"ވަން ގަވް" މެދުވެރިކޮށް ޓީޗިން ލައިސަންސަށް ހުށަހެޅޭ ގޮތް ހަދައިފި
"ވަން ގަވް" މެދުވެރިކޮށް ޓީޗިން ލައިސަންސަށް ހުށަހެޅޭ ގޮތް ހަދައިފި

އެޑިއުކޭޝަން މިނިސްޓްރީން ދޫކުރާ ޓީޗިން ލައިސަންސް’އަށް "ވަން ގަވް" މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭ އިންތިޒާމް މިއަދު ހަމަޖައްސައިފި އެވެ.

"ވަން ގަވް" މެދުވެރިކޮށް ޓީޗިން ލައިސަންސަށް ހުށަހެޅޭ ގޮތް ހަދައިފި
"ވަން ގަވް" މެދުވެރިކޮށް ޓީޗިން ލައިސަންސަށް ހުށަހެޅޭ ގޮތް ހަދައިފި

މި ލައިސަންސަކީ ސްކޫލުތަކާއި ކިޔަވައިދޭ ތަންތަނުގައި މަސައްކަތްކުރާ ޓީޗަރުންނާއި ޓިއުޓަރުންނާއި ލީޑިން ޓީޗަރުންނާއި ސުޕަވައިޒަރުންނާއި ޑިޕާޓްމަންޓްތަކުގެ ހެޑުންނާއި ހެޑް ޓީޗަރުންނާއި އެ ފެންވަރުގެ ފަންނީ މަސައްކަތްކުރާ ފަރާތްތަކަށް ދޫކުރާ ލައިސަންސެކެވެ.

ފަސް ދަރިވަރުންނަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދޭ ޤުރުއާން ކުލާސްތަކާއި ޓިއުޝަން ކުލާސްތަކުގެ ޓީޗަރުން ވެސް މި ލައިސަންސް ނަގަން ޖެހެ އެވެ.

"ޓީޗިން ލައިސަންސް"ގެ އިތުރުން "ވަން ގަވް"އިން "ސްކޫލް ލީޑާޝިޕް ލައިސަންސް" އާއި “ސްކޫލް ޕްރޮފެޝަނަލް ލައިސަންސް" އަށް ވެސް މި ޕޯޓަލްއިން ހުށަހެޅޭނެ އެވެ.

"ސްކޫލް ލީޑާޝިޕް ލައިސަންސް" އަކީ ސްކޫލްތަކާއި ޕްރީސްކުލޫތަކުގެ ލީޑާޝިޕްގައި މަސައްކަތްކުރާ ޑެޕިއުޓީ ޕްރިންސިޕަލުންނާއި އެކްޓިން ޕްރިންސިޕަލުންނާއި ޕްރިންސިޕަލުންނާއި އެފެންވަރުގެ ފަރާތްތަކަށް ދޫކުރާ ލައިސަންސް އެކެވެ.

"ސްކޫލް ޕްރޮފެޝަނަލް ލައިސަންސް" އަކީ ޓީޗިން ލައިސެންސެއް ނުވަތަ ސްކޫލް ލީޑާޝިޕް ލައިސެންސެއް ލިބިފައިވާ ފަރާތެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ސްކޫލްތަކާއި ސްކޫލްތައް ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަނުގައި ދަރިވަރުންނާ އެކު މަސައްކަތްކުރާ ޕްރޮފެޝަނަލް ފަރާތްތަކަށް ދޫކުރާ ލައިސަންސެކެވެ.

އޭގެ ތެރޭގައި ތެރަޕިސްޓުންނާއި ކައުންސިލަރުންނާއި ސްކޫލް ހެލްތް އޮފިސަރުންނާއި ސްޕޯޓްސް ސްޕަވައިޒަރުންނާއި ވޮކޭޝަން އިންސްޓްރަކްޓަރުންނާއި ލައިބްރޭރިއަނުން ފަދަ މުވައްޒަފުން ހިމެނެ އެވެ.

ލައިސަންސް ދޫކުރަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މީގެ އެންމެ ބޮޑު މަގުސަދަކީ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަކީ ފަންނީ ހުނަރާއި ގާބިލުކަން އިތުރުވެފައިވާ ބަޔަކަށް ހެދުން ކަމަށެވެ.

"މީގެ ނަތީޖާއަކަށް ވަނީ މުޅި ތައުލީމީ ދާއިރާގެ ފެންވަރު މަތިވެގެން ދިއުން. މީގެ ދެވަނަ ސަބަބަކީ މުދަރިސުންނަކީ ގަދަރު ލިބިފައިވާ ބަޔަކަށްވެ، މުޖުތަމައުގައި ޓީޗަރުންނަށް ކުރާ އިހުތިރާމާއި ގަދަރު ލިބިގެން ދިއުން،" އޭނާ ވިދާޅުވި އެވެ.

މި ލައިސަންސުތަކަށް ހުށަހެޅުމަށް ހާސިލްކޮށްފައިވާ ސަނަދުތައް ޓްރާންސްކްރިޕްޓް ތަކާއި ކުށުގެ ރެކޯޑާއި ޕޮލިސް ރިޕޯޓާއި ކިޔަވައިދިނުމުގެ ތަޖުރިބާއާއި ތައުލީމީ ދާއިރާއިން ހޯދާފައިވާ ތަޖުރިބާ އަންގައިދޭ ލިޔުންތައް ހުށަހަަޅަން ޖެހޭނެ އެވެ. ތައުލީމީ ޓްރާންސްކްރިޕްޓުތައް ހުށަހަޅާ އިރު ހުށަހަޅަން ޖެހޭނީ 15 އެމްބީއަށް ވުރެ ބޮޑު ނޫން ޕީޑީއެފް ފައިލެވެ.

"ވަން ގަވް"އިން އެޕްލައި ކުރުމުން ދާއިމީ ލައިސެންސް ފީގެ ގޮތުގައި ނަގާ 400ރ. އަދި ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސާއި ޕްރޮވިޝަނަލް ޓީޗިން ލައިސަންސްގެ ގޮތުގައި 200ރ. އަށް ފައިސާ ދެއްކުމަށް އީމެއިލް އަދި އެސްއެމްއެސް މެދުވެރިކޮށް ނޮޓިފިކޭޝަނެއް ލިބޭނެ އެވެ. ފައިސާ ދެއްކުމުން އީމެއިލް މެދުވެރިކޮށް ލައިސަންސް ލިބޭނެ އެވެ.

"ވަން ގަވް" އަކީ ސަރުކާރުގެ ހިދުމަތްތައް އޮންލައިންކޮށް އެއް ތަނަކުން ދިނުމަށް ދާދި ފަހުން ތައާރަފްކުރި ޕްލެޓްފޯމެކެވެ.