07 ފެބުރުއަރީ 2017 - 05:58

މި އޮތީ މުދައްރިސް ކުރެން ދަރިވަރަކު އެހި ކަމަށް ބުނެވޭ ސުވާލަށް ވެފަ އެވެ. "އަޅުގަނޑު ނުކުރާ ކަމަކަށް އަދަބު ދެވިދާނެތޯ" އެވެ. މުދައްރިސް ވިދާޅުވީ އަދަބު ނުދެވޭނެ ކަމަށެވެ. އެ ދަރިވަރަކު އެ ގޮތަށް ސުވާލުކުރީ ގޭގައި ކުރަން ހަވާލުކުރި މަސައްކަތް ނުނިންމާ ކުލާހަށް ދިއުމުން، ދީފާނެ އަދަބަކުން ސަލާމަތްވުމަށެވެ.
އެމެރިކާގެ ރައީސް، ޓްރަމްޕް ވެސް އެ ކަހަލަ ކަމެއް ކުރައްވައިފި އެވެ. ސެމްސަންގުން ކުރަން ޚިޔާލު ވެސް ކޮށްފައި ނެތް ކަމަކަށް ޝުކުރު އަދާކުރެއްވީ އެވެ.
ޓްރަމްޕްގެ ވެރިކަމުގައި ކުންފުނިތަކުން އެމެރިކާގައި ވަޒީފާ އުފައްދަން ޖެހެ އެވެ. އެޕަލް އަށް ވެސް ވަނީ އެކަން އަންގާފަ އެވެ. އެމެރިކާގައި އައިފޯނު އުފައްދައިފި ނަމަ ރަނގަޅު އެހީތައް ދޭނެ ކަމަށާއި، ގައުމުން ބޭރުގައި އުފައްދައިދި ނަމަ ބިރުގަންނަ ވަރަށް ޓެކްސް ބޮޑުކުރާނެ ކަމަށެވެ. އެކަމާ ވިސްނާނެ ކަމަށް އެޕަލް އިން ބުންޏެވެ.
އެމެރިކާގައި އިތުރު ފެކްޓަރީއެއް އަޅާކަށް ސެމްސަންގުން އަދި ނުވިސްނަ އެވެ. ސެމްސަންގަށް ޝުކުރު އަދާކުރައްވައި ޓްރަމްޕް ކުރެއްވި ޓްވީޓަށް ނިސްބަތްކޮށް އެ ކުންފުނިން އާމުންކުރި ނޯޓެއްގައި ބުނެފައި ވަނީ، ތަނެއްގައި ފެކްޓަރީއެއް އެޅުމަކީ ބުނެލާހާ އަވަހަށް ކުރެވޭ ކަމެއް ނޫން ކަމަށެވެ. އެކަން ކުރުމަށްޓަކައި ގިނަ ރޭވުންތަކެއް ރާވަންޖެހޭ ކަމަށް ބުނެފައިވެ އެވެ.
ޓްރަމްޕްގެ ޓްވީޓާ މެދު ސެމްސަންގުން ދެކެނީ އެއީ އެދުމެއް ކަމަށެވެ. މާނަ އަކީ ސެމްސަންގުން އެމެރިކާގައި އިތުރު ފެކްޓަރީތައް އެޅުމަށް ޓްރަމްޕް އެދިވަޑައިގަތުމެވެ. އެކަމާ ގުޅިގެން ކުންފުނި ޕްރެޝަރަށް ގޮސްފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. ނޭނގި ތިއްބާ ބޮޑު ކަމެއް އެ ވަނީ ބޮލުގައި އަޅުވާފަ އެވެ. އެކަމުން ސަލާމަތްވުމަށް ކުރާ ކަމަކުން، އެމެރިކާ އަށް އެތެރެކުރާ ސެމްސަންގް ފޯނުތަކުން ބޮޑު ޓެކުހެއް ނަގާ ގޮތަށް އަމުރުކުރެއްވުމަކީ ވެސް ކުރައްވަފާނެ ކަމެކެވެ.
އެމެރިކާ ފަދަ ބާރުގަދަ ގައުމުތަކުގެ ވެރިން ރުހޭ ލިސްޓްގައި އޮތުމަކީ ކޮންމެ ބަޔަކު ވެސް އެދޭނެ ގޮތެކެެވެ. އެމެރިކާގައި އަަވަހަށް މަސައްކަތްތައް ފަށައިގަތުމަށް ގިނަ ކުންފުނިތަކަކުން މިހާރު ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.