ޔަހޫދީ ސިފައިން ގާޒާއަށް އަރާފާނެތީ ބިރެއް ނުގަނޭ: ހަމާސް
ޔަހޫދީ ސިފައިން ގާޒާއަށް އަރާފާނެތީ ބިރެއް ނުގަނޭ: ހަމާސް

އިޒްރޭލު ސިފައިންގެ އެއްގަމު ލަޝްކަރެއް ގާޒާ އަށް އަރައިފާނެތީ އެކަމާ ކަންބޮޑުވެ ޖެހިލުން ނުވާ ކަމަށާއި، ފަލަސްތީނުގެ މުޖާހިދުން ތިބީ އެފަދަ ހާލަތަކަށް ވެސް ތައްޔާރުވެގެން ކަމަށް، ހަމާސް ޖަމާއަތުން މިއަދު ބުނެފި އެވެ.

އިޒްރޭލުން މި މޭރުމުން ރައްދު ދިނީ، ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް މި ދިޔަ ހޮނިހިރު ދުވަހު ފަށާފައިވާ ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގައި ގާޒާ އަށް އެއްގަމު ސިފައިން އަރަން ތައްޔާރުވެފައިވާ ކަމުގެ އަޑުތައް ފެތުރުމާ ގުޅިގެންނެވެ. އިޒްރޭލުގެ ލައްކައަކަށް ވުރެ ގިނަ ސިފައިން ޓޭންކުތަކާއި ބަރު ހަތިޔާރުތަކާ އެކު ގާޒާގެ ރަށްބޭރަށް ޖަމާކުރުމަށް ފަހު، އެއްގަމު މަގުން ގާޒާ އަށް އަރައިގަންނާނެ ކަމަށް، އިޒްރޭލުން އިއްޔެ ވަނީ މިސްރަށާއި އެމެރިކާ އަށް އަންގައިފަ އެވެ.

"އަހަރެމެން ބިރެއް ނުގަނޭ. އަހަރެމެންނަކީ ބާރު ގަދަ ރައްޔިތުންތަކެއް. މި ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ވަރަށް ވަރުގަދަ އަޒުމެއް އަހަރެމެންގެ ކިބައިގައި އެބަ އޮތް. އަހަރެމެންގެ ތެރޭގައި ވަރަށް ގިނަ ހަނގުރާމަވެރިންނާއި އަހަރެމެންނަށް ވާގިވެރިވާން ބޭނުންވާ ވަރަށް ގިނަ މީހުން އެބަތިބި،" ހަމާސްގެ ސިޔާސީ ގޮފީގެ މެމްބަރު ޣާޒީ ހަމަދު މިއަދު ވިދާޅުވި އެވެ.

"ޖޯޑްންގެ ބޯޑަރު ކައިރީގައި ވެސް، ލެބަނާން އާއި އެހެން ގައުމުތަކުގައި ވެސް، މިތަނަށް އައިސް އަހަރެމެންނާ އެކުގައި ހަނގުރާމައިގައި ބައިވެރިވާން ބޭނުންވާ އެތައް ބަޔަކު އެބަތިބި. ގާޒާއަކީ ހިތްފަސޭހަ ބަގީޗާއެއް ނޫން. އެމީހުން (އިޒްރޭލު ސިފައިން) މި ތަނަށް އަރައިފިއްޔާ އެކަމަށް އެމީހުން ވަރަށް ބޮޑު އަގެއް ދައްކަންޖެހޭނެ."

އޭނާ ވިދާޅުވި ގޮތުގައި ހަމާސް އިން ފެށި ހަނގުރާމައިގެ ސަބަބުން، އިޒްރޭލާ މެދު ދުނިޔެ ދެކެމުން އައި ގޮތް މުޅިން ބަދަލުވެއްޖެ އެވެ.

"އަހަރެމެން މި ހަނގުރާމަ ފެށި ފަހުން، އިޒްރޭލުގެ ތެރެއަށް 1200 އަށް ވުރެ ގިނަ މުޖާހިދުން އަހަރެމެން ފޮނުވައިފިން. އެމީހުން އިޒްރޭލަށް ވަނުމުގެ ސަބަބުން އިޒްރޭލުގެ ސޫރަ ފަނާވެއްޖެ. އިޒްރޭލުގެ ރައްކާތެރިކަމާއި އިޒްރޭލުގެ ޖާސޫސީ ގާބިލުކަން ވެސް މުޅިން ފުނޑުފުނޑުވެ، އިޒްރޭލަކީ އެންމެ ގަދަ ބާރު ކަމަށް ދައްކައިގެން އުޅުނު ދަޅަ މުޅިން ފަނޑުވެއްޖެ."

