މުސްލިމް ކުޅުންތެރިން އުޅޭ ކަމަށް ޝަކުވާކުރި ކޯޗު ގަތަރު ލީގަށް
މުސްލިމް ކުޅުންތެރިން އުޅޭ ކަމަށް ޝަކުވާކުރި ކޯޗު ގަތަރު ލީގަށް

ދޯހާ (އޮކްޓޫބަރު 14) - މިދިޔަ ސީޒަނަށް ފަހު ފްރާންސްގެ ޕީއެސްޖީގެ ކޯޗުގެ މަގާމުން ވަކިކުރި ކްރިސްޓޯފް ގަލްޓިއޭ، ގަތަރުގެ އައް ދުހެއިލްގެ ކޯޗުކަމާ ހަވާލު ވެއްޖެ އެވެ.

މިދިޔަ ސީޒަންގައި ޕީއެސްޖީއާ ހަވާލުވެ، ގަލްޓިއޭ، 57، އެޓީމަށް ފްރާންސް ލީގު ކާމިޔާބު ކޮށްދިން ނަމަވެސް، ސީޒަންގެ ފަހުކޮޅު ކުޅުން ދަށްވެ، ޗެމްޕިއަންސް ލީގުގައި ކާމިޔާބު ނުހޯދުމުގެ ސަބަބުން އިތުރު ސީޒަނަކަށް އޭނާ ޓީމުގައި މަޑުކުރެވޭ ގޮތެއް ނުވި އެވެ.

ޕީއެސްޖީއާ ހަވާލުވުމުގެ ކުރިން ފްރާންސްގެ ގަލްޓިއޭ މަސައްކަތް ކުރި ކްލަބް ނީސް ގައި، ކަޅު ނަސްލުގެ ކުޅުންތެރިންނާއި މުސްލިމް ކުޅުންތެރިން ގިނަ ކަމަށް ބުނެ ނަސްލީގޮތުން ދިމާކޮށްލިކަމަށް ބުނާ މައްސަލައިގެ ތުހުމަތުގައި، ޕީއެސްޖީގައި ހޭދަކުރި ފަހު ދުވަސްކޮޅު ގަލްޓިއޭގެ ތަހުގީގެއް ހިނގި އެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތަކަށް އަންނަ މަހު އޭނާ ކޯޓަށް ވެސް ހާޒިރުވާން ޖެހެ އެވެ.

ނަސްލީގޮތުން ދިމާލޮށްލި ކަމުގެ ކުށް، ގަލްޓިއޭގެ މައްޗަށް ސާބިތު ވެއްޖެ ނަމަ ގިނަވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އޭނާ އަށް އަންނާނެ އެވެ. އަދި 49،000 ޑޮލަރުގެ ޖޫރިމަނާއެއް ވެސް އަންނާނެ އެވެ.

ކުރިން ބާސެލޯނާއަށް ކުޅުނު ބްރެޒިލް ފޯވާޑް ފިލިޕޭ ކުޓީނިއޯ ވެސް ވަނީ މި ސީޒަންގައި އައް ދުހެއިލް އަށް ބަދަލުވެފަ އެވެ. އޭނާ ދުހެއިލް އަށް ބަދަލުވީ އިނގިރޭސި ކްލަބް އެސްޓަން ވިލާގެ ލޯނު އުސޫލުންނެވެ.

ގަތަރުގެ ލީގު 2009 ވަނަ އަހަރު ގަތަރީ ސްޓާސް ލީގަށް ބަދަލުކުރުމާ އެކު ފެށި ކޮކައުޓް ކަޕް މުބާރާތެއް ކަމަށްވާ ގަތަރީ ސްޓާސް ކަޕްގައި އައް ދުހެއިލް މިރޭ ކުޅޭނެ އެވެ. ދުހެއިލް އަކީ މިދިޔަ އަހަރުގެ ސްޓާސް ކަޕް ޗެމްޕިއަނުންނެވެ. އަދި އެއީ ލީގުގެ ރަނަރަޕް ޓީމެވެ.

ގަލްޓިއޭ ދުހެއިލްގެ ކޯޗުގެ މަގާމަށް އައީ، ކުރިން އެ މަގާމުގައި ހުރި އާޖެންޓީނާގެ ހާނަން ކްރެސްޕޯ މަގާމުން ވަކިކުރުމުންނެވެ.

ގަތަރީ ސްޓާސް ކަޕް މެޗަށް ފަހު ދުހެއިލް ކުޅެން ޖެހޭނީ އޭއެފްސީ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި، ކްރިސްޓިއާނޯ ރޮނާޅްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އައް ނަސްރާ ދެކޮޅަށެވެ.