07 ފެބުރުއަރީ 2017 - 06:02

އުމުރުން ދުވަސްވުމަކީ ކަމެއް ނުކޮށް އެނދުގައި އޮންނަންވީ ކަމަށް ހީވާ ނަމަ އިލިނިޗްނާ ލެވުޝްކިނާ (އާލާ) ގެ ވާހަކަ އަހާށެވެ. އާލާ އަކީ ރަޝިޔާގެ މޮސްކޯގެ މަޝްހޫރު ސާޖަން އެކެވެ. އޭނާގެ އުމުރުން 89 އަހަރު ވެފައި ވިޔަސް މިހާރުވެސް އޭނާ ކޮންމެ ދުވަހަކު ހަތަރު އޮޕަރޭޝަން ކުރެ އެވެ.
އާލާ މިހާތަނަށް 10،000 އަށް ވުރެ ގިނަ އޮޕަރޭޝަންތައް ކޮށްފައިވާއިރު ދުވަހަކުވެސް އޭނާ އަތުން މީހަކު މަރުވެފައެއް ނުވެ އެވެ.
ގިނަ ދުވަހު މަސައްކަތުގައި ދެމި ހުރެވުމުގެ ވަކި ސިއްރެއް ނެތް ކަމަށް އާލާ ބުންޏެވެ. އޭނާ ބުނީ ހުރިހާ އެއްޗެއް ކައިބޮއެހަދާ ކަމަށާއި ހުނުމާއި ރުއިން ވެސް އެހާ ގިނަ ކަމަށެވެ.
މިހާރު އާލާ ދިރިއުޅެނީ އޭނާއަށް ބޮޑުދައިތަ ކިޔާ ފިރިހެނަކާއި އޮޅުކޮށްގެން ގެންގުޅޭ އަށް ބުޅަލާ އެކުގަ އެވެ. އޭނާ އުފަލާ އެކު އޭނާގެ އުމުރުގެ ބޮޑުބައެއް ހޭދަކޮށްފައި ވަނީ ކައިވެންޏެއް ނުކޮށެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 ގައި މަސައްކަތް ފަށަ އެވެ.
އާލާ ބުނި ގޮތުގައި އޭނާގެ ހުރިހާވެސް ކަމަކީ މަސައްކަތެވެ. ރިޓަޔާކޮށްގެން ކުރާނެ ވަކި ކަމެއް ނެތެވެ. ޑޮކްޓަރު ކަމަކީ ހަމައެކަނި ވަޒީފާއެއް ނޫން ކަމަށާއި އެއީ ދިރިއުޅުމުގެ ބައެއް ކަމަށް އޭނާ ބުންޏެވެ. ސާޖަން އަކަށް މަސައްކަތްކުރުން ނޫން ދެން އޮންނާނީ ކޮން ކަމެއްތޯ އޭނާ ސުވާލު ކުރި އެވެ.