އިޒްރޭލުގެ އަސްކަރީ ތަޖުރިބާކާރުން ބުނާ ގޮތުގައި ގާޒާ އަށް އެއްގަމު ސިފައިން ފޮނުވަން ނިންމުމަކީ، އިޒްރޭލުން ނިންމި ގޯސް ނިންމުމެކެވެ. ގާޒާގެ ތެރެއަށް ސިފައިން ވަދެއްޖެ ނަމަ، މިހާރު ލިބޭ ގެއްލުމަށް ވުރެ މާ ބޮޑެތި ގެއްލުންތައް އިޒްރޭލު ސިފައިންނަށް ލިބޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

"ހަމާސްއަކީ ހަމައެކަނި ޖަމާއަތެއް ނޫން. ހަމާސް އަކީ ފަލަސްތީނު ރައްޔިތުން އިޒްރޭލަށް ދޭ ޖަވާބު. ހަމާސްއަކީ އަޅުވެތިކަމެއްގެ ތެރޭގައި އެތައް އަހަރެއް ވެއަތުކުރަން ޖެހުމުގެ ސަބަބުން މާޔޫސްވެފައި ތިބި ރައްޔިތުންތަކެއްގެ ޖަވާބު. ހަމާސް ޖަމާއަތް އެ ތަމްސީލުކޮށްދެނީ، ދައުލަތެއް ވުޖޫދުވުމާއި އެހެން ގައުމުތަކުން އެ ދައުލަތުގެ ސިޔާދަތު ގަބޫލުކުރުމަށް ކެތްމަދުވެފައި ތިބި ރައްޔިތުންތަކެއްގެ އުންމީދާއި، އެކަން ހާސިލު ނުވުމުގެ މާޔޫސްކަން،" އޮސްޓްރޭލޮޔާގެ ޑެއަކިން ޔުނިވަސިޓީގެ ރިސާޗް ޕްރޮފެސަރު ޝަހްރާމް އަކްބަރް ޒާދާ ވިދާޅުވި އެވެ.

ފަލަސްތީނުގެ ބިމުގައި 1948 ވަނަ އަހަރު އިޒްރޭލުގެ ނަމުގައި އުފެއްދި ޔަހޫދީ ދައުލަތުން، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓުވުމުގެ ގޮތުން، އަގްސާ ތޫފާންގެ ނަމުގައި ހަމާސް އިން އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ފެށީ، މި މަހުގެ 7 ވަނަ ދުވަހު އެވެ. އެ ހަނގުރާމައަށް މިއަދަށް ހަ ދުވަސް ވެގެން ދިޔައިރު، ހަމާސްގެ ހަމަލާތަކުގައި މަރުވި އިޒްރޭލު މީހުންގެ އަދަދު މިހާރު ވަނީ 1400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި ސިފައިންގެ 190 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. މީގެ އިތުރުން އިޒްރޭލުގެ 3700 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.

އެ ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 1200 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، އިތުރު 5600 މީހަކު ވަނީ ޒަޚަމްވެފަ އެވެ. ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި ޝަހީދުވި އަދި ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ މިހާރު ވެސް ސުންނާފަތި ވެފައިވާ އިރު، އިޒްރޭލުން މިހާރު ތައްޔާރުވަމުން ދަނީ، އެއްގަމު މަގުން ގާޒާ އަށް އަރައިގަތުމަށެވެ. ގާޒާގެ ރަށްބޭރުގައި އިޒްރޭލުގެ އެއް ލައްކަ އަށް ވުރެ ގިނަ ސިފައިން، ޓޭންކުތަކާއި ބަރު ހަތިޔާރުތަކާ އެކު ތައްޔާރީ ހާލަތުގައި ތިބި އިރު، ގާޒާ އަށް އަރައިގަންނާނެ ކަމަށް، އިޒްރޭލުން ވަނީ މިސްރަށާއި އެމެރިކާ އަށް އަންގައިފަ އެވެ.