07 ފެބުރުއަރީ 2017 - 06:10

ޝާހްރުކް ޚާން އަލަށް ފަށަން ހަމަޖެހިފައިވާ ޑައިރެކްޓަރު އާނަންދް އެލް ރާއީގެ ފިލްމުގައި އޭނާ ކުޅެނީ އުމުރަށް ވުރެ ހަށިގަނޑު ކުޑަކޮށް ހުންނަ މީހެއްގެ ރޯލު ކަމަށް ޝާހްރުކް ބުނެފި އެވެ. އޭނާ ބުނީ އެ ރޯލަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މިއީ އާނަންދް ރާއީ އާއި ޝާހްރުކް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ޝާހްރުކް ބުނީ މި ފިލްމުގައި އޭނާ ހުންނަ ސިފަ ކަމަލް ހަސަން ޑުވޯފެއްގެ ބައި ކުޅުނު "އައްޕޫ ރާޖާ"ގައި ފެނުނު ޑުވޯފުގެ ސިފަޔާ ވަރަށް ތަފާތު ވާނެ ކަމަށެވެ.
ޝާހްރުކް ބުނީ އޭނާ ހުންނާނެ ސިފަ މިހާރު ޓެސްޓްކޮށް ސިފައިގެ ޓްރެއިލާއެއް ވެސް ތައްޔާރުކޮށްފި ކަމަށެވެ. އަދި އެ ޓްރެއިލާ ވެސް ރިލީޒްކުރާނެ ކަމަށް ބުންޏެވެ.
"އަހަރެމެން މި ކުރާ ބުރަ މަސައްކަތް ބެލުންތެރިން ބަލައިގަތުން ވަރަށް މުހިއްމު. ދެ ދުވަހެއްގެ ތެރޭގައި އަހަރެމެން ސިފައިގެ މަސައްކަތް ފަށާނަން. ނަމަވެސް ފިލްމުގެ ޝޫޓިން ފަށާނީ މާޗް 21 ހިސާބުގައި. އަދި ޝޫޓިން ހައެއްކަ މަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަހަށް ވެސް ދެމިގެން ހިނގައިދާނެކަމަށް މި ބަލަނީ،" ޝާހްރުކް ބުންޏެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން ފިލްމުގެ ނަމަކީ "ބަންދުއާ" އެވެ. ނަމަވެސް ޝާހްރުކް ބުނީ އަދި ފިލްމަށް ކިޔާނެ ނަމެއް ހަމަނުޖެހޭ ކަމަށެވެ.