08 އޮކްޓޯބަރ 2023 - 14:51

މާލޭގެ ފިހާރައެއްގެ ތެރޭގައި އެތަނުގެ ސޭޓަށް ވަޅިން ހަމަލާދިން މައްސަލާގައި އިއްޔެ ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ 29 އަހަރުގެ އަންހެނެކެވެ. ކޯޓުން އޭނާއަށް ބަންދުގެ މުއްދަތު ދިން ކަން ފުލުހުން މިއަދު ކަށަވަރުކޮށްދިނެވެ.
ޒަހަމްވި ބިދޭސީ މީހާއަށް އިއްޔެ ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ.
އެކަން ހިނގީ މާފަންނު މަޖީދީ މަގުގައި ހުންނަ ފޯނު ވިއްކާ ފިހާރައެއް ކަމަށްވާ ޑްރީމްސް މޮބައިލްސްގަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ އެ ފިހާރައިގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ފިހާރައަށް ވަދެ އެ އަންހެން މީހާ ފޯނެއް ދައްކަން ސޭޓު ގާތުގައި އެދެ އެވެ. ފޯނު ދެއްކި ފަހުން ދެ މީހުންގެ މެދުގައި ޒުވާބެއް ހިނގަ އެވެ.
އޭގެ އިރުކޮޅެއް ފަހުން އެ އަންހެން މީހާ އޭނާގެ ހެދުމުގެ ތެރޭގައި އޮތް ވަޅިއެއް ނަގައި ސޭޓުގެ ކަރުގައި އަޅައިފައި ފިހާރައިން ނުކުންނަ ދުއްވައިގަނެ އެވެ.