އަގްސާ ތޫފާން: ގާޒާގެ 2500 މީހުން ޝަހީދުކޮށްލައިފި
އަގްސާ ތޫފާން: ގާޒާގެ 2500 މީހުން ޝަހީދުކޮށްލައިފި

ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް މިމަހުގެ 7 ވަނަ ދުވަހު ފަށާފައިވާ ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް، ފަލަސްތީނުގެ 2500 އަށް ވުރެ ގިނަ މީހުން ޝަހީދުވެއްޖެ ކަމަށް، ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އިޒްރޭލުން ވައިގެ މަގުންނާއި ކަނޑުމަގުން އަދި އެއްގަމު މަގުން ދެމުންދާ ހަމަލާތަކުގައި މަރުވި މީހުގެ ތެރޭގައި 800 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި ގިނަ އަދަދެއްގެ އަންހެނުންނާއި މުސްކުޅިން ވެސް ހިމެނޭ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުންޏެވެ.

މީގެ އިތުރުން، ހުޅަނގު އައްސޭރި އަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި އެ ސަރަހައްދުން ވެސް ފަލަސްތީނުގެ 60 މީހަކު ޝަހީދުވެ އިތުރު 1100 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ހުޅަނގު އައްސޭރި އަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގައި ފަލަސްތީނުގެ އެތައް ޒުވާނުންނެއް ހައްޔަރުކޮށްގެން ގެންގޮސްފައިވެ އެވެ.

އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު މިހާރު ވަނީ 9500 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އދ. އިން އިއްޔެ ބުނި ގޮތުގައި ވައިގެ މަގުންނާއި އެއްގަމު މަގުން އަދި ކަނޑު މަގުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް، 1300 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު ފަށާފައިވާ ހަނގުރާމަ އަށް މިއަދަށް ނުވަ ދުވަސް ވެގެން ދިޔައިރު، ހަމާސްގެ ހަމަލާތަކުގައި މަރުވި އިޒްރޭލު މީހުންގެ އަދަދު މިހާރު ވަނީ 1400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 280 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. މީގެ އިތުރުން އިޒްރޭލުގެ 3800 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

ގާޒާގެ ރަށް ބޭރުން އިޒްރޭލުގެ އިމުގެ ގޮތުގައި ބަލާ ސަރަހައްދުގެ ތެރެއަށް ވަދެގަތް، ހަމާސްގެ ހަނގުރާމަވެރިން، އެ ސަރަހައްދުގެ ތެރޭގައި މިހާރުވެސް އިޒްރޭލު ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުން ދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ގާޒާގެ ރަށްބޭރުގައި އޮންނަ ޔަހޫދީ އާބާދީތަކުގެ ތެރޭގައި ހަމާސްގެ ހަނގުރާމަވެރިންނާއި އިޒްރޭލު ސިފައިންނާ ދެމެދު މިހާރު ވެސް ކުރިމަތިލުންތައް ހިނގަމުންދާ ކަމަށް އިޒްރޭލުން ވެސް އެއްބަސްވެ އެވެ.

އޭގެ އިތުރުން ގާޒާގެ ތެރެއިން އިޒްރޭލުގެ އެކި ސަރަހައްދުތަކަށް ރެޔާއި މިއަދު ވެސް ގިނަ އަދަދެއްގެ ރޮކެޓް ފޮނުވައިލި އެވެ. އޭގެ ތެރެއިން ބައެއް ރޮކެޓްތައް، އިޒްރޭލުގެ ވެރިރަށް ތަލް އަބީބްގެ ބައެއް އިމާރާތްތަކަށް އަމާޒުވި ކަމަށް އިޒްރޭލުގެ ނޫސްތަކުން ބުނެ އެވެ.

ފަލަސްތީނުގެ ބިމުގައި 1948 ވަނަ އަހަރު އިޒްރޭލުގެ ނަމުގައި އުފެއްދި ޔަހޫދީ ދައުލަތުން، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓުވުމުގެ ގޮތުން، އަގްސާ ތޫފާންގެ ނަމުގައި ހަމާސް އިން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ފެށީ، މި މަހުގެ 7 ވަނަ ދުވަހު އެވެ.