09 އޮކްޓޯބަރ 2023 - 23:33

އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ މޫނު ބުރުގާއާ ގުޅޭގޮތުން ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
މޫނުބުރުގާ އަޅައިގެން ސްކޫލަށް ނުދެވޭ ކަމަށް ބުނެ މިދިޔަ އޭޕްރީލް މަހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަމުރުގައި ބުނީ އަރަބިއްޔާ ސްކޫލްގެ ޔުނިފޯމް ކޯޑަށް އެއްވެސް އިރަކު ބަދަލެއް އައިސްފައި ނުވާ ކަމަށާއި އެތަނުގެ ދަރިވަރުން މޫނުބުރުގާ އެޅިޔަސް ކިޔެވުމުގެ ފުރުސަތުން މަހުރޫމް ނުކުރާކަން އެނގެން އޮންނަ ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒެއިފާ މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމްގެ އިއްތިފާގުން ނިންމަވާފައިވަނީ ދަށު ކޯޓުގެ ވަގުތީ އަމުރާ މެދު ނިންމި ގޮތް ބާތިލްކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރުގެ ޑިސެމްބަރު 28 ގައި އަރަބިއްޔާ ސްކޫލަށް ފޮނުވި ސިޓީއެއްގައި ވަނީ ޔުނީފޯމު ކޯޑު މިހާރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެއަށް އަމަލުކުރުމަށް ބެލެނިވެރިންނާއި ކުދިންނަށް އަންގައިދިނުމަށް އެދިފަ އެވެ.
ނަމަވެސް މިނިސްޓްރީގެ އެ އެންގުމާ ގުޅިގެން، މޫނު ބުރުގާ އަޅާ ކުދިން ހާޒިރުކޮށް ނަން ނޯޓުކޮށްފައިވާ ކަމަށް ބެލެނިވެރިން ބުނެ އެވެ. އަދި އެ ސްކޫލުގެ ލީޑިން ޓީޗަރުންނާއި ބައެއް ޓީޗަރުން ކުދިން ވަކިން ގެންގޮސްގެން ވެސް މޫނު ބުރުގާ ނެގުމަށް ވާހަކަ ދައްކާ ހަދާ ކަމަށް ބެލެނިވެރިން ތުހުމަތުކޮށްފައިވެ އެވެ.
އަޒްހަރު ޔުނިވާސިޓީގެ އެހީގައި މީގެ 36 އަހަރު ކުރިން ރާއްޖޭގައި ކިޔަވައިދޭން ފެށި އަރަބިއްޔާ ސްކޫލްގެ ޔުނީފޯމުގައި އަންހެން ކުދިންނަށް ހިމެނެނީ ބުރުގާ، ހެދުން، ސްކާޓް އަދި ހަރުވާޅު އެކަންޏެވެ.
އަރަބިއްޔާ ސްކޫލްގައި ކިޔެވޭނީ ބުރުގާ އަޅާ އަންހެން ކުދިންނަށް އެކަންޏެވެ. ނަމަވެސް، މޫނު ބުރުގާ އަޅާ 10 ވަރަކަށް ކުދިން އެ ސްކޫލްގައި އެބަތިބި ކަމަށްވެ އެވެ.