11 އޮކްޓޯބަރ 2023 - 06:28

ތޫނު ކަށްޓަކުން އެސް އަކުރު ފެވެމުންދިޔަ އިރު އަހަރެން ކެތްކޮށްލައިގެން އޮތީމެވެ. ރައްޓެހިންގެ ނަޒަރުގައި އެ ޓެޓޫ ތަންކޮޅެއް ބޮޑެވެ. އެމީހުންނަކަށް ނޭނގެއެވެ. އަހަންނަށް އެ ވަރު ވެސް ކުޑައީއެވެ. އަހަރެންގެ މޫނަށްވުރެ ކުރިން އެ އަކުރު ސަލްވާއަށް ފެންނަން އަހަރެން ބޭނުމެވެ. އެކުވެރިންގެ ބެންކޮކު ދަތުރުގައި އަހަރެން ބައިވެރިވި ހަމަ އެކަނި މަގުސަދަކީ ވެސް އަތުގައި ޓެޓޫއެއް ޖެހުމެވެ. ސަލްވާ ދެކެ އަހަރެން ކިހައި ލޯބިވާކަން ސަލްވާއަށް ދެއްކުމަށް ޓަކައެވެ. ޓެޓޫއަކީ ސަލްވާ ވަރަށް ގަޔާވާ އެއްޗެކެވެ. ބޯދިގުކޮށްފައި ހުރުމާއި، އިސްތަށިގަނޑު ފިބާކުރުމާއި، ތުނިކޮށް ތުނބުޅިމަތިމަސް ބެހެއްޓީ ވެސް ހަމަ ސަލްވާއަށް ޓަކައެވެ. ބަނޑުހިންދައި، ހަށިގަނޑު ވަރުގަދަކޮށް، ގިޓާޖަހަން ދަސްކޮށް، ގަދަ ނޫ ޖިންސާއި އަތްކުރު، ގަޔަށް ބާރު، ހުދު ޓީޝާޓު ލާންފެށީ ވެސް ސަލްވާއަށް ޓަކައެވެ. ސަލްވާގެ އެކުވެރިއެއްގެ ފަރާތުން އެނގުނު ގޮތުގައި، އެއީ ސަލްވާއަށް އެންމެ ރީތި ފިރިހެނެއްގެ ރަހަފަތެވެ. ހިތާމައަކީ، އެ ހުރިހައި ކަމެއް ކުރުމުން ވެސް ސަލްވާގެ ސަމާލުކަން ނުލިބުނުކަމެވެ. ތަނެއްގައި އަހަރުމެން ދެމީހުން އެކަނި ތިއްބަސް އަހަރެން އެ ތަނުގައި ހުންނަހެން ވެސް ސަލްވާއަކަށް ހިޔެއްނުވެއެވެ. އެއީ ހާދަހާ ހިތަށް ތަދުވާ ކަމެކެވެ.
ޓެޓޫޖަހައިގެން މާލެއައުމުން ފުރަތަމަ ކުރިމަތިލާންޖެހުނީ ބައްޕަޔާއެވެ. ހައިފާއަށް ވެސް ޓެޓޫޖެހުން ކަމަކުނުދިޔައެވެ. އެއީ އަހަރެންގެ ކޮއްކޮއެވެ. ހަގީ އެންމެ އަހަރެކެވެ. ބައްޕައާއި ހައިފާ، އެއްވެސް ކަމަކާ ނުލައި "އެސް" އަކުރުގެ ތެރެއަށް ދީން ވެއްދިއެވެ. މީހަކާ ވައްތަރަކަސް އެ ޓެޓޫއަކީ، އާދައިގެ އެސް އަކުރެކެވެ. ބުދެއް ނޫނެވެ. އެމީހުންނަށް އެ ވަރު ނުވިސްނުނީމައި އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އަހަރެން ހުސްހަށިބަޔަށް ހުންނާތީ އެކަކު ވެސް ކަންބޮޑުނުވަނީ ކީއްވެގެންހެއްޔެވެ؟ އަހަރެންގެ މައްސަލައެއް ނެތެވެ. ސަލްވާއަށް ޓަކައި އެހެން ހުރިހައި ލޯތްބެއް ގުރުބާންކުރާނީއޭ ހިތަށްއެރިއެވެ. އަހަރެންގެ އުމުރުން ތޭވީސް އަހަރު ވެއްޖެއެވެ. އަހަރެންގެ ކަންކަން އަހަރެން އަމިއްލައަށް ނިންމުމުގެ އިހުތިޔާރު އޮންނަންޖެހޭނެއެވެ.
