ކޮންމެހެން ބޭނުންވާ މަގާމުތައް ނޫނީ އެހެން ވަޒީފާތަކަށް ސީއެސްސީގެ ހުއްދަ ހޯދަން އަންގައިފި
ކޮންމެހެން ބޭނުންވާ މަގާމުތައް ނޫނީ އެހެން ވަޒީފާތަކަށް ސީއެސްސީގެ ހުއްދަ ހޯދަން އަންގައިފި

ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށްދާތީ މި ވަގުތަށް ކޮންމެހެން ބޭނުންވާ މަގާމުތައް ފިޔަވައި އެހެން މަގާމުތަކަށް މުވައްޒަފުން ނަގާއިރު ހުއްދަ ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއްޔެ އަންގައިފި އެވެ.

ކަމާގުޅޭ ފަރާތްތަކަށް އެ ކޮމިޝަނުން ފޮނުވި ސިޓީއެއްގައި ވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އަދި މުދިމުންނާއި އިމާމުން ފިޔަވައި އެހެން މަގާމުތަކަށް މި ވަގުތަށް މުވައްޒަފުން ބޭނުންވާ ނަމަ ސަބަބު ބަޔާންކޮށް ކޮމިޝަނަށް ލިޔެ، ހުއްދަ ހޯދުމަށްފަހުގައި އިއުލާނުކުރުމަށް އެދިފަ އެވެ.

ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުން އަދި މުދިމުންނާއި އިމާމުންގެ މަގާމަކީ މެދުނުކެނޑި ކޮންމެހެން ފޯރުކޮށްދޭންޖެހޭ މަގާމުތަކަށް ވާތީ މިހާރު ވެސް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން މުވައްޒަފުން ހަމަޖެއްސޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

އެކަންކަމުގެ އިތުރުން ވަޒީފާއަށް އިއުލާނުކޮށް އޮފަލެޓާ ދީފައިނުވާ މަގާމުތަކަށް މީހުން ވަޒީފާ ހަމަޖެއްސުން މަޑުޖައްސާލުމާއި އެ މަގާމުތަކުގެ ތެރެއިން މުވައްޒަފަކު ވަކިވުމާ ގުޅިގެން ހުސްވެފައިވާ މަގާމުތައް ނުވަތަ މި ވަގުތަށް ކޮންމެހެން މީހަކު ބޭނުންވާ މަގާމެއް ނަމަ ސަބަބު ބަޔާންކޮށް ކޮމިޝަނަށް ލިޔެ ހުއްދަ ހޯދުމަށްފަހު މުވައްޒަފުން ނެގުމަށް ވެސް އެދިފައިވެ އެވެ.

އޮފީސްތަކުގެ އިދާރީ އޮނިގަނޑު މުރާޖައާކުރުމާއި އާ މަގާމުތައް އުފެއްދުމާއި އިދާރީ އޮނިގަނޑަށް ދީފައިވާ މަގާމުތަކަށް މީހުން ހޯދުން މަޑުޖައްސާލަން އަދި އިންޓާނަލީ އިއުލާނުކޮށްގެން ވަޒީފާގެ ކުރިއެރުން ދޭން ހަމަޖައްސާފައިވާ އޮނިގަނޑުގެ މަގާމުތަކަށް ކޮށްފައިވާ އިއުލާންތަކާ ގުޅިގެން ކުރިއެރުން ދިނުން މަޑުޖައްސާލުން އަދި އެ މަގާމުތަކަށް އިތުރަށް އިއުލާނުކުރުން މި ވަގުތަށް މަޑުޖައްސާލުމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ސީއެސްސީން ވަނީ ސިވިލް ސާވިސްގެ އިދާރާތަކަށް ކޮންޓްރެކްޓް، ވޭޖް އަދި ކޮންސަލްޓެންޓު އުސޫލުން މީހުން ހަމަޖެއްސުން މަޑުޖައްސާލަން އަންގައިފަ އެވެ.

"މި ހިނދަށް ކޮންމެހެން އިއުލާންކުރުމަށް ބޭނުންވާ މަގާމެއް ނަމަ ސަބަބު ބަޔާންކޮށް ކޮމިޝަނަށް ލިޔެ، ހުއްދަ ހޯދުމަށްފަހުގައި މެނުވީ އިއުލާން ނުކުރުން." ސިޓީގައި ބުންޏެވެ.