09 އޮކްޓޯބަރ 2023 - 08:49

އިންޑިއާގެ ވައިގެ ސިފައިންގެ ޕައިލެޓެއްގެ ރޯލު ކަންގަނާ ރަނާވަތު ކުޅުނު ފިލްމު "ތޭޖަސް"ގެ ޓްރެއިލާ އިއްޔެ ނެރެފި އެވެ.
އިއްޔެ ނެރުނު ޓްރެއިލާއަށް ހަތް މިލިއަން ވިއުސް ޔޫޓިއުބްގައި މިހާރު ވަނީ ލިބިފަ އެވެ.
މިއީ 2019 ވަނަ އަހަރު ނުކުތް، ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް"ގެ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާގެ ފިލްމެކެވެ. އޭނާއަކީ ކަންގަނާއަށް ފުރަތަމަ ފަހަރަށް އިންޑިއާގެ ގައުމީ އެވޯޑް ލިބުނު ފިލްމު "ފެޝަން"ގެ ވެސް ޕްރޮޑިއުސަރެވެ.
މި ފިލްމުގެ ވާހަކަ ލިޔެ، ޑައިރެކްޓުކުރީ ސަރުވޭޝް މެވާރާ އެވެ.
"ތޭޖަސް" ސިނަމާތަކުގައި އަޅުވަން ފަށަނީ މި މަހު 27 ގަ އެވެ.
އަންނަ މަހު ވެސް ކަންގަނާގެ ފިލްމެއް ސިނަމާއަށް ގެންނަން ނިންމާފައިވެ އެވެ. އެއީ އޭނާ އެކްޓުކޮށް، ޑައިރެކްޓުކުރި "އިމަޖެންސީ" އެވެ. އެ ފިލްމަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ވެރިކަމުގައި ހިނގި ހާދިސާއަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. އެ ފިލްމުގައި އިންދިރާގެ ރޯލު ކުޅެނީ ވެސް ކަންގަނާ އެވެ.
ކަންގަނާ އެންމެފަހުން ފެނުނީ މިދިޔަ މަހު ނުކުތް ދެކުނު އިންޑިއާގެ ފިލްމު "ޗަންދުރަމުކީ 2" އިންނެވެ. އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.