ސަލްވާއަކީ ފޯނު ހިދުމަތްދޭ ކުންފުންޏެއްގެ ކައުންޓަރުގައި އިންނަ ކުއްޖެކެވެ. ދެތިން ދުވަހަކު ފާރަލައިގެން އެ ކައުންޓަރުން އަހަންނަށް ފުރުސަތުލިބުނެވެ. ދިޔަ ގޮތަށް ގޮސް މޭޒުމަތީގައި އަތްބާއްވައިލީމެވެ. އަހަންނަކީ، ބޮޑުވައިއިނގިލި ކުރިން ފެށިގެން ނިތްކުރިޔާ ހަމައަށް، ސަލްވާ ބޭނުންވި ސިފަތައް ހުރި ޕެކޭޖެކެވެ. އަޅެ އެއްފަހަރު އަހަންނަށް ހިނިތުންވެލި ނަމަވެސް ކީއްހެއްޔެވެ؟ އަހަރެންގެ އަތަށް ބަލައިލި ނަމަ ކީއްހެއްޔެވެ؟ އެ ވަރުގެ އިޝާރާތަކުން ވެސް އަހަންނަށް ފުދޭނެއެވެ. ޝުކުރުކުރާނަމެވެ. އެންމެ އުންމީދެއް ވެސް ފުރިހަމަ ނުވެ، ބޭކާރު ސިމުކާޑެއް ހިފައިގެން އަހަރެން ނުކުތީއެވެ. މަގުމައްޗަށް ނުކުމެފައި ހިތަށްއެރިއެވެ. އަހަރެން ދާނީ ކޮންތާކަށްހެއްޔެވެ؟ ސަލްވާ އިނީ އެތެރޭގައެވެ. އެތެރެއަށް ވަންނަން އުޅެފައި ހިތަށްއެރިއެވެ. ނުވަންނާނަމެވެ. އޭނައަކަށް އަހަންނެއް ނުފެންނާނެއެވެ. ބޭރަށް ނުކުންނަން އުޅެފައި ހިތަށްއެރިއެވެ. އަދި އެއް ފަހަރު ސަލްވާ ބަލައިލިއްޔާ ހިތްހަމަޖެހޭނެއެވެ. އެތައް އިރަކު އެނބުރިފައި، މާޔޫސްވެގެން އަހަރެން ދިޔައީއެވެ.
އަހަރެން ވަޒީފާއަދާކުރަނީ، ސަރުކާރު ސުކޫލެއްގެ އިދާރީބައިގައެވެ. ކިޔަވާކުދިން އެ ތަނަށް އަންނާނީ ވަރަށް މަދުންނެވެ. އެހެންނަމަވެސް، އަހަރެން އަތުގައި ޓެޓޫ ކުރަހާފައިހުރުން އެއީ މައްސަލައަކަށް ވެއްޖެއެވެ. ދެއްކޭ ނަމޫނާ ގޯސްވުމާއި، ދެވޭ މެސެޖު ނުބައިވުމާއި، ސުކުލޫގެ ކަރާމާތަށް ގެއްލުންލިބޭކަމަށް ވެއްޖެއެވެ. އަހަރެން ހިތަށްއެރިއެވެ. އަހަންނަކީ ހަމަ އެހައި ނުފޫޒުގަދަ މުވައްޒަފެއްހެއްޔެވެ؟ ޔަގީނުން ވެސް މުސާރައަކުން އެ ކަމެއް ނޭނގެއެވެ. އަޅައެއްނުލަމެވެ. ދެން އައީ އޯޑަރެވެ. އެސް އަކުރު ފުހެނުލައިފި ނަމަ، ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރެވެ. އަހަރެންގެ އަތް ބުރިކޮށްލިޔަސް، ލޭގައި ވެސް "އެސް" އަކުރު ދައުރުވާނެކަމެއް ޕުރިންސިޕަލަކަށް ނޭނގެއެވެ. ސަލްވާއަށް ޓަކައި ބައްޕަގެ އަމުރު ބޮލާލައި ޖެހި މީހަކަށް ޕުރިންސިޕަލް ވާނީ ކާކަށްހެއްޔެވެ؟
ވަޒީފާދޫކޮށްލީމެވެ. ސަލްވާގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ގޮންޖެހުމަކަށް ބަދަލުވިއެވެ. ވަޒީފާ އިންޓަވިއުއަށް ދާ ކޮންމެ ތާކުން އަހަރެންގެ ސެޓުފިކެޓަށް ވުރެ، އެސް އަކުރަށް ބަލާ ވަގުތު ގިނައެވެ. ފަހުން ގުޅާނަމޭ ބުނެފައި ނުވެސް ގުޅައެވެ. އެކަމަކު ސަލްވާގެ ލޯބި ނުލިބުނު ތަނުގައި ރަހުމަތްތެރިކަން ވެސް ނުލިބުނެވެ. އަހަރެން މީ ކީއްކުރާ މީހެއްހެއްޔެވެ؟ އަހަރެންގެ އަސްލު މައްސަލައަކީ ކޮބައިހެއްޔެވެ؟ އެ ސުވާލު ހިފައިގެން އަހަރެން ދާން ހުރި ހަމަ އެކަނި މީހަކީ ހައިފާއެވެ.
