާ އެޖެންޓުން މެދުވެރިކޮށް ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ ނަގައި ޖަމާ ކުރެވޭނެެ އެވެ. މި ހިދުމަތް 180 ރަށުން މިހާރު ލިބެ އެވެ.