އެސްއޯއީތަކުގެ ކޭޝް ފްލޯ އަށް ވަނީ ދަތިވެފައި: އިންތިހާބީ ރައީސްގެ އޮފީސް
އެސްއޯއީތަކުގެ ކޭޝް ފްލޯ އަށް ވަނީ ދަތިވެފައި: އިންތިހާބީ ރައީސްގެ އޮފީސް

ސަރުކާރު ކުންފުނިތަކުގެ ކޭޝް ފްލޯ އަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި މި އަހަރުގެ ކުރިއަށް އޮތް ދެ މަހަށް ވެސް ބޮޑެތި އަދަދުތަކުން ކޭޝް ފްލޯ އިންޖެކްޓްކުރަން ޖެހިފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުނެފި އެވެ.

އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށާއި ވަކިން ހާއްސަކޮށް ސަރުކާރުގެ މަޝްރޫއުތައް ހިންގުމުގައި ޝާމިލްވާ ކުންފުނިތަކުގެ ހާލަތު ދަށް ކަމަށެވެ.

"އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް އެ ކުންފުނިތަކުން ފާހަގަކުރަމުންދާ ކަމަކީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ފަހު އެއަށް ލިބެންޖެހޭ ފައިސާ، މަޝްރޫއުތަކުގެ އަގު ވަރަށް ބޮޑަށް ނުލިބި ހުރުމުގެ ސަބަބުން އެ ކުންފުނިތަކުގެ ކޭޝް ފްލޯ އަށް ވަރަށް ބޮޑަށް ވަނީ ދަތިވެފައި،" މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވި އެވެ.

"މި ކޭޝް ފްލޯގެ ދަތިކަމުގެ ސަބަބުން މި އަހަރު ނިންމާލާއިރު ކުރިއަށް އޮތް ދެ މަހުގެ ޑެއިލީ އެކްސްޕެންޝަންތައް ފުއްދުމަށްޓަކައި ވެސް ވަރަށް ބޮޑު އަދަދުތަކުން ކޭޝް ފްލޯ އިންޖެކްޓް ކުރަން ޖެހޭނެ ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވޭ."

ނަމަވެސް، އެއީ ކޮން ކުންފުނިތަކެއް ކަމަށް ފިރުޒުލް ހާމައެއް ނުކުރެއްވި އެވެ. ވިދާޅުވީ، އެއީ ކުންފުންޏަށް ގެއްލުން ލިބިދާނެ ކަމަކަށްވާނެތީ ކުންފުނިތަކުގެ ނަންތައް މި ވަގުތު ހާމަކުރަން ބޭނުން ނުވާ ކަމަށެވެ.

ކުންފުނިތަކުގެ އިތުރުން ބައެއް މިނިވަން މުސްތަގިއްލު އިދާރާތަކުގެ ހާލަތާ ގުޅޭ ގޮތުން ވެސް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ފިރުޒުލް ވިދާޅުވީ މިނިވަންކަމާ އެކު އިލްމީ މަސައްކަތްތަކެއް ކުރަން މިނިސްޓްރީތަކުގެ ބެލެނިވެރިކަމުގެ ދަށުން އުފައްދާފައިވާ އިދާރާތަކަށް ސިޔާސީ ނުފޫޒު ފޯރުވަމުންދާތީ، އެ އިދާރާތަކަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.

"ގާނޫނުން މަތިކޮށްފައި އޮންނަ ޒިންމާ އަދާކުރުމަށް ވަނީ ދަތިވެފައި. އަދި ވަސީލަތްތަކާއި ބަޖެޓާއި އިންސާނީ ވަސީލަތްތައް ލިބުމުގައި ދަތިކަން އޮތުމުން އިލްމީ ފަންނީ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާކަން އެ އިދާރާތަކުން ފާހަގަކުރޭ،" ފިރުޒުލް ވިދާޅުވި އެވެ.

އިންތިގާލީ މަރުހަލާގެ ތެރެއިން ވެރިކަން ބަދަލުވުމުގެ ކަންކަން ކުރިއަށްދާއިރު، އިންތިހާބީ ރައީސް އޮފީސްގެ ފަރާތުން މުއައްސަސާތަކާއި އިދާރާތަކަށް އިންތިގާލީ ކޮމިޓީތަކުން ދަނީ ޒިޔާރަތް ކުރަމުންނެވެ.