12 ޖޫން 2016 - 08:04

ޒުވާން ލަވަ ކިޔުންތެރިޔާ ޖަސްޓިން ބީބާ އާ ވީޑިއޯ ލަވައެއް ނެރެފި އެވެ. މި ލަވައަކީ މިދިޔަ އަހަރު އޭނާ ނެރުނު އަލްބަމް "ޕާޕަސް" ގައި ހިމެނޭ ލަވަ "ކޮމްޕެނީ" ގެ ވީޑިއޯ އެވެ.
ބީބާގެ މި ވީޑިއޯ ލަވަ ތައްޔާރުކޮށްފައި ވަނީ އެކަމަށް ވަކިން ހާއްސަކޮށް ސެޓްތަކެއް ހަދައިގެން މަންޒަރުތަކެއް ނަގައިގެނެއް ނޫނެވެ.
މި ފަހަރުގެ ލަވަ ވީޑިއޯއެއްގެ ގޮތުގައި ފޭނުންނަށް ދޫކޮށްލީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާގެ އެކި ފަޕޮމާންސްތަކުން ނަގާފައިވާ ފުޓޭޖްތަކުން ނަގާފައިވާ މަންޒަރުތަކެއް މުސްހުނިކޮށްލައިގެންނެވެ.
މި މަސައްކަތުގެ ފަހަތުގައި ހުރީ ބީބާގެ ޕާސަނަލް ވީޑިއޯގްރާފަރު ރޯރީ ކްރެމާ އެވެ. ބީބާ ހުރީ ލަވައާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފަ އެވެ.
"އަހަންނަށް މި ވީޑިއޯ ވަރަށް ކަމުދޭ. ސަބަބަކީ މީގައި ދައްކުވައި ދެނީ އަހަރެންގެ ޖާނީ،" 22 އަހަރުގެ ލަވަ ކިއުންތެރިޔާ ބުންޏެވެ.
ބީބާ ބުނީ އެ ލަވައާ ދޭތެރޭ ފަހުރުވެރިވާ ކަމަށާއި ބެލުންތެރިންނަށް ވެސް ލަވަ ކަމުދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"އަހަންނަށް ލަވަ ކަމުދިޔަ ވަރަށް ފޭނުންނަށް ވެސް ލަވަ ކަމުދާނެ ކަމަށް އުންމީދު ކުރަން،" މިހާރު ވެސް ނޯތު އެމެރިކާ އަށް ކުރާ ޓުއާއެއްގައި ވަރަށް ބިޒީކޮށް އުޅެމުން އަންނަ ޒުވާން ލަވަ ކިއުންތެރިޔާ ބުންޏެވެ.
"ކޮމްޕެނީ" އަށް މިހާތަނަށް 11 މިލިއަނަށް ވުރެ ގިނަ ވިއުސް ވެސް ލިބިފައިވެ އެވެ.