08 އޮކްޓޯބަރ 2023 - 14:04

ޔަހޫދީންގެ ކައްފާރާ ދުވަހު ބުރަ މަސައްކަތް ކުރުން ހުއްދަ ނުވާތީ، ޑިއުޓީގައި ތިބި އިޒްރޭލުގެ ގިނަ ސިފައިން ވެސް އެ ދުވަހު ތިބީ އަރާމު ކުރުމުގެ ވިސްނުމުގަ އެވެ. އެއީ މީގެ 50 އަހަރު ކުރިން 1973 އޮކްޓޫބަރު 6 ވަނަ ދުވަހެވެ.

އެއީ ޔަހޫދީންގެ ޔޯމް ކީޕޫރް (ކައްފާރާ ދުވަސް) އެވެ. އިބްރީ ކަލަންޑަރުގެ ފުރަތަމަ މަސް (ޓިޝްރޭއި)ގެ 10 ވަނަ ދުވަހެވެ. އިއްތިފާގުން 1973 ވަނަ އަހަރުގެ ޔޯމް ކީޕޫރް ދިމާވީ 1393 ވަނަ އަހަރުގެ ރަމަޟާން މަހުގެ 10 ވަނަ ދުވަހާ އެވެ.

އޭރު އިބްރީންގެ ޔަހޫދީ ދައުލަތް އޮތީ، ސުއޭޒް ކެނެލްގެ އިރުން އޮތް، މިސްރުގެ ސީނާ އަޅުވެތިކޮށްގެންނެވެ. ސީރިޔާގެ ގޯލާންގެ އުސް ބިންތައް ވެސް އޮތީ އިޒްރޭލުގެ އަޅުވެތިކަމުގެ ދަށުގަ އެވެ. އެއީ 1967 ގައި ކުރި އަރަބި-އިޒްރޭލު ހަނގުރާމައިގައި އިޒްރޭލުން ހިފި އަރަބިންގެ ބިންތަކެވެ.

އެހެންކަމުން، ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ގަދަ ބާރުން ގާއިމުކުރި ޔަހޫދީ ދައުލަތާއި، އެ ދައުލަތުގެ ވަށައިގެން އޮތް އަރަބި ގައުމުތަކާ ދެމެދު އޭރު ވެސް އޮތީ ހަނގުރާމައިގެ ހާލަތެވެ. ކޮންމެ ބަޔަކު ވެސް ބަލަބަލައި ތިބީ، ކޮންމެ ވަގުތެއްގައި ވެސް އަނެއް ބަޔަކު، ހަނގުރާމަ ފަށައިފާނެ ކަމަށެވެ.
ނަމަވެސް އޮކްޓޫބަރު 6، 1979 ވީ ހޮނިހިރު ދުވަހަކީ، ހަނގުރާމައިގެ ހާލަތެއް މެދުވެރިވެދާނެ ދުވަހެއް ކަމަށް ޔަހޫދީން ގަބޫލެއް ނުކުރެ އެވެ. އެއީ ޔަހޫދީންގެ އެންމެ މުގައްދަސް ދުވަސް ކަމަށްވާ ޔޯމް ކީޕޫރް އެވެ. އަދި މުސްލިމުންގެ ގާތުގައި ވެސް އެހާ މުގައްދަސް މައްސަރެއް ކަމަށްވާ ރަމަޟާން މަހަށް ވާތީ އެވެ.
އޭގެ ދެ މަހެއްހާ ކުރިން މިސްރު ސިފައިންނާއި ސީރިޔާ ސިފައިން އަސްކަރީ ތަމްރީންތަކެއް ބޭއްވި ނަމަވެސް، ޔަހޫދީން ގަބޫލުކުރީ، ރޯދައިގެ ވަރުބަލިކަމުގެ ތެރޭގައި އަރަބިން ހަނގުރާމައެއް ނުފަށާނެ ކަމަށެވެ. ޔަހޫދީން ހީކުރި ގޮތާ ޚިލާފަށް، އެ ދުވަހުގެ މާއިރާ މިސްރު ސިފައިންނާއި ސީރިޔާ ސިފައިން ފެށި ހަނގުރާމަ 19 ދުވަހަށް ދެމިގެން ދިޔަ އިރު، އިޒްރޭލު ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
އެ ހަނގުރާމައަށް ފަހު އެމެރިކާ އާއި އިނގިރޭސި ވިލާތުގެ މައިގަނޑު އަމާޒަކަށް ހެދީ، އިޒްރޭލަކީ މެދުއިރުމަތީގެ އެއްވެސް ގައުމަކަށް ވައި ވެސް އެޅެން ނުކެރޭ ވަރުގެ އަސްކަރީ ބާރަކަށް ހަދައިދިނުމެވެ. ނަތީޖާއެއްގެ ގޮތުން، މިދިޔަ 50 އަހަރުގެ ތެރޭގައި ވެސް އިޒްރޭލާ ދެކޮޅަށް ހަނގުރާމައެއް ފަށަން ކެރުނު ގައުމެއް ނެތެވެ.
