ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާވެސް މަޖިލީހަށް ވައްދައިފި
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާވެސް މަޖިލީހަށް ވައްދައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ 49 މެންބަރުން ސޮއި ކުރައްވައި މަޖިލީހަށް މިއަދު ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ ރައްޔިތުންނަށް ބޭނުންތެރި އެތައް ބިލުތަކެއްގެ މަސައްކަތާއި ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ މުއައްސަސާތަކަށް ފާރަވެރިވެ ޖަވާބުދާރީ ކުރުމުގެ ގޮތުން މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި ނިންމުމަށް ތަރުތީބު ކޮށްފައި ވަނިކޮށް ނަޝީދު މައްސަލަތައް އެޖެންޑާ ކުރައްވަނީ އަމިއްލަ މަސްލަހަތު އިސް ކުރައްވައި ވަކި ފަރާތަކަށް ބުރަވެ ހުރެ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ.

ރިޔާސަތުގައި އިންނަވައިގެން ނަޝީދު ތަކުރާރުކޮށް މަޖިލީހުގެ ގަވައިދާ ހިލާފަށް ޖަލްސާތައް ކުރިޔަށް ގެންދަވާތީ އާއި މުޅި މަޖިލީހުގެ ނިޒާމް ހިފެހެއްޓެވުމުގެ ބަދަލުގައި ނިޒާމް ގެއްލުވާލަން މަސައްކަތް ކުރާ ފަރާތްތަކަށް އެމަނިކުފާނު ވާގިވެރިވާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން މަޖިލީހުގެ ޖަލްސާތައް އެތައް ދުވަހެއް ވަންދެން ނަޝީދު ހުއްޓުވާލާފައި އޮތް ކަމަށާއި ނަމަވެސް އެމަނިކުފާނު ނިސްބަތްވާ ޕާޓީ އާއި ނަޝީދުގެ މަސްލަހަތު އޮތް މައްސަލަތަކެއް އެޖެންޑާ ކުރައްވައި މަޖިލީހުގެ ޖަލްސާތައް އަލުން ފައްޓަވާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

"...އިސްވެ ބަޔާން ކުރެވުނު ކަންކަމާއި ސަބަބުތައް އެހެން ހުރުން، ރައީސް މުހައްމަދު ނަޝީދަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެ ކަަމަށް އަހަރުމެންނަށް ފެނުނު ހިނދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަަދު ނަޝީދު ވަކި ކުރުމަށް އަހުރެމެން ސޮއިކޮށް ހުށަހަޅަމެވެ،" އެ ގަރާރުގައި ބުނެފައިވެ އެވެ.

އެމްޑީޕީން މިއަދު ހެނދުނުގެ ވަގުތެއްގައި މި މައްސަލަ މަޖިލީހަށް ހުށަހެޅުމުން އެ އިދާރާ އިން ވަނީ މައްސަލަ ބަލައިގެންފަ އެވެ.

ނަމަވެސް މައްސަލަ ކުރިޔަށް ގެންދަން ނިންމި ކަމެއް އަދި އެ އިދާރާ އިން ނުބުނެ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ އިއުލާން ކުރައްވާނެ ކަމަށް ބެލެވުން ނަމަވެސް ކޯރަމް ހަމަ ނުވާތީ ޖަލްސާއެއް ނުބޭއްވުނެވެ.

އެ މައްސަލާގައި ދަ ޑިމޮކްރެޓްސްގެ މެންބަރުން ބުނާ ގޮތުން އިތުބާރު ނެތް މައްސަލަ ހުށަހަޅާ ގަރާރު އެޖެންޑާ ކޮށްގެން ކުރިޔަށް ނުގެންދެވޭނެ އެވެ. ސަބަބަކީ އެއް ދައުރެއްގެ ތެރޭގައި ދެ ފަހަރަށް އެއް މައްސަލައެއް ހުށަނޭޅޭނެ ކަމަށް އެ މެންބަރުން ބުނެ އެވެ.