ޝުމްބާގެ މަންމަގެ އާދޭސް: ބަދަލު ނުހިފައި، ދަރިފުޅު ދޫކޮށްލާ!
ޝުމްބާގެ މަންމަގެ އާދޭސް: ބަދަލު ނުހިފައި، ދަރިފުޅު ދޫކޮށްލާ!

ޝޯޝަލް މީޑިއާ އެކްޓިވިސްޓު، އަހުމަދު އަޝްރަފް (ޝުމްބާ ގޮންގު) ސްރީ ލަންކާ އިން ހައްޔަރުކުރީ މީހަކަށް ބިރު ދެއްކި ކަމުގެ ތުހުމަތުގަ އެވެ. އެ ތުހުމަތާ އެކު ޝަރީއަތް ނިމެންދެން، އޭނާ މާފުށީ ޖަލުގައި ބަހައްޓާފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ޝުމްބާގެ މަންމަގެ އާދޭސް: ބަދަލު ނުހިފައި، ދަރިފުޅު ދޫކޮށްލާ!
ޝުމްބާގެ މަންމަގެ އާދޭސް: ބަދަލު ނުހިފައި، ދަރިފުޅު ދޫކޮށްލާ!

ޝުމްބާގެ މަންމަ، ޒައީމާ އަބްދުއްރަހުމާން ދެކޭ ގޮތުގައި، މިއީ ބޭއިންސާފުން އޭނާގެ ދަރިފުޅަށް ދޭ އަނިޔާއެކެވެ. ބޭނުމަކީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގާތް ގުޅުމެއް އޮތުމުން، އެކަމުގެ ބަދަލު ހިފުން ކަމަށް ވެސް އޭނާ ތުހުމަތު ކުރެ އެވެ.

"ދަރިފުޅަށް އަނިޔާދެމުން އެ ދަނީ ކުރި ކުށަކަށް ނޫން. އަދީބަށް ސަޕޯޓުކުރީތީވެ، ހިތުގައި ހުރި ހިތްހަމަނުޖެހުންތައް ދަރިފުޅަށް ބާލަނީ. ހުކުމެއް ނެތި ބަންދުކޮށްގެން އެ ގެންގުޅެނީ،" ޒައީމާ ބުންޏެވެ.

ޝުމްބާ ހައްޔަރުކުރީ، ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު ޒާހިދު ޒަމީރަށް އެކި ފަހަރު މަތިން ފޯނުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރު ދިން މައްސަލައެއްގަ އެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުގައި އޭނާގެ ޝަރީއަތް ފަށާފައިވީ ނަމަވެސް އެންމެ ފަހުން ޝަރީއަތުގެ އަޑުއެހުމެއް ބޭއްވީ މިިދޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ފަހުކޮޅު ޝެޑިއުލްކުރި ޝަރީއަތް ކެންސަލްކޮށްފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެ އެވެ.

"ދެން އަޑު އެހުމެއް ބާއްވާނެ ދުވަހެއް ނުވެސް އެނގޭ. ކޯޓުގައި އެކަން ހިންގާ ގޮތެއް ވެސް ނޭނގެ. އެކަން ސާފުކުރަން ވަރަށް ގިނަ މަސައްކަތް ކުރެވިއްޖެ،" ޒައީމާ ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން، ލޯންޗު ގޮއްވާލި މައްސަލާގައި ހޯދި މީހުންގެ ތެރޭގައި ވެސް ޝުމްބާ ހިމެނެ އެވެ. އެކަމަކު އެ މައްސަލާގައި އޭނާއާ ސުވާލު ވެސް ކޮށްފައި ނުވާ ކަމަށް އާއިލާ އިން ބުނެ އެވެ.

ޒައީމާ ބުނިގޮތުގައި، ގާނޫނުތަކާ ވެސް ހިލާފަށް ޝުމްބާ ލަންކާ އިން ހައްޔަރުކޮށްގެން އުޅެނީ އަދީބު ހައްޔަރުކުރުމާ އެކު ވެސް އެމަނިކުފާނަށް ސަޕޯޓުކޮށް، އެކި ވާހަކަތައް ސޯޝަލް މީޑިއާގައި ލިޔާތީ ސަރުކާރުގެ އިސް ބޭފުޅުން ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެވެ. ސޯޝަލް މީޑިއާގައި މީހަކާ ދިމާލަށް އެއްޗެއް ބުންޏަސް ޝުމްބާ އަކީ މިހާތަނަށް އެއްވެސް މީހަކަށް އަނިޔާކޮށް، ކުށުގެ ރެކޯޑު އޮތް މީހެއް ނޫން ކަމަށް ވެސް ޒައީމާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި، އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅަކީ އެއްގޮތަކަށް ވެސް ބޭރަށް ނިކުމެ އުޅޭ މީހެއް ނޫނެވެ. ސޯޝަލް މީޑިއާ އަށް ޝައުގުވެރިކަން ހުންނަ ޝުމްބާގެ މަސައްކަތަކީ، ޝުއޫރު ފާޅުކުރުން ކަމަށް އޭނާ ބުނެ އެވެ.