ނަމަވެސް އިއްޔެ (އޮކްޓޫބަރު 7، 2023) ހެނދުނު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލާ ދެކޮޅަށް ފެށި ވަރުގަދަ ކުއްލި ހަނގުރާމައިގައި، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، މުޅި ޔަހޫދީ ދައުލަތް ކުޑަކަކޫ މައްޗަށް ތިރި ކުރުވައިފި އެވެ. އެއްގަމާއި ވަޔާއި ކަނޑުމަގުން ފެށި މި ހަނގުރާމައިގައި، އިޒްރޭލު ސިފައިންގެ ގިނަ ބަޔަކު މަރާލައި ހާހަކަށް ވުރެ ގިނަ މީހުން އަސީރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ހަމާސް ޖަމާއަތަކީ އިޒްރޭލުން 2006 ވަނަ އަހަރުން ފެށިގެން ހިސޯރު ކޮށްފައި އޮންނަ ގާޒާގައި ވެރިކަން ކުރަމުން އަންނަ ޖަމާއަތެވެ. އެ އަހަރުން ފެށިގެން ގާޒާގެ ވަށައިގެން އިޒްރޭލުން ވަނީ ކަށި ނަރުގެ ވަރުގަދަ ފާރެއް ލައި، ގާޒާގެ ތެރެއިން އެއްވެސް މީހަކު އިޒްރޭލަށް ނުވަދެވޭނެ ހެން ބަންދުކޮށްފަ އެވެ.
ކަށިނަރުގެ ފާރު ހަލާކުކޮށްލުމަށް ފަހު، ހަމާސްގެ ހަނގުރާމަވެރިން ވަދެގަތީ ގާޒާގެ ރަށްބޭރުގައިވާ ޔަހޫދީ އާބާދީތަކަށެވެ. އެތަންތަނަށް ވަދެގަތުމަށް ފަހު ހަމާސްގެ ހަނގުރާމަވެރިން ދެން މިސްރާބު ޖެހީ ގާޒާއާ މާ ދުރު ނޫން ހިސާބެއްގައި ހުރި އިޒްރޭލު ސިފައިންގެ އަސްކަރީ ކޭމްޕަކަށެވެ.
ހަމާސް ޖަމާއަތުގެ ހަމަލާތައް ވަރުގަދަ ވާން ފެށުމާއެކު އިޒްރޭލު ސިފައިން ވަނީ ވައިގެ މަގުން ގާޒާ އަށް ހަމަލާ ދޭން ފަށައިފަ އެވެ. އިއްޔެ އާއި ރޭ ގާޒާ އަށް ދިން ހަމަލާތަކުގައި މިއަދުގެ ހެނދުނާ ހަމައަށް ފަލަސްތީނުގެ 250 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު 1800 އަށް އަރާ ކަމަށް ފަލަސްތީނު ސަރުކާރުން ބުނެ އެވެ.
ހަމަލާތަކަށް 24 ގަޑިއިރު ވެގެން ދިޔައިރު ވެސް، ހަމާސްގެ ހަނގުރާމަވެރިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކުން ފައްސައިލުމުގައި އިޒްރޭލަށް ކުރިއެރުމެއް ނުލިބެ އެވެ. ހަމާސްގެ އަސްކަރީ ގޮފި އަލް ގައްސާމް ބްރިގޭޑުން ބުނި ގޮތުގައި އެ ޖަމާއަތުގެ ހަނގުރާމަވެރިން، މިހާރު ވެސް އިޒްރޭލުގެ އަވަށްތަކުގައި ސާބިތުކަމާ އެކު، ޔަހޫދީ ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދެ އެވެ.
އިޒްރޭލުން ވެސް ވަނީ ގާޒާގެ ރަށްބޭރުގައިވާ ޔަހޫދީ އާބާދީތަކުގެ ތެރޭގައި، ޖުމްލަ 21 ސަރަހައްދެއްގައި ހަނގުރާމަ ހިނގަމުންދާ ކަން ކަށަވަރުކޮށްދީފަ އެވެ. އިޒްރޭލުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަމާސް އިން ފަށާފައިވާ ހަނގުރާމައިގެ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުގެ 300 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ.
އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 26 މީހަކު ވެސް ހިމެނޭ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެ އެވެ. މި ހަމަލާތަކުގައި ޒަޚަމްވި ޔަހޫދީންގެ އަދަދު މުޅިން ސާފު ނުވިޔަސް، ހަމާސްގެ ހަނގުރާމަވެރިން އަސީރު ކުރި ޔަހޫދީ ސިފައިންނާއި ޔަހޫދީ އާންމުންގެ އަދަދު ވެސް ހާހަކަށް އަރާނެ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ހަމާސް އިން ބުނީ މި ފެށީ ފަލަސްތީނު މިނިވަން ކުރުމުގެ ހަނގުރާމައެއް ކަމަށެވެ. އެހެންކަމުން މި ހަނގުރާމައިގައި ބައިވެރިވުމަށް އެ ޖަމާއަތުން ވަނީ، ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުގެ ހަނގުރާމަވެރިންނަށް ގޮވާލައިފަ އެވެ. އަދި އަރަބި ގައުމުތަކުގައި ތިބި، ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކުރާ އެންމެން ވެސް މި ހަނގުރާމައިގައި ބައިވެރިވުމަށް ހަމާސް އިން ގޮވައިލި އެވެ.
ހަމާސްގެ މި ގޮވައިލުމާއެކު، ލެބަނާންގެ ތެރެއިން މިއަދު ވަނީ އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފަ އެވެ. ހިޒްބުﷲ ޖަމާއަތުން އެ ހަމަލާތަކުގެ ޒިންމާ އުފުލާފައިވާ އިރު، އިޒްރޭލުން ވަނީ ލުބްނާންގެ އެތެރޭގައިވާ ހިޒްބުﷲގެ އަމާޒުތަކަކަށް ޑްރޯން މެދުވެރިކޮށް ހަމަލާތަކެއް ދީފަ އެވެ.
ހިޒްބުﷲގެ ހަމަލާތައް ބޮޑަށް އަމާޒުކުރީ، އިޒްރޭލުން ހިފާފައިވާ ލެބަނާންގެ ޝިބާގެ ދަނޑުބިންތަކުގައި އިޒްރޭލު ސިފައިން ގާއިމުވެ ތިބި މަރުކަޒުތަކަށެވެ. އެ ތަންތަނަށް ބޮޑުބަޑި އާއި ގައިޑެޑް މިސައިލްގެ އިތުރުން ޑްރޯން ބޭނުންކޮށްގެން ހަމަލާތަކެއް ދިން ކަމަށް ހިޒްބުﷲ އިން ނެރުނު ބަޔާނުގައިވެ އެވެ.
ހަނގުރާމަ ފެށުމާއެކު، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކެކޭ އެއްފަދައިން އިންޑިއާ އިން ވެސް ވަނީ ހަމާސްގެ ހަމަލާތަކަކީ ޓެރަރިސްޓު ހަމަލާތަކެއްކަމަށް ބުނެ އެކަން ކުށްވެރިކޮށް، އިޒްރޭލާ އެކުގައިވާކަން ހާމަކޮށްފަ އެވެ.
މިސްރުން ބުނީ ހަމަލާތައް ދިގުލައިގެން ދާ ނަމަ ނުބައި ނަތީޖާއެއް ނުކުމެދާނެ ކަމަށެވެ. އެހެންކަމުން ދެ ފަރާތުން ވެސް ކެތްތެރިކަން އިސްކޮށް ހަމަލާތައް ހުއްޓައިލުމަށް މިސްރުން ގޮވައިލި އެވެ. އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ، ހަމާސްގެ ހަމަލާތަކަށް ތާއީދު ކުރައްވާ ކަމަށާއި، ކަންތައް ވަމުންދާ ގޮތް ވަރަށް ގާތުން ބައްލަވާ ކަމަށެވެ.
އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް މަސައްކަތް ކުރާ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ބުނީ، ގާޒާގައި ކަންތައް ހިނގަމުންދާ ގޮތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި، ފަލަސްތީނުގެ ހަނގުރާމަވެރިންގެ އިސް ލީޑަރުންނާ އެކުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ގަތަރުން ބުނީ މިހާރު ހިނގަމުންދާ ހުރިހާ ހަމަޖެހުންތަކެއްގެ ޒިންމާ ނަގަންޖެހޭނީ އިޒްރޭލުން ކަމަށެވެ.