"އަހަރެން ހުންނަލެއް ސަޅިތަ؟" ފޯނުން އަހަރެން އެހީމެވެ.
"ބޭބޭ! މީ ހައިފާއޭ!" ހައިފާ ބުންޏެވެ. "ބޭބެގެ ކޮއްކޮ!"
"އެނގެޔޭ! ރައްޓެހިވާކަށް ނާހަމެއްނު! މި އަހަނީ އަހަރެން ސަޅިހޭ؟" އަހަރެން ބުނީމެވެ. "ހައްތާ ވެސް ހައިފާޔާ ޝެއާނުކުރަން ހުރީ. އެކަމަކު މި ވާހަކަދެއްކޭނެ އެހެން ގާރލްއެއް ނެތޭ! ޓެޓޫއެއްގެ މައްސަލަޖެހުނެއްނު! އެސްގެ މާނައަކީ ސަލްވާ! އަހަރެންގެ ޑްރީމް ގާރލް! އޭނައަށް ކަމުދާ ހުރިހާ ކަމެއް ކުރީމަ ވެސް އޭނަ ބަލާ ވެސް ނުލިޔޭ! ކީއްވެގެންތަ؟ ހެލްޕް މީ ސިސްޓަރ!"
"ސީރިޔަސްކޮށް؟" ހީނގެންފައި ހައިފާ ބުންޏެވެ. "އޯކޭ! ކީކޭ އޭނަ ބުނީ؟"
އަހަރެންގެ އަނގަބަންދުވިއެވެ. އަހަރެން ލޯބިވާ ވާހަކަ ދުވަހަކު ވެސް ސަލްވާއަކަށް ނާންގަމެވެ. ވީމާ، އެ ނަޒަރުން ސަލްވާ އެއްވެސް އެއްޗެއް ނުބުނެއެވެ.
"ދެން ބުނޭ އަދި ނުވެސް އަހަމޭ!" ހައިފާ ބުންޏެވެ. "ބޭބެ މިހާރު ވެސް ހީވަނީ ހަލްކްހެން. އެކަމަކު އެ ވަރު ކަމެއް ވެސް ކުރާކަށް ނުކެރޭ! ދެން ކިހިނެއް އެ ގާރލްއަށް އެނގޭނީ؟ ބޭބޭ! ބުނީމަ ނޫނީ އެނގޭކަމަށް ނަހަދާ ކުދިން އުޅޭނެ. އަހަރެން ވެސް މީ އެ ކަހަލަ ކުއްޖެއް."
ހައިފާ ބުނީ ތެދެކެވެ. ސަލްވާއަށް ޓަކައި އަހަރެން އެޓްލާންޓިކް ކަނޑުގައި ފެތިޔަސް، މައުންޓް އެވަރެސްޓަށް އެރިޔަސް ސަލްވާއަކަށް ނޭނގޭނެއެވެ. އަހަރެން ކިހައި މޮޔަހެއްޔެވެ؟ ލޯބިވާ ވާހަކަ ބުނަން ސަލްވާޔާ ބައްދަލުކުރާކަށް ވެސް، ފޯނުކުރާކަށް ވެސް، މެސެޖެއް ފޮނުވާކަށް ވެސް ނުކެރުނެވެ. އެތައް މެސެޖެއް ލިޔެފައި ފުހެލީމެވެ. އަނެއްކާ ވެސް ދިޔައީ ހައިފާ ގާތަށެވެ. އެއީ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ. ލަދުކަމެކެވެ. އެކަމަކު ލަދަކާ ހުރެ ތަދެއް ނުފިލާނެއެވެ. ފޯނުން ވާހަކަދެއްކުމުގެ ބަދަލުގައި އެ ފަހަރު ހައިފާ ކައިރިއަށް ގޮސް ކިޔައިދިނީމެވެ.
