ފަލަސްތީނަށް އެހީވާން ޓެލެތޯންއެއް ބާއްވަނީ
ފަލަސްތީނަށް އެހީވާން ޓެލެތޯންއެއް ބާއްވަނީ

އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ފައިސާ ހޯދަން ރާއްޖޭގެ ހުރިހާ މީޑިއާތަކުން ގުޅިގެން ޓެލެތޯންއެއް ބާއްވަން ނިންމައިފި އެވެ.

ފަލަސްތީނަށް އެހީވާން ޓެލެތޯންއެއް ބާއްވަނީ
ފަލަސްތީނަށް އެހީވާން ޓެލެތޯންއެއް ބާއްވަނީ

މިދިޔަ ހޮނިހިރު ދުވަހު ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކާ އެކު އިޒްރޭލުން ބަދަލު ހިފަން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 900 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 4،500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

ފަލަސްތީނަށް އެހީވާން ޓެލެތޯންއެއް ބާއްވަނީ
ފަލަސްތީނަށް އެހީވާން ޓެލެތޯންއެއް ބާއްވަނީ

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ވައިސް ޗެއާމަން އާދަމް ނާއިފް ވިދާޅުވީ ގާޒާއަށް އެހީވާން ވަރަށް ގިނަ ކަންކަން ރާވާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ކަމަކީ މީޑިއާތަކުގެ އިސްނެގުމަށް ބާއްވާ ޓެލެތޯން ކަމަށާއި އެ ޓެލެތޯން ހުކުރު ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ ހުކުރު ނަމާދުގެ ކުރިން މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގެ ބޭރުގައި ފަންޑު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރަށްރަށުގެ މިސްކިތްތަކުގައި ވެސް އެ ރަށްރަށުން އިސްނަގައިގެން ފަންޑު ފޮށި ބަހައްޓަން އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.

ފަލަސްތީނާ އެކު ދިވެހިން ތިބިކަން އެންގުމަށް ހުކުރު ދުވަހު ހަވީރު އަންހެނުންގެ އެއްވުމެއް މުޅި ރާއްޖޭގައި ބާއްވަން ވަނީ ނިންމާފަ އެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ހިމޭން އިހްތިޖާޖެއް ކުރިއަށް ގެންދިއުމަށް ވެސް ރާވާފައިވެ އެވެ.

އެ ޖަމިއްޔާއިން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކުރުމަށް ވީހާ ވެސް ގިނަ މީހުން މި ހަރަކާތްތަކުގައި ބައިވެރިވާން އެދިފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ދޭ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް 2021 ވަނަ އަހަރު ވެސް ރާއްޖޭގައި ބޮޑު ހަރަކާތެއް ބޭއްވި އެވެ. އަދި ގިނަ އަދަދެއްގެ ފައިސާގެ އެހީ އާއި ތަކެތި ވެސް ރާއްޖެއިން ފޯރުކޮށްދިނެވެ.