މަތިންދާބޯޓު އުފުލާ ދެ ވަނަ މަނަވަރެއް އިޒްރޭލު ކައިރިއަށް
މަތިންދާބޯޓު އުފުލާ ދެ ވަނަ މަނަވަރެއް އިޒްރޭލު ކައިރިއަށް

ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގައި އިޒްރޭލަށް އެހީތެރިވުމުގެ ގޮތުން، ހަނގުރާމަމަތީ މަތިންދާ ބޯޓު އުފުލާ ދެ ވަނަ މަނަވަރެއް، އޭގެ ހަނގުރާމަމަތީ ލަޝްކަރާ އެކުގައި މެދުއިރުމައްޗަށް ފޮނުވަން އެމެރިކާ އިން ނިންމައިފި އެވެ.

މަތިންދާބޯޓު އުފުލާ ދެ ވަނަ މަނަވަރެއް އިޒްރޭލު ކައިރިއަށް
މަތިންދާބޯޓު އުފުލާ ދެ ވަނަ މަނަވަރެއް އިޒްރޭލު ކައިރިއަށް

އިޒްރޭލަށް އެހީތެރިވުމުގެ ގޮތުން، ފަލަސްތީނުގެ ހުޅަނގު ފަރާތުން މެޑިޓެރޭނިއަން ކަނޑަށް އެމެރިކާ އިން ފޮނުވި، ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް އޭގެ ހަނގުރާމަމަތީ ލަޝްކަރާ އެކުގައި އެ ސަރަހައްދުގައި ބަނދަރުކުރީ، މިމަހުގެ 10 ވަނަ ދުވަހު އެވެ.

އެ މަނަވަރުތަކުގައި ގެނައި ތަފާތު ބާވަތުގެ ހަތިޔާރުތައް އިޒްރޭލަށް ބާލައި، ގާޒާގައި ދިރިއުޅޭ އާންމުންނަށް ދޭ ހަމަލާތައް އިޒްރޭލުން ވަނީ ވަރުގަދަކޮށް އިތުރުކޮށްފަ އެވެ. އިޒްރޭލަށް އެހީވުމުގެ ގޮތުން މިފަހަރު އެމެރިކާ އިން އެ ސަރަހައްދަށް ފޮނުވަން ނިންމީ ޔޫއެސްއެސް ޑްވައިޓް ޑީ އެއިޒިންހަވާ އާއި އޭގެ ހަނގުރާމަމަތީ ލަޝްކަރުގައި ހިމެނޭ މަނަވަރުތަކެވެ.

އެމެރިކާގެ ކަނޑުގެ ލަޝްކަރުގައި ހިމެނޭ އެންމެ ޒަމާނީ ދެ މަނަވަރު މެދުއިރުމައްޗަށް ނިންމީ، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ހަމާސް އާއި އިޒްރޭލާ ދެމެދުގައި ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް އީރާން ވަދެފާނެތީ އީރާނަށް އިންޒާރު ދިނުމުގެ ގޮތުންނެވެ. އޭގެ އިތުރުން، ލެބަނާންގައި އޮންނަ ހިޒްބުﷲ ޖަމާއަތުން ވެސް މިހަނގުރާމައިގެ ތެރެއަށް ވަދެފައިވާތީ، އެ ޖަމާއަތަށް އިންޒާރު ކުރުމަކީ ވެސް، މި މަނަވަރުތައް އެ ސަރަހައްދަށް ފޮނުވުމުގެ މައިގަނޑު ބޭނުމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ހަމާސް އިން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، އިޒްރޭލުން އެކަމަށް އެދުމުގެ ކުރިން، އެމެރިކާ އިން ވަނީ ހަމާސްއާ ކުރިމަތިލުމަށް އިޒްރޭލަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދޭނެ ކަމަށް ބުނެފަ އެވެ. އެ ގޮތުން އިޒްރޭލަށް ބޭނުންވާ ހަތިޔާރުގެ ބާވަތްތަކާއި ބޮޑުބަޑީގެ އުންޑައާއި ބަޑީގެ ވަޒަން ވެސް، ހަނގުރާމަ ފެށުނުތާ ތިން ވަނަ ދުވަހުގެ ތެރޭގައި އެމެރިކާ އިން އިޒްރޭލަށް ފޮނުވަން ފެށި އެވެ.

އިޒްރޭލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުމާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އިޒްރޭލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އެމެރިކާ ދެމިއޮންނާނެ ކަމަށެވެ. މީގެ 75 އަހަރު ކުރިން އިޒްރޭލުގެ ދައުލަތް އިއުލާނުރިތާ އެންމެ 11 މިނެޓްގެ ތެރޭގައި އިޒްރޭލުގެ ދައުލަތް އެމެރިކާ އިން ގަބޫލުކުރިކަން ފާހަގަކޮށް، ބައިޑެން ވިދާޅުވީ އިޒްރޭލުގެ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް އެމެރިކާ އިން ކުރާނެ ކަމަށެވެ.

ގާޒާ ސުންނާފަތި ކުރުމަށް އިޒްރޭލުން ފަށާފައިވާ ހަނގުރާމަ އަށް އެހީތެރިވުމުގެ ގޮތުން އެމެރިކާ އިން މެދުއިރުމައްޗަށް ފޮނުވަން ނިންމި ކަނޑުގެ ލަޝްކަރުގައި، ޖުމްލަ 10 މަނަވަރު ހިމެނެ އެވެ. އެއީ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ ދެ މަނަވަރާއި އެ ދެ މަނަވަރުގެ ލަޝްކަރުގައި ހިމެނޭ އިތުރު އަށް މަނަވަރެވެ.

މީގެ ތެރެއިން ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް އަކީ 75-80 މަތިންދާބޯޓު އުފުލުމުގެ ގާބިލުކަން ލިބިފައިވާ އަދި ނިއުކްލިއާ ހަކަތައިން ދުއްވާ ބިޔަ މަނަވަރެކެވެ. ޔޫއެސްއެސް ޑްވައިޓް ޑީ އެއިޒިންހަވާއަކީ އެއްފަހަރާ 90 މަތިންދާބޯޓު އުފުލުމުގެ ގާބިލުކަން ލިބިފައިވާ، ނިއުކްލިއާ ހަކަތައިން ދުއްވާ ބިޔަ މަނަވަރެކެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ކޯން ކިރްބީ ވިދާޅުވެފައިވަނީ، ސަލާމަތީ ގޮތުން އިތުރު އެހީތެރިކަން ހޯދުމަށް އިޒްރޭލުން އެދޭނެކަން ޔަގީންވާ ކަމަށާއި، އެކަމަށް އެމެރިކާ ތައްޔާރަށް އޮތް ކަމަށެވެ. އަދި އިޒްރޭލުން އެދޭ ކޮންމެ އެހީތެރިކަމެއް ވީ އެންމެ އަވަހަކަށް އަދި އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގައި އެމެރިކާ ދެމިއޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.