07 ފެބުރުއަރީ 2017 - 06:04

"ރައީސް" ގެ ބަތަލު ޝާހްރުކް ޚާނާއި ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ މީގެ ދުވަސްކޮޅެއް ކުރިން ވަނީ ޕާކިސްތާނުގައި މި ފިލްމު ރިލީޒް ކުރެވޭތީ އުފަލުން ތިބި ކަމަށް ބުނެފަ އެވެ. އަދި ޕާކިސްތާނަށް އުފަން ބަތަލާ މާހިރާ ޚާން ވެސް ބުނީ ޕާކިސްތާނު ގިނަ ބަޔަކު ވެސް އެ ފިލްމު ރިލީޒްކުރާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ކަމަށެވެ.
ނަމަވެސް އާދިއްތަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައި އޮތް ފިލްމު ރިލީޒް ކުރުން ކުއްލިއަކަށް ވަނީ ކެންސަލް ކޮށްފަ އެވެ. ފިލްމު ދެއްކުން މަނާކޮށްފާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.
ޕާކިސްތާނުގެ ނޫހެއް ކަމަށްވާ ސަމާ އިން ބުނެފައިވާ ގޮތުގައި އެ ގައުމުގެ ސެންސަރު ބޯޑުން އެ ފިލްމު ފާސްކޮށް ނުދިނުން އެކަށީގެންވާ ކަމަށެވެ.
ޕާކިސްތާނުގެ އެހެން ނޫހެއް ކަމަށްވާ ޕާކިސްތާން ޑެއިލީ އިން ބުނެފައިވާ ގޮތުގައި ސެންސަރު ބޯޑުން ފިލްމު ފާސްކޮށް ނުދޭން އުޅެނީ ފިލްމުގައި ޝާހްރުކް ކުޅެފައިވާ ގޭންގްސްޓާގެ ކެރެކްޓާއަކީ މުސްލިމަކަށް ވާތީ ކަމަށެވެ. ސެންސަރު ބޯޑުގެ ގިނަ މެމްބަރުން ތިބީ ފިލްމު ފާސް ނުކުރާ ގޮތަށެވެ. ނަމަވެސް ރިވިއު ކުރާ ކޮމެޓީއަށް ފޮނުވައިގެން މުޅި ފިލްމު ބެލުމަށްފަހު ގޮތެއް ނިންމަން ކަނޑައަޅާފައިވާ ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.
"ރައީސް" ރިލީޒްކުރުމަށް މައްސަލަތައް ދިމާވިއިރު ރިތިކް ރޯޝަންގެ "ގާބިލް"ގެ ވަރަށް ކާމިޔާބު ޝޯތަކެއް އެ ގައުމުގައި ދައްކަމުން އެބަދެ އެވެ.
"ރައީސް" މަނާކޮށްފާނެތީ އެންމެ ކަންބޮޑުވެފައި ވަނީ އެ ފިލްމުގެ ބަތަލާ މާހިރާ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ފިލްމު ރިލީޒްކުރެވޭ ގޮތް ވެއްޖެ ނަމަ ބޮޑު ކާމިޔާބީއެއް އެ ގައުމުގައި ފިލްމު ހޯދާނެކަމާ މެދު ޝައްކެއް ނެތެވެ.
"ރައީސް" އަކީ 1980ގެ އަހަރު ތަކުގައި އިންޑިއާގެ ގުޖްރާތުގައި އުޅުނު ރަލުގެ ވަގު ވިޔަފާރިކުރާ މީހަކާއި ފުލުސް އޮފިސަރަކާ ދެމެދު ހިނގާ ކުރިމަތިލުންތަކެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ ރާހޫލް ޑޯލަކިޔާ އެވެ.