"ބޭބޭ!" ހައިފާ ބުންޏެވެ. "އަހަންނަކީ މެޖީޝަނެއް ނޫނޭ! ނަންބަރު ހޯދައިގެން އަހަރެން ގުޅަންތަ ބޭބެގެ ޑްރީމްގާރލްއަށް؟"
އެ ހުއްދަ ދޭކަށް ވެސް އަހަންނަކަށް ނުކެރުނެވެ. އަހަރެން ހަމަ ފިޑީހެއްޔެވެ؟
"ދެން ކޮން ގޮތެއް ބޭބެ ބޭނުމީ؟" ހައިފާ އެހިއެވެ.
"އޭނަ ނޫނެކޭ ބުންޏަސް، މި ބުނީ ރިޖެކްޓްކުރިޔަސް، އޭނަޔާ ފޭސްކުރަން އުނދަގޫ ނުވާނެ ގޮތެއް ބޭނުމީ!" އަހަރެން ބުނީމެވެ. "ހައިފާއަކީ މެޖީޝަނެއް. ކޮންމެވެސް ގޮތެއް ހޯދާނެ."
"ގޯނި ފުލަށް!" ހައިފާ ބުނެލިއެވެ. "އޯކޭ! ތި ޖެހުނީ ގޫގުލްކުރަން."
ތިން ދުވަސްވީ އިރު ވެސް ހައިފާ ދިރާސާކުރީއެވެ. ހަތަރުވަނަ ދުވަހު އަހަރެން ގެނެސް ލެޕްޓޮޕް ކައިރީގައި ބޭންދިއެވެ.
"އެބަ އޮތް ގޮތެއް،" ހައިފާ ބުންޏެވެ. "އެކަމަކު ޕްރެކްޓިސްކުރަން ޖެހޭނީ. މީ ހަމަ އެކަނި ޗޮއިސް."
"އެހެންވިއްޔާ އެހެން ގޮތެއް ނެތެއްނު!" އަހަރެން ބުނީމެވެ. "ހިނގާ ފަށަމާ!"
ހައިފާ ލެޕްޓޮޕް އަނބުރައިލިއެވެ. އޭގެ އަސާސަކީ "ލުސިޑް ޑްރީމް" އެވެ. އަހަރެން މަޑުމަޑުން އޭގެ ތެރެއަށް ވަނީމެވެ. ލުސިޑް ޑްރީމްގެ އެންމެ މުހިންމު ސިފައަކީ، ފެންނަ ހުވަފެނުގެ މައްޗަށް އަމިއްލަ ބާރުފޯރުމެވެ. ހުވަފެން ފެންނަމީހާ ހުވަފެން ކޮންޓުރޯލުކުރުމެވެ. އެއީ ހުވަފެނެއްކަން އެނގިހުރެއެވެ. ބަލިމީހާއަށް ޑަކުޓަރުން އެ ކަން ދަސްކޮށްދީގެން، ބަލިމީހާގެ ނަފުސާނީ ބިރުތަކާ ހަނގުރާމަކޮށް ކާމިޔާބުކުރުމަށް މަގުފަހިކޮށްދެއެވެ. މީހާއަށް ގެއްލުމެއްލިބުނަ ނުދީއެވެ. ކަނޑުމައްޗަށް އަރަން ނުކެރޭމީހާ ކަނޑުމައްޗަށް ނާރުވާ ކަނޑުމައްޗަށް އަރުވައިގެންނެވެ. މަތިންދާބޯޓަށް އަރަން ނުކެރޭމީހާ ބޯޓަކަށް ނާރުވާ ބޯޓަށް އަރުވައިގެންނެވެ. އެ ކަމަށް މީހާ ހޭނުވުމަށް ޓަކައި ކަންތައްތަކެއް ދަސްކޮށްދޭންޖެހެއެވެ. ފަރިތަކޮށްދޭން ޖެހެއެވެ.
