06 ފެބުރުއަރީ 2017 - 10:38

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިދިޔަ އަހަރު ހުށަހެޅި މައްސަލަތައް އިތުރުވެއްޖެ އެވެ.
އޭސީސީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު އެ ކޮމިޝަނަށް 958 މައްސަލައެއް ހުށަހެޅި އިރު އެއީ 2015 ވަނަ އަހަރު އެ ކޮމިޝަނަށް ހުށަހެޅި މައްސަލަތަކަށް ވުރެ 15 އިންސައްތަ އިތުރު އަދަދެކެވެ. އެ އަހަރު އެ ކޮމިޝަނަށް ހުށަހެޅީ 832 މައްސަލަ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނުން ތަހުގީގު ކުރަން ނިންމި މައްސަލަތަކުގެ އަދަދު ވެސް މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު 764 މައްސަލައެއް ތަހުގީގު ކުރަން ނިންމި އިރު 2015 ވަނަ އަހަރު އެ ކޮމިޝަނުން ތަހުގީގު ކުރަން ނިންމީ 611 މައްސަލައެކެވެ.
އެކަށީގެންވާ ހެކި ނެތުމުން މިދިޔަ އަހަރު 148 މައްސަލައެއް ނުބަލައި، ދޫކޮށްލާފައިވާ އިރު އެ ކޮމިޝަންގެ މެންޑޭޓްގައި ނުހިމެނޭ 63 މައްސަލައެއް ކަމާބެހޭ އިދާރާތަކަށް ވަނީ ފޮނުވައިފަ އެވެ.