13 އޮކްޓޯބަރ 2023 - 12:41

މިނިވަންކަމަކީ ކޮންމެ އިންސާނަކު ވެސް ބޭނުންވާ ކަމެކެވެ. ސަބަބަކީ އެއީ އިންސާނާގެ ފިތުރަތުގައި މާތްﷲ ލައްވަވާފައިވާ އިންސާނީ އެދުމެއް ކަމަށް ވާތީ އެވެ. އެއީ އިންސާނުން އަގު ކުރާ އަގު ހުރި ކަންކަމުގެ ތެރެއިން ވެސް ހިމެނޭ ކަމަކަށް ވާތީ އެވެ. މިގޮތަށް މިކަން ﷲ މެދުވެރި ކުރައްވާފައި ވަނީ ދިރިއުޅުމުގެ ހަޔާތުގައި އިންސާނާ އަދާކުރަންޖެހޭ ދައުރު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި މިކަން މުހިންމު ވާތީ އެވެ.
މިނިވަންކަން ނެތް ނަމަ އަމިއްލަ ޒާތުން ކަންކަމަށް އުފެދޭ ޝައުގު ކުޑަވެގެންދާނެ އެވެ. ކަންކަން ކުރުމުގައި އަޅާނުލުމާއި މަސްއޫލިއްޔަތުން ރެކުމާއި އަބަދުވެސް ތިމާގެ ހައްގު ނުލިބިގެން ޝަކުވާ ކުރުމާއި ވާޖިބުތައް އަދާކުރުމުން އެއްކިބާވުން ފަދަ ކަންކަން މެދުވެރިވާނެ އެވެ. މިހެންވެއްޖެ ނަމަ އިޖުތިމާއީ ވަޒަން ހިފެހެއްޓުން ގެއްލި އަނިޔާވެރިކަން ފެތުރި ފަރުދީ އަދި ޖަމާއީ އިރާދަތު ގެއްލިގެންދާނެ އެވެ. ހަމަ އެއާ އެކު މިނިވަންކަން ނެތިއްޖެ ނަމަ އިލްމުވެރިންނާއި އުފެއްދުންތެރިންނާއި މުސްލިހުންނާއި އިސްވާރުން މުޖުތަމައުން ފެނުން ނާދިރު ކަމަކަށް ވާނެ އެވެ. މި ހުރިހާ ކަމެއްގެ ނަތީޖާއަކަށް ވާނީ މުޖުތަމައުތައް ކުރިއަރައި ތަރައްގީވުމާއި ޙަޟާރަތްތައް އުފަންވެ، އާރޯ ވާން އޮންނަ ފުރުސަތު ގެއްލުމެވެ.
މިކަން މިހެން އޮތުމާ އެކު، މިނިވަންކަމުގެ ބޭނުންހިފުމުގައި އެއްވެސް ކަހަލަ ހުރަހެއް އޮތުން އެއީ އިންސާނީ ތަބީއަތާ ޚިލާފު ކަމެއް ކަމަށް ފަހަރެއްގައި ބައެއް މީހުންނަށް ހީވުން އެކަށީގެން ވެ އެވެ. ހައިވާނުންނަށް ވެސް މިނިވަންކަން ފުރިހަމަ އަށް ލިބިފައިވާ ހިނދު އިންސާނާ އެ ބޭނުން އެ ގޮތުގައި ނުފުއްދަންވީ ކީއްވެގެންހޭ ސުވާލު އުފެދުމަކީ ވެސް ވެދާނެ ކަމެކެވެ. މިނިވަންކަން މުތުލަގު ގޮތެއްގައި ނެތީ ވިއްޔާ ކުރިއަރައި ތަރައްގީ ވާން އޮންނަ ފުރުސަތު މުޅިން ގެއްލިގެން ގޮސްދާނެ ކަމަށް ވެސް ބައެއް މީހުންނަށް ހީވެދާނެ އެވެ.
