10 އޮކްޓޯބަރ 2023 - 11:07

އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރަން ޕްލާސްޓިކް ކޮތަޅުން މިހާރު ނަގަމުން އަންނަ 2ރ. ގެ ޓެކްސް، 50 ލާރި އަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށަހަޅުއްވައިފި އެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި، 50 އަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑި ގަތް ނަމަވެސް އޭގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް 2ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.
އެކަމުގެ ބުރަ އާންމުންނަށް ބޮޑުވެ، ގާނޫނު އިސްލާހުކުރަން މިދިޔަ މެއި މަހު ހުށަހެޅިޔަސް، މަޖިލީހުގައި ހިނގި ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި މަސައްކަތްތައް ހުއްޓި، އެ ބިލު ވެސް އޮތީ ތާށިވެފަ އެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ރާޝިދު ހުށަހެޅުއްވި އެ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި އަލުން ކުރިއަށް ގެންގޮސްފައިވާ އިރު، ބަހުސްގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ފެށީ ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލުނު ދަނޑިވަޅެއްގައި ކަމަށެވެ.
އެހެންވެ، އެކަމުގެ ބުރަ އާންމުންނަށް ކުރިމަތިވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެކަމަށް ލުއި ދިނުމުގެ ގޮތުން ސަލީމް ހުށަހެޅުއްވި ފުރަތަމަ ހައްލަކީ ރޯމަސް އުފުލުމާއި ކުނިވާ ޒާތުގެ ކުނި އުކައިލުން ފަދަ ކަންކަމަށް ގަނޑުކޮށް ކޮތަޅު ގަތުމަކީ ފީ ނެގުމުން އިސްތިސްނާ ހާލަތެއްގެ ގޮތުގައި ކަނޑައެޅުމެވެ. ދެވަނަ ހައްލަކަށް ހުށަހެޅުއްވީ ރީޓެއިލް ފިހާރަތަކާއި ސައިހޮޓާތަކަށް އިދާރީ ގޮތުން ބުރަ ނުވާ ގޮތަކަށް ފީ ނެގުމުގެ ނިޒާމު ބަދަލުކުރުމެވެ.
"ތިން ވަނަ ކަމަކަށް އަޅުގަނޑު ހުށަހަޅަނީ ކޮތަޅަކަށް ޗާޖްކުރެވޭ އަދަދު މިހާރަށް ވުރެ ދަށްކުރުން. އަަޅުގަނޑު ދެކޭ ގޮތުގަައި ފުރަތަމަ ފަހަރު 50 ލާރި ކޮތަޅަކަށް ނަގާ ގޮތަށް އޮތުން ރަނގަޅު،" ސަލީމް ވިދާޅުވި އެވެ.
ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ކުޑަކުރިޔަސް، އޭނާ ވިދާޅުވި ގޮތުގައި އެ ފީ އަހަރުން އަހަރަށް މުރާޖައާކުރާ ގޮތަށް ކަނޑައެޅިދާނެ އެވެ. އަދި ކޮތަޅުން ނަގާ ފީ ތަކުރާރު ނުވާ ގޮތަށް، މިހާރު ޖީއެސްޓީ ނެގުމުގައި އަމަލުކުރާ އުސޫލު ކޮތަޅު ފީއަށް ލެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.