ސްޕެނިޝް ލީގުގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިއަކަށް ޔަމާލް
ސްޕެނިޝް ލީގުގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިއަކަށް ޔަމާލް

ބާސެލޯނާ (އޮކްޓޫބަރު 9) - ރަށުން ބޭރުގައި ގްރަނާޑާއާ ވާދަކޮށް ބާސެލޯނާ 2-2 އިން އެއްވަރުވި މެޗުގައި ގޯލު ޖަހައިގެން ބާސެލޯނާއަށް ކުޅޭ ފޯވާޑް ލަމީން ޔަމާލް، ސްޕެނިޝް ލީގުގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ މަގާމް ހޯދައިފި އެވެ.

މެޗު ފެށިގެން 17 ވަނަ ސިކުންތުގައި ގޯލު ޖަހައިގެން ފުރަތަމަ ލީޑު ނެގީ ގްރަނާޑާ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ބްރަޔަން ޒަރަގޯޒާ މާޓިނޭޒް އެވެ. އަދި 29 ވަނަ މިނިޓުގައި އެޓީމަށް ލީޑު ފުޅާ ކޮށްދިނީ ވެސް އޭނާ އެވެ.

ޔަމާލް ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. ގޯލު ޖެހިއިރު އޭނާގެ އުމުރަކީ 16 އަހަރާއި 87 ދުވަހެވެ. މީގެ ކުރިން ރެކޯޑް އޮންނަނީ 2012 ވަނަ އަހަރު، 16 އަހަރާއި 98 ދުވަހުގައި މަލާގާ އަށް ކުޅެމުން ގޯލު ޖެހި ފަބްރީސް އޮލިންގާ އަތުގަ އެވެ.

މި ސީޒަންގައި ޔަމާލް ވަނީ ސްޕެއިން ގައުމީ ޓީމާއި ބާސެލޯނާގެ މެޗެއްގައި ސްޓާޓް ކުރި އެންމެ ހަގު ކުޅުންތެރިޔާގެ އިތުރުން، ޗެމްޕިއަންސް ލީގު މެޗެއްގައި ސްޓާޓް ކުރި އެންމެ ހަގު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ރޭގެ މެޗުން ބާސެލޯނާ ޕޮއިންޓެއް ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ސާޖި ރޮބާޓޯ ކާމިޔާބު ކޮށްދިން ގޯލުންނެވެ.

މި ނަތީޖާ އާ އެކު ބާސެލޯނާ އަށް ވަނީ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓަކަށް ގާތްކުރަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. ބާސާ ތިންވަނައިގައި އޮތީ ނުވަ މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. އިތުރަށް ޕޮއިންޓެއް ހޯދައިގެން ޖިރޯނާ ދެވަނައިގައި އޮތްއިރު، ރެއާލުން ވަނީ 24 ޕޮއިންޓް ހޯދައިފަ އެވެ.

ލީގު ތާވަލްގެ ހަތަރުވަނައިގައި އޮތީ އެތުލެޓިކޯ މެޑްރިޑެވެ. ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ރޭ ގަހު ވަގުތު ގޯލު ޖަހައި 2-1 އިން މޮޅުވެގެން އެތުލެޓިކޯ ވަނީ މިހާތަނަށް ކުޅުނު އަށް މެޗުން 19 ޕޮއިންޓް ހޯދައިފަ އެވެ.