08 އޮކްޓޯބަރ 2023 - 22:32

ދިވެހި ލަވަކިޔުމުގެ ދުނިޔޭގައި ވިދާލި ގދ. ތިނަދޫ/ސްޓާލިން, މަރިޔަމް އަހްމަދު ދީދީ (މަރިޔަމް ދައިތަ) ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވެފައި ވަނީ އުމުރުން 73 އަހަރުގަ އެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ މަރިޔަމް ދައިތަ ނިޔާވީ މިއަދު ހަވީރު ކަމަށެވެ.
"މަރިޔަމް ދައްތަ ނިޔާވުމަކީ ވަރަށް ބޮޑު ހިތާމައެއް. އެއީ މުޅި ތިނަދުއަށް ވެސް ލިބުނު ހިތާމައެއް. އަގުބޮޑު ޖަވާހިރެއް ގެއްލިގެން އެ ދިޔައީ، އަޅުގަނޑުމެންގެ ފަހުރެއް،" ސައުދު ވިދާޅުވި އެވެ.
"މަރިޔަމް ދައްތަ އާ މިއަދު ހަވީރު ބަނދަރުމަތިން ބައެއް މީހުންނާ ބައްދަލުވި. އަޅުގަނޑަށް ވެސް ބަނދަރުމަތިން ފެނުނު. ލޯފަން މީހެއް ވީމަ މީހެއްގެ އެހީތެރިކަމާ އެކު ހިނގައިފަ ދަނިކޮށް. ބަލިކޮށެއް ނޫން އުޅުނީ."
މަރިޔަމް އަހުމަދު ދީދީގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ލަވައަކީ އުފަން ރަށް ތިނަދޫގެ ރީތިކަން ސިފަކޮށްދިން، މުޅި ރާއްޖެ ފަރިތަ "ފެން މީރުވި ރީތި ރަށޭ މީ" ލަވަ އެވެ. އުފަންވި އިރު ވެސް ލޯފަން މަރިޔަމް ދީދީގެ ދެން އެންމެ ހާއްސަ އެއް ލަވަ އަކީ "ލޯފަން ކުއްޖެއްގެ ހިތުގެ ސާބިތުކަން" އެވެ.
މަރްޔަމް ދީދީގެ ރީތި އަޑުން ގިނަ ބައެއްގެ ހިތްތައް ރޮއްވާލައިފާވާއިރު, އެ ރީތި އަޑުއަހާލުމުގެ ޝައުގުވެރިކަމުގައި ކިތަންމެ ބަޔަކު އޭނާ ލަވަކިޔާ ތަންތަނަށް ގޮސް ހަދަ އެވެ. އަދި އެ ރަށަށް އަރާ ބީރަށްޓެހިންނާއި ސިޔާސީ ބޭފުޅުން ވެސް ވެސް މަރިޔަމް ދައިތަ ކައިރިއަށް ޒިޔާރަތް ކުރައްވަ އެވެ.
މަރްޔަމް ދީދީ އަކީ އެ ރަށު މީހުން ވާހަކަ ދައްކާ ބަހުރުވައިން ވެސް ރީތި ލަވަތައް ކިޔުއްވާފައިވާ ބޭފުޅެކެވެ.
ފެނުމުގެ ހިއްސުން މަހްރޫމުވެފައިވާ މަރްޔަމް ދީދީއަށް 1982 ވަނަ އަހަރުގައި ސަރުކާރުން ވަނީ ދިވެހި ލަވަކިޔުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު ވެސް އަރުވައިފަ އެވެ.