ނަމަވެސް އިސްލާމީ ނަޒަރުން މިކަމާ މެދު ވިސްނާއިރު އެންމެ ފުރަތަމަ ފާހަގަ ކޮށްލަން ޖެހޭ ކަމަކީ އިންސާނާގެ ފިތުރަތުގައިވާ އެދުންތައް ނުވަތަ ޣަރީޒާތައް ފުއްދުމުގައި މުތުލަގު މިނިވަންކަމެއް ލިބިއްޖެ ނަމަ އޭގެ ސަބަބުން ލިބޭ މަންފާތަކާ އެކު އެތައް ގެއްލުންތަކެއް ވެސް ލިބޭ ކަމެވެ. މިސާލަކަށް ކެއުންބުއިމާއި ޖިންސީ ޣަރީޒާ އާއި މުދަލަށް އޮންނަ ދަހިވެތިކަން އެއްވެސް ގައިދެއް ނެތި ދޫކޮށްލެވުމުން އަމިއްލަ ނަފްސަށާއި އެހެން އިންސާނުންނަށް ގެއްލުން ލިބޭ އެތައް ކަމެއް ކުރިމަތިވެ، ހަމަނުޖެހުމާއި ތަޅާފޮޅުންތަކަށް ދާން ޖެހެ އެވެ. އެކަމަކު ވަކި ގައިދެއްގެ ތެރޭގައި މި އެދުންތަކާއި ޣަރީޒާތައް ކޮންޓްރޯލް ކުރެވިއްޖެ ނަމަ މި ދެންނެވި ގެއްލުންތަކުން ސަލާމަތްވުމާ އެކު، އެދުންތައް ފުއްދުމުގައި ކުޑަ ގުރުބާނެއް ވާން ޖެހުނަސް އެ އިން އުފާވެރިކަމާއި ލައްޒަތު ވެސް ހާސިލް ކުރެވެ އެވެ.
މިނިވަންކަމަށް އިންސާނާ އެދޭ އެދުން ވެސް ފުއްދުމުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއް ނުވަތަ ގައިދުތަކެއް އޮތުން ލާޒިމުވެ އެވެ. އެހެނީ އިންސާނުންނަކީ އެހެން ހުރިހާ ހައިވާނުންނަށް ވުރެ ތަހުޒީބު މަޚްލޫޤަކަށް ވާތީ އެވެ. އިންސާނާގެ ކޮންމެ ޢަމަލަކީ ވެސް އެއާ މެދު އޭނާ މަސްއޫލުވާން ޖެހޭ ޢަމަލެކެވެ. އިންސާނާ ދިރިއުޅެން ޖެހެނީ އޭނާ ފަދައިން އެ މިނިވަންކަމުގެ ޝުއޫރު އޮންނަ ބަޔަކާ އެކު ކަމަށް ވާތީ މިނިވަންކަމުގެ ދަށުން އިންސާނާ ބޭނުން ކޮންމެ ގޮތަކަށް ކަން ކުރުމުގެ ފުރުސަތު އޮވެއްޖެ ނަމަ އިންސާނުންގެ މެދުގައި މައްސަލަތައް އުފެދޭނެ އެވެ. އެހެން ހައިވާނުންގެ މެދުގައި ވެސް އެކަން ހިނގަމުން އަންނަނީ އެގޮތަށެވެ. އެކަމަކު އެސޮރުމެންނަކީ ތަހުޒީބު މަޚުލޫގުން ތަކަކަށް ނުވާތީ ގަދަފަދަ އެތި ނިކަމެތި އެއްޗެތީގެ މައްޗަށް ބާރު ފޯރުވަނީ އެވެ.
އިންސާނުންގެ މެދުގައި މިގޮތަށް ކަން ހިނގަން ދޫކޮށްލައިފި ނަމަ އިންސާނީ އިޖުތިމާއީ ރިވެތި އުސޫލުތަކާ ފުށުއަރާނެ އެވެ. ދެކޮޅުވެރިވުންތަކާއި ތަޅާފޮޅުންތައް ހިނގާނެ އެވެ. ހަނގުރާމަތަކުގެ އަސްލަކަށް ހަގީގަތުގައި ވެގެން ދަނީ އިންސާނުން މިނިވަންކަމުގެ ބޭނުން ހައިވާނުންނާ އެއްފަދައިން ހިފަން އުޅުމުންނެވެ.