ހައިފާއަށް ފެނިގެންއުޅެނީ ލުސިޑް ޑްރީމްއާ ތިމާގެ އެއްޗެއްކަމުގައިވާ "ޑްރީމް ވޯކިންގް" އެވެ. އެއީ ނިދީގައިހިގުން ގޮތަށް، ހުވަފެނުގައިހިނގުމެވެ. އެކަކު އަނެކަކުގެ ހުވަފެނުގެ ތެރެއަށް ވަނުމެވެ. އޭރުން ދެމީހުންނަށް ފެންނާނީ އެއް ހުވަފެނެކެވެ. ހުވަފެން މެދުވެރިކޮށް، ހަގީގަތެއްހެން ވާހަކަދެއްކޭނެއެވެ. އަހަން ބޭނުންވާ އެއްޗެއް އަހައި، ބުނަން ބޭނުންވާ އެއްޗެއް ބުނެވޭނެއެވެ. ހަގީގަތުގައި ވެސް އަނެކަކު ދޭނެ ޖަވާބުހޯދޭނެއެވެ. ބޭނުމިއްޔާ ކައިވެނިކޮށްގެން ދިރިއުޅުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އެހެނަސް، އެ ދުނިޔޭގައި ދުވާލަކީ ރޭގަނޑެވެ. ރޭގަނޑަކީ ދުވާލެވެ. ހަގީގަތަކީ ބިލާހެކެވެ. ބިލާހަކީ ހަގީގަތެވެ. ލޯމެރޭ އިރަށް އެ ރީތި ދުނިޔެ ފެންނާނެއެވެ. ހޭލެވޭ އިރު އެ ވާނީ ހުވަފެނަކަށެވެ.
އަހަރެން ހިތަށްއެރިއެވެ. ގެއްލުމެއް ނެތެވެ. ސަލްވާ ކޮންމެ ޖަވާބެއްދިނަސް ފަހުން ހަތަރުކަޅިހަމަކުރަން ޖެހިލުންވާންޖެހޭ ސަބަބެއް ވެސް ނެތެވެ. އަހަރެން ބޭނުންވާ ގޮތަކީ އެއީއެވެ. ހުވަފެނުގައިހިނގުން ދަސްވެ، ހުވަފެން ކޮންޓުރޯލުކުރެވެން ފެށުމުން، ހުވަފެނާއި ހަގީގަތް ވަކިކުރަން ދަސްވާނެއެވެ. އެއީ ވަރަށް މުހިންމު ކަމެކެވެ. އެ ދެ ދުނިޔެ އޮޅިއްޖެ ނަމަ ނުވަތަ މަސްހުނިވެއްޖެ ނަމަ އެ ކޮނެވުނީ އަމިއްލަ ކަށްވަޅެވެ. އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ވެސް ލިބިދާނެއެވެ.
ހުވަފެނެއްކަން ސާބިތުވާ އެންމެ މުހިންމު ސިފަޔަކީ، ހަގީގަތުގައި ހުންނާނެ ކޮންމެވެސް އެއްޗެއް ހުވަފެނުގައި އުނިވުމެވެ. ނުވަތަ ނުބައިކޮށް ހުރުމެވެ. މިސާލަކަށް އަހަރެންގެ ގަޑީގެ ހުރިހައި ކަށްޓެއް، ހަގީގަތުގައި ހަމައަށް ހުއްޓަސް، ހުވަފެނުގައި އެއް ކަށި މަދުވެދާނެއެވެ. ފޯނުގައި ފޯނު ފޮތް ނޯވެދާނެއެވެ. ނުވަތަ ފޯނުގަޑީގެ ނަންބަރުތައް އެކޮޅުކޮޅުން ހުރެދާނެއެވެ. ވިސްނައިލުމުން ފާހަގަކުރެވޭ، އެ ފަދަ، ކުޑަ އުނިކަމެއް ހުންނާނެއެވެ. އެއީ ހުވަފެނެއްކަން ކަށަވަރުކޮށްދޭ ފާހަގައެވެ. އެ ފާހަގަ ދަނެގަންނަން އަހަރެން ވަރަށް ކުޅަދާނަވާން ޖެހޭނެއެވެ.
އަހަންނަށް ކެރޭ ނަމަ، އެންމެ ފޯނުކޯލަކުން ސަލްވާގެ ޖަވާބުހޯދުނީހެވެ. މަގުކުރުކޮށްލެވުނީހެވެ. ނުކެރުމުގެ ސަބަބުން އަހަރެން ޖެހުނީ ކަމެއް އަލަށް ދަސްކުރާށެވެ. ޑަކުޓަރުންގެ ވަރުގަދަ އިންޒާރެއް ވެސް މި ކަމުގައި އޮވެއެވެ. މިއިން ސިކުނޑިއަށް ގެއްލުމެއް ލިބިދާނެއެވެ. ތަޖުރިބާކާރެއްގެ ފުރިހަމަ ބެލުމުގެދަށުން މެނުވީ، މި ކަން ދަސްކުރަން ވެސް ނޫޅެއްޗެވެ. އަހަރެން އެ އަޑު އަހާނެހެއްޔެވެ؟
-ނުނިމޭ-