07 ފެބުރުއަރީ 2017 - 06:00

ބައެއް އަޑުތައް އިވުމުން ބައެއް މީހުންނަށް ވަރަށް އުނދަގޫވެ އެވެ. ތަނެއްގައި ނިޔަފަތި ކާއްތާ އަޑު ނުވަތަ އެއްޗެއް ދަމާފައި ގެންދާ އަޑު އިވުން ފަދަ ކަމަކުން އާދަޔާ ޚިލާފަށް ބޮލަށް އުނދަގޫވެ އެވެ. މިއީ ސިކުނޑީގައި ހުންނަ ތަފާތު ކަމެއްގެ ސަބަބުން ދިމާވާ ކަމެއްކަން، މިކަމާ ބެހޭ ގޮތުން ކުރި ކުޑަ ދިރާސާއަކުން ވަނީ ހާމަވެފަ އެވެ.
މިއީ "މިސޮފޯނިއާ" ކިޔާ ޑިސްއޯޑާއެއްގެ ސަބަބުން ދިމާވާ ކަމެކެވެ. މިއީ ބައެއް އަޑުތަކަށް އާދަޔާ ޚިލާފަށް ނަފުރަތު ކުރަން މެދުވެރި ކުރުވާ މައްސަލައެކެވެ. އެއްޗެއް ހަފާ އަޑު، ނޭވާލާ އަޑު ނުވަތަ ގަލަމެއްގެ ތުނޑަށް ފިއްތާ އަޑު ތަކުރާރުކޮށް އިވުން ފަދަ ކަމަކުން ވަރަށް ބޮޑަށް އުނދަގޫވާނެ އެވެ. މި މައްސަލަ ހުންނަ މީހުންނަށް "ފައިޓް އޮ ފްލައިޓް" ނުވަތަ ނުރައްކަލަކުން ސަލާމަތްވުމުގެ ގުދުރަތީ ނިޒާމު ކުއްލިއަކަށް މަސައްކަތްކުރަން ފަށަ އެވެ.
ނިއުކާސަލް ޔުނިވަސިޓީން ނެރުނު ނިއުސް ރިލީޒެއްގައި ބުނީ، މިއީ ބައެއް އަޑުތަކަށް ރުޅި އަންނަ މީހުންނަށް އެކަމުގެ ހަގީގަތް ކޮންމެވެސް ވަރަކަށް އެނގި ކޮންމެވެސް ހައްލަކަށް ވާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.
މި ދިރާސާ ކުރުމަށް، މިސޮފޯނިއާ ހުންނަ 20 މީހެއްގެ ސިކުނޑީގެ ސްކޭންތައް ކުރި އެވެ. އަދި ސިއްހަތު ރަނގަޅު 22 މީހެއްގެ ސިކުނޑިއާ މި މީހުންގެ ސިކުނޑީގެ ތަފާތު ދެނެގަތެވެ. މި ސްކޭންތަކުން އެނގުނު ގޮތުގައި، މިސޮފޯނިއާ ހުންނަ މީހުންގެ ސިކުނޑީގެ "އިމޯޝަންސް" އާ ގުޅުން ހުންނަ ހިސާބުގައި ތަފާތުކަމެއް ހުރެ އެވެ. މި މައްސަލަ ހުންނަ މީހުންނަށް ބައެއް އަޑުތައް އިވުމުން، އިމޯޝަންސް ކޮންޓްރޯލް ކުރާ ބައި އާދަޔާ ހިލާފަށް ހަރަކާތްތެރިވެ އެވެ. އަދި މި މީހުންގެ މި ބަޔަށް ސިގްނަލް އަންނަ ގޮތް ވެސް މި މީހުންގެ ތަފާތެވެ.
ބައެއް އަޑުތަކުން އުނދަގޫވާ މީހުންނަށް، އެ އަޑުތަކާ އެކު ޖިސްމާނީ ގޮތުން ވެސް އަސަރުކުރުވަ އެވެ. އެގޮތުން ހިތް އަވަސްވުމާއި ދާހިތްލުން ފަދަ ކަންކަން ދިމާވެ އެވެ.
ކަރަންޓް ބަޔޮލޮޖީގެ މި މަހުގެ ތިން ވަނަ ދުވަހުގެ އަދަދުގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައި ވަނީ މިއީ މިސޮފޯނިއާ ހުންނަ މީހުންނަށް ފަރުވާ ކުރުމަށް އެހީއަކަށް ވާނެ ދިރާސާއެއް ކަމަށެވެ.