އިމްޕޯޓް ދަށް ކުރަން ދަނޑުވެރިކަމުގެ ފަސް ބާވަތެއް ރާއްޖޭގައި އުފައްދަނީ
އިމްޕޯޓް ދަށް ކުރަން ދަނޑުވެރިކަމުގެ ފަސް ބާވަތެއް ރާއްޖޭގައި އުފައްދަނީ

ރާއްޖެ އަށް އެތެރެ ކުރާ މުދަލުގެ މިންވަރު މަދުކުރަން، ދަނޑުވެރިކަމުގެ ފަސް ބާވަތެއް ރާއްޖޭގައި އުފެއްދުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އިމްޕޯޓް ދަށް ކުރަން ދަނޑުވެރިކަމުގެ ފަސް ބާވަތެއް ރާއްޖޭގައި އުފައްދަނީ
އިމްޕޯޓް ދަށް ކުރަން ދަނޑުވެރިކަމުގެ ފަސް ބާވަތެއް ރާއްޖޭގައި އުފައްދަނީ

ރައީސް އެކަން އިއުލާނު ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ. އެކަމަކު، އޭގެ އިތުރު ތަފްސީލެއް އެ މަނިކުފާނު ނުދެއްވަ އެވެ.

ކަސްޓަމްސް އިން މިއަދު އާއްމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ރާއްޖެ އަށް އެތެރެ ކުރި މުދަލުގެ ނިސްބަތް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 12 ޕަސެންޓް އިތުރު ވެފަ އެވެ. އެ ގޮތުން، މިދިޔަ އަހަރު 34 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެކޮށްފައި ވާއިރު، 2015 ގައި އެތެރެކޮށްފައި ވަނީ 31 ބިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ އަހަރު އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ މެޝިނަރީ އާއި އިލެކްޓްރޯނިކްސްގެ ބާވަތްތައް އެތެރެ ކުރުމަށެވެ. އެ ގޮތުން، މިދިޔަ އަހަރު ރާއްޖެ ގެނައި މެޝިނަރީ އާއި އިލެކްޓްރޯނިކްސްގެ އަގު 6.8 ބިލިއަން ރުފިޔާ އަށް އަރާއިރު، އެއީ މިދިޔަ އަހަރު ރާއްޖެ އެތެރެ ކުރި މުދަލުގެ ޖުމްލަ އަގުގެ 21 ޕަސެންޓެވެ.

ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ، ތަފާސްހިސާބުތަކުގައިވާ ގޮތުން، ކާބޯތަކެތީގެ ބާވަތްތައް އިމްޕޯޓް ކުރުމަށެވެ. އެއީ އެތެރެ ކުރި މުދަލުގެ ޖުމްލަ އަގުގެ 19 ޕަސެންޓް ކަމަށްވާ 6.4 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ތެލުގެ ބާވަތްތަކަށެވެ. އެއީ 3.5 ބިލިއަން ރުފިޔާ (އެތެރެ ކުރި ޖުމްލަ މުދަލުގެ އަގުގެ 11 ޕަސެންޓް) އެވެ.

މީގެ އިތުރުން، ރައީސް މިއަދު ވިދާޅުވީ މަހުގެ އުކާލާ ބައިތައް ބޭނުންކޮށްގެން، މެރިކަލްޗާގެ ސިނާއަތަށް ބޭނުންވާ ފިޝް މީލް ތައްޔާރުކުރުމުގެ މަސައްކަތް ރާއްޖޭގެ ތިން ސަރަހައްދެއްގައި މި އަހަރު ފަށާނެ ކަމަށެވެ. އަދި މަސްވެރިކަމަށް ބޭނުންވާ ބޭންގް އާލާކުރުމުގެ މަސައްކަތް ވެސް މި އަހަރު ފަށަން ނިންމާފައި ވާއިރު، މަސް ފިނިކޮށް ރައްކާކުރެވޭނެ ފެސިލިޓީއެއް އައްޑޫގައި މި އަހަރު ގާއިމުކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު، އެ މަޝްރޫއުތަކުގެ ތަފްސީލުތަކެއް ވެސް ރައީސް މިއަދަކު ނުދެއްވަ އެވެ.

ރާއްޖޭގެ ހަތަރު ރަށެއްގައި ދަޅުގައި މަސް ބަންދު ކުރާ ކާރުހާނާތަކެއް ހެދުމަށް ސައޫދީ އަރަބިއްޔާ އިން އެހީވާން ނިންމާފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ. މިދިޔަ އޮކްޓޯބަރު މަހު ރައީސް ޔާމީން ސައުދީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު އިއުލާނު ކުރި އެ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައި ވަނީ، ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އޭރު ވިދާޅުވެފައިވާ ގޮތުގައި، އިކްރޯ ކޭނަރީ ފެކްޓްރީތަކެކެވެ.

މިދިޔަ އަހަރުގެ ތެރޭގައި މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ދިޔައަސް، މި އަހަރު ވަނީ މަސްވެރިކަން ރަނގަޅުވާން ފަށައިފަ އެވެ. އެ ގޮތުން، ވަކިން ހާއްސަކޮށް ރާއްޖޭގެ ދެކުނަށް މި ދުވަސްވަރު މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، ސަރުކާރުގެ މަސް ކުންފުނި ކަމަށްވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ގއ. ކޫއްޑޫގައި ހިންގާ ކާރުހާނާ އަށް ވަނީ ވަރަށް ބޮޑަށް ބާރު ބޮޑުވެފަ އެވެ.

ރާއްޖޭން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކާއި އުފެއްދުންތަކެވެ. މަސްވެރިކަން ދަށްވުމުގެ ސަބަބުން މިދިޔަ އަހަރުގެ މެދު ތެރޭގައި ރާއްޖޭގެ އެކްސްޕޯޓް ދަށަށް ދިޔައަސް، މުޅި އަހަރަށް ބަލާއިރު ރާއްޖޭން ބޭރު ކުރި މުދަލުގެ އަގު ވަނީ ހަތް ޕަސެންޓް އިތުރު ވެފަ އެވެ. އެ ގޮތުން، 2015 ގައި 3.7 ބިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރުކޮށްފައި ވާއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 3.9 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.