ޝުމްބާ ކުރިން ސަޕޯޓްކުރީ އެމްޑީޕީ އަށެވެ. އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ސޯޝަލް މީޑިއާގައި އެމްޑީޕީ ޕްރޮމޯޓްކުރުމުގެ އިސް ދައުރެއް ޝުމްބާ އަދާކުރި އެވެ.

"އާއްމު ގޮތެއްގައި މަހަކު އެއް ދުވަހު ވެސް ހިއެއް ނުވޭ ބޭރަށް ނިކުންނަހެން. މުހިއްމު ކަމެއްގައި ނޫނީ ގެއިން ނުނިކުންނާނެ. އަބަދުވެސް ސޯޝަލް މީޑިއާގައި އެކި ލިއުންތައް ލިއަން ކޮޓަރީގައި އިންނާނީ،" މަންމަ ބުންޏެވެ.

އުމުރުން 18 އަހަރާއި އެއް މަސް ވީ ދުވަހު ދަރިފުޅު ހައްޔަރުކޮށްގެން ގެންދިއުމަކީ، ޒައީމާ ބުނިގޮތުގައި، އޭނާ އަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމެކެވެ. އޭނާ އެދެނީ، އިންސާފުން ބޭރުނުވެ، ދަރިފުޅު ދޫކޮށްލުމަށެވެ.

"ދަރިފުޅު މަތިން ހަނދާންވާ ވަގުތު މިހާރު ހޭދަކުރަނީ ގޭގައި ހުންނަ ގަސްތަކުގެ ތެރޭގައި، ނުވަތަ ފެހުމުގައި އުޅެނީ. ކޮންމެ ދުވަހަކު ހެނދުނު ތެދުވެގެން އައިސް އަޅުގަނޑާ އެކީ ވަގުތު ހޭދަކުރޭ. ކޮންމެ ދުވަހަކު ވެސް އެ ވަގުތުކޮޅުގައި ވަރަށް ހިތްދަތިވޭ،" ސްރީ ލަންކާގައި ހުރެ ވާހަކަ ދައްކަމުން ޒައީމާ ބުންޏެވެ.

ޝުމްބާ އާއި އަދީބާ ދެމެދު ގާތް ގުޅުމެއް އުފެދުނީ، އޭނާގެ ގާތް މީހުން ބުނާ ގޮތުގައި، އެމްޑީޕީ "ފުނޑާލަން" އޭރު އަދީބު ރޭއްވެވި ޕްލޭންގެ ދަށުންނެވެ. އެމްޑީޕީގެ މުޒާހަރާތަކާއި ހަރަކާތްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދިން ޝުމްބާއާ ބައްދަލުކުރައްވައި އަދީބު އެދިވަޑައިގަތީ، ޕީޕީއެމް ޕްރޮމޯޓް ކުރުމަށް ކަމަށް އެ މީހުން ބުނެ އެވެ.

ޕީޕީއެމް ޕްރޮމޯޓްކުރުމާ އެކު ސޯޝަލް މީޑިއާގެ އަމިއްލަ އެކައުންޓްތަކުން އަދީބު ވިދާޅުނުވާ ބަސްފުޅުތައް ނުސީދާކޮށް، އެކި މީހުންނަށް އަމާޒު ކުރުމަކީ ވެސް ޝުމްބާއާ ހަވާލުކޮށްފައިވާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އަދީބު ހިތްހަމަޖެހިވަޑައިނުގަންނަވާ ޕީޕީއެމްގެ މެމްބަރުންނާއި އެމްޑީޕީ މެމްބަރުންގެ އިތުރުން ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހުންނަށް ވެސް ސޯޝަލް މީޑިއާގައި ޝުމްބާ ފާޑުކި އެވެ.

އޭނާގެ ރައްޓެހިން ބުނާ ގޮތުގައި، ރައީސް އަބްދުﷲ ޔާމީނާ ގާތް ގުޅުމެއް އޭރު އޮތް އަދީބު ސަރުކާރު ތެރޭގައި ކުރެއްވި ގިނަ ކަންކަން ޝުމްބާ އަށް އެނގޭނެ އެވެ. ޝުމްބާ ދޫނުކޮށްގެން އުޅެނީ އެހެންވެ ކަމަށް ވެސް އާއިލާ އާއި ރައްޓެހިން ތުހުމަތު ކުރެ އެވެ.