ވީމާ މިފަދަ މައްސަލަތަކުން ސަލާމަތް ވުމަށްޓަކައި އިސްލާމްދީން ރާވާފައިވާ އުސޫލަކީ ވަކި ނިޒާމަކަށް ތަބާވެގެން ވަކި ގައިދުތަކެއްގެ ދަށުން އިންސާނާގެ މިނިވަންކަމުގެ ބޭނުން ހިފުމެވެ. އެހެން އިބާރާތަކުން ދަންނަވާ ނަމަ އިސްލާމީ ރިވެތި އުސޫލުތަކަށް ތަބާވެގެން އިންސާނާގެ މިނިވަންކަން ބޭނުން ކުރުމެވެ. މިގޮތަށް މި މިނިވަންކަން ބޭނުން ކުރުމުން ގެއްލުމެއް ލިބިދާނެ ކަމަށް ހީވިއަސް ހަގީގަތުގައި ގެއްލުމެއް ނުލިބޭނެ އެވެ. އޭގެ ބަދަލުގައި އެހެން މީހުންގެ މަސްލަހަތަށް ރިއާޔަތް ކުރެވޭނެ އެވެ. އެހެން މީހުންގެ މިނިވަންކަމަށް އަރައި ނުގަނެވޭނެ އެވެ. މިނިވަންކަމުން ތިބާ ގުރުބާންވެލާ މިންވަރުގެ ބަދަލުގައި ﷲ ގެ ހަޒްރަތުން މި ދުނިޔެމަތީގައި ވެސް އަދި އާޚިރަތުގައި ވެސް އަހަރެމެންގެ ޚިޔާލަށް ނުގެނެވޭ ވަރުގެ ހެޔޮ ބަދަލެއް ލިބޭނެ އެވެ.
ވީމާ މިނިވަންކަމުގެ ބޭނުން ހިފާއިރު ރިވެތި އުސޫލުތަކަށް ތަބާވާން ދަސްކުރަން ޖެހެ އެވެ. މިނިވަންކަމުގެ އެދުން ތަހުޒީބު ކުރެވޭނީ އޭރުންނެވެ. މިކަމަށްޓަކައި އިސްލާމްދީނުގައިވާ އެންމެ ވަރުގަދަ ހަތިޔާރަކީ މާތް ﷲ އަށް އީމާންވެ އާޚިރަތް ދުވަހަށް ބިރުވެތިވުމެވެ. އެ ދުވަހުގެ ހިސާބަށާއި އެ ހިސާބު ބައްލަވާ ފަރާތުން ދެއްވާ ޖަޒާއަށް ސަމާލުކަން ދިނުމެވެ.
ދެ ވަނަ ކަމަކީ މިނިވަންކަމަށް ބޭނުންވުމަކީ އިންސާނާގެ ކަރާމަތްތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށް ގަބޫލުކުރުމެވެ. ކީރިތި ޤުރްއާނުން އެނގޭ ގޮތުގައި އިންސާނާއަކީ ކަރާމާތްތެރި މަޚުލޫގެކެވެ. (އަލްއިސްރާއު 70). އަދި އިންސާނުންގެ ތެރެއިން އެންމެ ކަރާމަތްތެރިކަން ލިބޭ ބަޔަކީ ތަގުވާވެރިންނެވެ. (އަލްޙުޖުރާތު 13).
އެހެންކަމުން އިންސާނުންނަކީ ﷲގެ ކުރިމަތީ ހަމަހަމަ ވެގެންވާ ބައެކެވެ. އެއްވެސް އިންސާނަކަށް އެހެން އިންސާނެއް އަޅުވެތި ކުރުމުގެ ހައްގެއް ލިބިގެނެއް ނުވެ އެވެ. އެހެން ބައެއްގެ އަޅުވެތިކަމަށް ވަނުމަކީ މިނިވަންކަން ގެއްލުމެވެ. އެއީ އިންސާނާގެ ކަރާމަތްތެރިކަން ވެސް ގެއްލުމެވެ. އިންސާނާ އަޅުވެތިވާން ޖެހެނީ ހަމައެކަނި އިންސާނާ އުފައްދަވައި އޭނާ އަށް ދިރިއުޅުމުގެ ހުރިހާ ވަސީލަތްތަކެއް ދެއްވި އޭނާގެ ސާހިބުވަންތަ ވެރިރަސްކަލާނގެ ހަޒުރަތަށް އެކަންޏެވެ. މި އަޅުވެތި ކަމަކީ ކަރާމަތްތެރިކަން ގެއްލޭ އަޅުވެތިކަމެއް ނޫނެވެ. އަދި ކިއެއްތަ؟ އިންސާނާ އަށް ހަގީގީ ކަރާމަތްތެރިކަން ލިބެން އޮތް ހަމައެކަނި ގޮތަކީ އެއީ އެވެ. ތަގުވާވެރި ވެވޭނީ ﷲއަށް ފުރިހަމައަށް އަޅުވެތިވެވިގެންނެވެ. ޢިއްޒަތާ ކަރާމަތްތެރިކަން ލިބިގެންވަނީ ﷲއަށާއި އެކަލާނގެ ރަސޫލާއަށާއި މުއުމިނުންނަށެވެ. (އަލްމުނާފިޤޫން 8). ވީމާ ކަރާމާތްތެރިކަން ބޭނުންވާ ނަމަ މިނިވަންކަން ވަކި ހައްދެއް ނެތި ބޭނުމެއް ނުކުރެވޭނެ އެވެ.
