06 ފެބުރުއަރީ 2017 - 10:26

ޓިއުރިން (ފެބްރުއަރީ 6) – ރަނގަޅު ފޯމެއްގައި އޮތް އިންޓަ މިލާން އަތުން 1-0 އިން މޮޅުވެ އިޓާލިއަން ލީގުގެ އެއް ވަނައިގައި ޔުވެންޓަސް އިން ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ޔުވެންޓަސް އެއް ވަނަ މަގާމުގައި އޮތީ 54 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 48 ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ތިން ވަނައިގައި ރޯމާ އޮތީ 47 ޕޮއިންޓާ އެކު އެވެ. އެކަމަކު މާދަމާރޭ ފިއޮރެންޓީނާ އަތުން ރޯމާ މޮޅުވެއްޖެ ނަމަ 50 ޕޮއިންޓާ އެކު އެ ޓީމު ދެ ވަނަ އަށް އަރާނެ އެވެ. ޔުވެންޓަސް އަށް ބުދަ ދުވަހުގެރޭ ކްރޮޓޯނޭ މެޗު އޮތުމުން، އެ ޓީމަށް އަދިވެސް ތަފާތު ބޮޑުކުރުމުގެ ފުރުސަތު އެބައޮތެވެ. އެ މެޗަކީ، އިޓާލިއަން ސުޕަ ކަޕުގެ ސަބަބުން ފަސްކޮށްފައިވާ މެޗެކެވެ.
ޔުވެންޓަސްގެ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު 45 ވަނަ މިނެޓުގައި ޖެހީ ކޮލަމްބިއާ ފޯވާޑް ހުއާން ކުއަޑްރާޑޯ އެވެ. ޔުވެންޓަސްގެ ކޯނަރެއް އިންޓަގެ ކުޅުންތެރިންނަށް ދިފާއުނުކުރެވުމުގެ ފައިދާ ނަގައި ކުއަޑްރާޑޯ އޭރިއާ ބޭރުން ލިބުނު ބޯޅަ ގޯލް ތެރެއަށް ވައްދާލީ ބާރު ޝޮޓަކުންނެވެ. މީގެ އިތުރުން ޕައޮލޯ ޑީބަލާ އާއި މިރެލަމް ޕިޔަނިޗް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފަ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅުވި އިންޓަގެ އިވާން ޕެރިސިޗަށް ވަނީ މެޗުގެ އިތުރު ވަގުތުގެ ތެރޭ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ. އިންޓަ އޮތީ 42 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އެ ޓީމުގެ ކުރީގައި 43 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތީ ލާޒިއޯ އެވެ. އެ ޓީމު ވަނީ ރޭ ޕެސްކާރާ އަތުން 6-2 އިން މޮޅުވެފަ އެވެ. މި މެޗުގައި ލާޒިއޯގެ މާކޯ ޕަރޯލޯ ހަތަރު ލަނޑު ޖެހިއިރު އަނެއް ތިން ލަނޑު ޖެހީ ކެއިޓާ ބާލްޑޭ އާއި ޗީރޯ އިމޮބިލޭ އެވެ.
އިއްޔެ އޭސީ މިލާން ވަނީ އަމިއްލަ ދަނޑުގައި ސަމްޕްޑޯރިއާ އަތުން 1-0 އިން ބަލިވެފަ އެވެ. އަނިޔާގެ މައްސަލަތައް އިންތިހާއަށް ކުރިމަތިވެފައިވާ މިލާން އޮތީ 37 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ.