08 އޮކްޓޯބަރ 2023 - 10:35

ބޮލީވުޑްގެ ތަރި، ނުޝްރަތު ބަރޫޗާ މިހާރު ހަނގުރާމަ ފެށިފައިވާ އިޒުރޭލުގައި ތާށިވެއްޖެ އެވެ.
ހަމާސްއިން އިޒްރޭލަށް އިއްޔެ ދިން ކުއްލި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ނުރައްކާވެފަ އެވެ. އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަހައްދު ތެރެއަށް ހަމާސް އިން ވަދެ ވަރުގަދަ ހަމަލާތަކެއް ދިނުމާ އެކު އެތައް ބަޔަކު ވަނީ ރަހީނު ވެސް ކޮށްފަ އެވެ.
ނުޝްރަތުގެ ޓީމުން އިންޑިއާގެ ބައެއް ނޫސްތަކަށް ބުނި ގޮތުގައި، އޭނާ އިޒުރޭލަށް ދިޔައީ "ހައިފާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް"ގައި ބައިވެރިވާށެވެ. ހަމަލާ ބަދަލުކުރަން ފެށި ފަހުން ނުޝްރަތުއާ އެންމެފަހުން ގުޅުނީ އިއްޔެ މެންދުރު 12 ޖަހާކަށް ހާއިރު އެވެ. އޭރު އޭނާ ހުރީ ރައްކާތެރިވުމުގެ ގޮތުން ބިންގަރާހެއްގައި ކަމަށް ބުންޏެވެ.
"އޭގެފަހުން ނުޝްރަތުގެ އެއްވެސް ހަބަރެއް އަދި ނުވޭ،" އޭނާގެ ޓީމުން ބުންޏެވެ.
ނުޝްރަތު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އޭނާގެ ޓީމުން ބުންޏެވެ.
އިޒުރޭލުގައި ނުޝްރަތު ތާށިވި އިރު، އެންމެފަހުން ނުކުތް އޭނާގެ ފިލްމު "އަކޭލީ"ގައި ވެސް ދައްކަނީ ހަނގުރާމަވެރި ސަރަހައްދެއްގައި ތާށިވާ އިންޑިއާގެ އަންހެނަކަށް ދިމާވާ ކަންތައްތަކެކެވެ. އެއީ، އިރާގުގައި 2014 ވަނަ އަހަރު ހިނގި ދާހިލީ ހަނގުރާމާގައި ތާށިވި، އެ ގައުމަށް މަސައްކަތްކުރަން ގޮސް އުޅުނު އިންޑިއާ އަންހެނަކަށް ދިމާވާ ކަންތައްތަކެކެވެ.
ހަމާސްއިން އިޒްރޭލަށް ދިން ކުއްލި ހަމަލާގައި ދެ ފަރާތުގެ ދެމެދުގައި މިހާރު ހުޅުފަޅައިގެން ގޮސްފައިވާ ހަނގުރާމައިގައި 300 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. އަދި 1،500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.