15 އޮކްޓޯބަރ 2023 - 22:26

ވައްކަމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ވާހަކަ ނުދެއްކޭ މީހެއް ކަމަށް ހެދެފި އެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދުގެ އަމުރުގައިވާ ގޮތުން ވައްކަމުގެ ރެކޯޑު އޮންނަ 50 އަހަރުގެ މި މީހާގެ މައްޗަށް ވައްކަމުގެ ތުހުމަތުކުރެވޭވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅައިފަ އެވެ. އެކަމަކު އޭނާ މުއްދަތުގެ މަޖިލީހުގައި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
އެކަމަކު ކޯޓުގައި ފުލުހުން ބުނީ އެއީ ވާހަކަ ދައްކައި އަދި އަޑު ވެސް އިވޭ މީހެއް ކަމަށެވެ.
"މާލޭ ކަސްޓޯޑިއަލްގެ ފަރާތުން ވެސް ޑިއުޓީގައި އިން އޮފިސަރު، އޭނާ އަކީ ވާހަކަ ދައްކާ މީހެއް ކަމަށާއި މިވަގުތު ވާހަކަ ނުދައްކާ އިނީ ކަމަށް ބުނި" ކަމަށް އަމުރުގައިވެ އެވެ.
ވާހަކަ ނުދެއްކޭ މީހެއް ކަމަށް ހެދުނަސް އޭނާގެ ބަންދަށް ކޯޓުން ވަނީ މިއަދުން ފެށިގެން 15 ދުވަސް ދީފަ އެވެ.