11 ޖޫން 2016 - 11:17

ކޯޓު އަމުރެއް ތަންފީޒު ކުރުމަށް މިދިޔަ ބުދަ ދުވަހު ފުލުހުން އއ. ހިމަންދުއަށް އެރުމުން ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި ތިން މީހަކު މިއަދު ހައްޔަރު ކޮށްފި އެވެ. އެ މީހުން ހައްޔަރު ކުރީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ކޯޓު އަމުރާ ހިލާފަށް، ބައްޕަޔަކު އޭނާގެ ދެ އަހަރުގެ ދަރިފުޅު މަންމައަށް ފޮރުވައިގެން އުޅޭ ކަމަށް ބުނެ ފުލުހުން ހިމަންދުއަށް ދިޔައީ އެ ކުއްޖާ ބަލަ އެވެ. ފުލުހުން އެ ރަށަށް އަރައި، ކުއްޖާ ގެންދަން އުޅުމުން ބައެއް މީހުން ނިކުމެ އެކަމަށް ހުރަސް އަޅާފައިވެ އެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ވެސް ބޭނުންކުރި އެވެ.
ފުލުސް އޮފީހުން ބުނީ ފުލުހުންގެ މަސައްކަތަށް ހުރަސްއަޅައިގެން މިއަދު މީހުން ހައްޔަރު ކުރިއިރު އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ.
ދަރިފުޅު ފޮރުވައިގެން އުޅޭ މައްސަލައިގައި އެ ކުއްޖާގެ ބައްޕަ މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.