މިނިވަންކަން ވަކި ހައްދެއްގެ ތެރޭ ގެންގުޅެ އެގޮތަށް އިންސާނާ ތަރުބިއްޔަތު ވެވޭނީ ވަކި ނިޒާމެއްގެ މަތީ ހުރުމަށް އިންސާނާ ތަރުބިއްޔަތު ވެގެންނެވެ. މިގޮތަށް އިންސާނާ ތަރުބިއްޔަތު ކުރުމަށްޓަކައި ބޭނުންވާ މުހިންމު ކަންކަމުގެ ތެރޭގައި ކިޔަމަންތެރިކަން ދަސްކުރުމާއި ވަގުތުން ވަގުތަށް ބަރާބަރަށް ކަންކުރަން އާދަކުރުން ހިމެނެ އެވެ. ނިޒާމަށް އިހުތިރާމު ކުރުމާއި އެ ދިފާއު ކުރުމަށްޓަކައި ފިދާވުމުގެ ޒަމީރެއް އޮތުން ހިމެނެ އެވެ. އެ ނިޒާމުގެ ސައްހަކަމާއި ތެދުކަން ހުއްޖަތާއި ދަލީލުން ސާބިތުކޮށްދެވޭ ފަދަ ބުއްދިއެއް އިންސާނާ އަށް ލިބުން ހިމެނެ އެވެ.
އިސްލާމީ އަގީދާ އާއި ޝަރީއާ އާއި އަޚުލާގީ އުސޫލުތަކާ މެދު ފުންކޮށް ވިސްނާލާއިރު މި ދެންނެވި ހުރިހާ ކަންކަމެއް ވެސް ވަރަށް ފުރިހަމަ ގޮތުގައި ހާސިލު ކުރެވޭނެ މަގު އެ ކަންކަމުގެ ތެރޭގައި އޮވެ އެވެ. އިސްލާމް ކަމަކީ އެންމެ ފުރަތަމަ ކިޔަމަންތެރިކަމެވެ. އިސްލާމްގެ މާނަތަކުގެ ތެރެއިން އެއް މާނައަކީ ބޯލަނބައި ކިޔަމަން ގަތުމެވެ. އެ ދީނަށް ތަބާވުން ކަމުގައި ބެލެވެނީ ﷲގެ ހުރިހާ އަމުރުތަކަށް ކިޔަމަން ވެގެންނެވެ. މި އަމުރުތަކަށް ކިޔަމަން ވުމުގެ ތެރެއިން އިންސާނާ އަށް ދަސްވާ އަނެއް ކަމަކީ ވަގުތުން ވަގުތަށް ކަންކަން ކުރުމެވެ. ބަރާބަރަށް ފުރިހަމަ އަށް ކަންކުރަން އާދަވުމެވެ. ރިވެތި އަޚުލާގަށް ތަބާވުމާއި އަގީދާގެ ނިޒާމުގެ ތެރެއިން އިންސާނާގެ ޒަމީރު ވަކި ހަމައަކުން ތަރުބިއްޔަތު ވުމެވެ. ވިސްނައި ފިކުރު ކުރުމާއި ބުއްދީގެ ހަމަތަކުން ކޮންމެ ކަމެއް ވެސް ކިރައި ވަޒަން ކުރުމަކީ އިސްލާމީ ވަރަށް މުހިންމު އުސޫލެކެވެ. އެހެންކަމުން ވަކި ނިޒާމެއްގެ މަތީ ހުރުމަށް އިންސާނާ އަށް ކިތަންމެހާ ރަނގަޅަކަށް ވެސް އިސްލާމްދީން ދަސްކޮށްދެ އެވެ.
މިގޮތަށް ކަންކަން ދަސްވެ، ތަރުބިޔަތު ވެގެންދާއިރު މިނިވަންކަމުން ބައެއް ގުރުބާން ކުރެވޭ ކަމުގެ އެއްވެސް އިހުސާސެއް މިފަދަ މީހަކަށް ނުލިބޭނެ އެވެ. މިއާ ޚިލާފަށް ތިމާއަކީ ފުރިހަމަ މިނިވަނެއް ކަމުގެ އަދި އިއްޒަތާއި ކަރާމަތް ލިބިގެންވާ މީހެއް ކަމުގެ އިހުސާސް ލިބޭނެ އެވެ.