ރަންބީރުގެ "އެނިމަލް"ގެ ފުރަތަމަ ލަވަ ނެރެފި
ރަންބީރުގެ "އެނިމަލް"ގެ ފުރަތަމަ ލަވަ ނެރެފި

ރަންބީރު ކަޕޫރުގެ ކުރިއަށް އޮތް އެކްޝަން ތުރިލާ ފިލްމު "އެނިމަލް"ގެ ފުރަތަމަ ލަވަ އިއްޔެ ރިލީޒްކޮށްފި އެވެ.

ޕްރީތަމް އަދި ރާގަވް ޗައިތަންޔާގެ އަޑު ކިޔާފައިވާ މި ލަވައިގެ ނަމަކީ "ހުއާ މެއި" އެވެ. ޓީ-ސީރީޒްގެ ޔޫޓިއުބްގައި މި ލަވަ ރިލީޒްކުރިތާ އެއް ދުވަސް ތެރޭގައި މިހާރު ވަނީ 16 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.

ލޯބީގެ މި ލަވައިގައި ފެންނަނީ މި ފިލްމުގެ ލީޑު ތަރިން ކަމަށްވާ ރަންބީރު އާއި ރަޝްމީކާ މަންދަނާ އެވެ.

"އެނިމަލް" އަކީ ދަރިއެއްގެ ހިތުގައި ބައްޕައަށް އޮތް ލޯބި އަދި ބަދަލުގައި ދަރިފުޅަށް ބައްޕަގެ ފަރާތުން ބޭނުންވާ ލޯބި އެންމެ ރަނގަޅަށް ނުލިބުމުން ހިނގާ ބޮޑެތި ކަންތައްގަނޑެއް ދައްކާނެ އެކްޝަން ފިލްމެކެވެ. މި ފިލްމުގައި އެކްޝަންގެ ވަރުގަދަ މަންޒަރުތަކެއް ހިމެނޭނެ އެވެ.

މި ފިލްމަކީ "ކަބީރު ސިންގް" އާއި "އަރުޖުން ރެއްޑީ" ކަހަލަ ފިލްމުތައް ހެދި ސަންދީޕު ވެންގާ ރެއްޑީގެ ޑައިރެކްޝަނެކެވެ.

"އެނިމަލް"ގެ ލީޑް ރޯލުތަކުން ފެންނާނީ ރަންބީރު، ރަޝްމީކާ، އަނިލް ކަޕޫރު، ބޮބީ ޑިއޯލް އަދި ތުރިޕްތީ ދިމްރީ އެވެ.

ޓީ ސީރީޒް އާއި ސިނޭ ވަން ސްޓޫޑިއޯސް އަދި ބަދުރަކަލީ ޕިކްޗާސް އިން ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކުގައި އަޅުވަނީ އަންނަ ޑިސެމްބަރު މަހު އެކެއްގަ އެވެ.