09 އޮކްޓޯބަރ 2023 - 11:25

އަންނަ އަހަރު ކުރީކޮޅު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކުރިން މެންބަރުންގެ އަދަދު ލިމިޓު ކުރަން ގާނޫނުއަސާސީ އިސްލާހުކުރަން ތާއީދު ނުކުރައްވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވަނީ 87 މެންބަރުންނެވެ. ނަމަވެސް އާބާދީ އަށް އައި ބަދަލާ އެކު ހަ ދާއިރާއެއް އިތުރުވެ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި 93 މެންބަރުން އިންތިހާބު ކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފަ އެވެ.
އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ މެންބަރުންގެ އަދަދު އިތުރުވުމަކީ އެމްޑީޕީގެ ކަންބޮޑުވުމެއް ކަމަށާއި ނަމަވެސް އެކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
އަސްލަމް ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި އިންތިހާބު ކައިރިވެފައި ވަނިކޮށް ގާނޫނުއަސާސީއަށް އެފަދަ ބަދަލެއް ގެނައުމަކީ ރަނގަޅު ކަމެއް ނޫނެވެ.
މެންބަރުންގެ އަދަދު ލިމިޓްކުރުން ފަދަ އިސްލާހެއް ގެންނަން ޖެހޭނީ ވަގުތު އޮވެގެން ރަނގަޅަށް މަޝްވަރާ ކޮށްގެން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުން އެފަދަ ކަންކަމަށް ވަގުތު އޮންނަން ޖެހޭ. ބޯމަތީ އިންތިހާބެއް އޮއްވައި އަނެއްކާވެސް އިންތިހާބަށް ކުރިމަތިލެވޭނެ މީހުންގެ އަދަދާއި އެހެން ބަދަލު ގެނައުން. އެފަދަ ކަމެއް ނިންމަންވާނީ ފުދޭ ވަރަކަށް ރަނގަޅަށް މަޝްވަރާ ކޮށްފައި،" އަސްލަމް ވިދާޅުވި އެވެ.
ނަމަވެސް އެ އިސްލާހު ގެންނަން އެމްޑީޕީން ނިންމައިފި ނަމަ އެގޮތަށް ކުރިޔަށް ދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް މިހެން ވިދާޅުވި ނަމަވެސް 2022 ވަނަ އަހަރު ތެރޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅާފަ އެވެ.
ނަމަވެސް އޭރު ވެސް މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ބުނަމުން އައީ ދިރާސާއެއް ކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާނެ ކަމަށެވެ. އަދި އެ އިސްލާހު ބޭރު ކޮށްލި އެވެ.
މެންބަރުންގެ އަދަދު ހިފެހެއްޓުމަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ވެސް ހިމެނުނު ކަމެކެވެ.