އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބާއްވަން ދަރުބާރުގެ ހޯދަން އެދިއްޖެ
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބާއްވަން ދަރުބާރުގެ ހޯދަން އެދިއްޖެ

އަންނަ ހުކުރުދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ދަރުބާރުގެ ހޯދުމަށް އެ ޕާޓީން ހައުސިން މިނިސްޓްރީގައި އެދިއްޖެ އެވެ.

ދަރުބާރުގެ ހޯދުމަށް އެންމެ ބޮޑު އިދިކޮޅި ޕާޓީން އެދުނު ނަމަވެސް، ދައުލަތުގެ އެއްވެސް ބިމެއް އަދި އިމާރާތެއް ވެސް އެ ޕާޓީގެ ހަރަކާތްތަކަށް މިހާތަނަށް ދުލެއް ނުކުރެ އެވެ. އެކަމާ އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ، އެ ޕާޓީ އަށް ދަރުބާރުގެ ދޫކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި ނަމަވެސް އެތަން ނުލިބުނަސް، ވޯޓުލުން ހަމަ އެ ދުވަހު ކުރިއަށް ގެންދާނެ ކަމަށެވެ.

"ސިޔާސީ ޕާޓީތަކަށް ދަރުބާރުގެ މިހާރު އާއްމުކޮށް ދޫކުރޭ ނޫންތޯ؟ އެހެންވެ އަޅުގަނޑުމެން މި އުއްމީދުކުރަނީ ލިބޭނެ ކަމަށް،" ނިޔާޒު ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު އޮންނާނީ ހުކުރުދުވަހުގެ މެންދުރުފަހު 2:00 އިން 6:00 އަށެވެ. އެމްޑީޕީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ މާލެ އާއި ރަށްރަށުގައި ވޯޓު ލުން ކުރިއަށް ގެންދާނީ އެ ޕާޓީގެ ހަރުގެތަކުގައި ކަމަށެވެ. ނަމަވެސް ދަރުބާރުގެ ލިބިއްޖެ ނަމަ، މާލޭގައި ވޯޓުލުން ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ ދަރުބާރުގޭގަ އެވެ.

އާއްމުންގެ ބޭނުންތަކަށް ދަރުބާރުގެ ނުލިބޭ ކަމުގެ ޝަކުވާ ވެސް ބޮޑުވެފައި ވަނިކޮށް، ހައުސިން މިނިސްޓްރީން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ތައްޔާރީތަކަށް ޕީޕީއެމަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަން ދޫކޮށްފަ އެވެ.

އެމްޑީޕީން އާ ޗެއާޕާސަނެއް ހޮވަނީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް އަަލުން އިއުލާނުކުރުމާއެކު އެކަމަށް ކުރިމަތިލެއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު އެކަންޏެވެ.