އިޒްރޭލުގައި ތާށިވި ނުޝްރަތު އިންޑިއާއަށް ހިނގައްޖެ
އިޒްރޭލުގައި ތާށިވި ނުޝްރަތު އިންޑިއާއަށް ހިނގައްޖެ

މިހާރު ހަނގުރާމަ ފެށިފައިވާ އިޒުރޭލުގައި ތާށިވި ބޮލީވުޑްގެ ތަރި، ނުޝްރަތު ބަރޫޗާ އިއްޔެ މެންދުރު ފަހު އެނބުރި އިންޑިއާއަށް ހިނގައްޖެ އެވެ.

ބޮންބޭ އެއާޕޯޓުން އޭނާ ނުކުތުމާ އެކު އެތަނުގައި ތިބި ނޫސްވެރިން ވަރަށް ގިނަ ސުވާލުކުރި އެވެ. ނަމަވެސް، އެއްވެސް ޖަވާބެއް ނުދީ، ރޮވިފައި ހުރެ އެތަނުން ދިޔައީ އެވެ.

ނުޝްރަތުގެ ޓީމުން ބުނި ގޮތުގައި، އޭނާ އެނބުރި ގައުމަށް ގެންދިޔައީ އިޒްރޭލުގައި ހުންނަ އިންޑިއާ އެމްބަސީގެ އެހީގަ އެވެ.

ނުޝްރަތު އިޒުރޭލަށް ދިޔައީ "ހައިފާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް"ގައި ބައިވެރިވާށެވެ. ހަމަލާ ބަދަލުކުރަން ފެށި ފަހުން އޭނާއާ މުއާމަލާތް ކުރެވުނީ އެންމެ ފަހަރަކު އެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެގެން އުޅުނެވެ.

އިޒުރޭލުގައި ނުޝްރަތު ތާށިވި އިރު، އެންމެފަހުން ނުކުތް އޭނާގެ ފިލްމު "އަކޭލީ"ގައި ވެސް ދައްކަނީ ހަނގުރާމަވެރި ސަރަހައްދެއްގައި ތާށިވާ އިންޑިއާގެ އަންހެނަކަށް ދިމާވާ ކަންތައްތަކެކެވެ. އެއީ، އިރާގުގައި 2014 ވަނަ އަހަރު ހިނގި ދާހިލީ ހަނގުރާމާގައި ތާށިވި، އެ ގައުމަށް މަސައްކަތްކުރަން ގޮސް އުޅުނު އިންޑިއާ އަންހެނަކަށް ދިމާވާ ކަންތައްތަކެކެވެ.

ހަމާސްއިން އިޒްރޭލަށް މިދިޔަ ހޮނިހިރު ދުވަހު ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާވެފަ އެވެ. އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަހައްދު ތެރެއަށް ހަމާސް އިން ވަދެ ވަރުގަދަ ހަމަލާތަކެއް ދިނުމާ އެކު އެތައް ބަޔަކު ވަނީ ރަހީނު ވެސް ކޮށްފަ އެވެ. އެ ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ އަދި ޒަހަމްވެފައި ވެސް ވެ އެވެ.