ސުޝްމިތާގެ "އާރިއާ 3" އަންނަ މަހު ތިނެއްގައި ގެނެސްދެނީ
ސުޝްމިތާގެ "އާރިއާ 3" އަންނަ މަހު ތިނެއްގައި ގެނެސްދެނީ

ބޮލީވުޑްގެ ތަރި ސުޝްމިތާ ސެންގެ ކަމިޔާބު ވެބް ސީރީޒް "އާރިއާ"ގެ ތިންވަނަ ސީޒަން އަންނަ މަހު ތިނެއްގައި ސްޓްރީމް ކުރަން ފަށަން ނިންމައިފި އެވެ.

އާ ސީޒަންގެ ޓީޒާއަކާ އެކު ސީޒަން ޕްރިމިއާކުރާ ދުވަސް ސުޝްމީތާ އިއްޔެ އިއުލާންކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާއިން ސްޓްރީމްކުރާ "އާރިއާ"ގެ ދެވަނަ ސީޒަން ވަނީ އެމީ އެވޯޑަށް ވެސް ނޮމިނޭޓުވެފަ އެވެ.

އޭނާ ޓައިޓްލް ރޯލް ކުޅޭ "އާރިއާ" އަކީ 2016 ގައި "ނީރްޖާ" ޑައިރެކްޓްކުރި ރާމް މަދުވާނީ ގެނެސްދޭ ސީރީޒެކެވެ.

މި ސީރީޒްގައި ދައްކަނީ ދިމާވާ ނުރައްކާތަކުން އާއިލާ ސަލާމަތްކުރަން މަސައްކަތްކުރާ ހިތްވަރުދަ އަންބެއް/މަޔަކަށް ދިމާވާ ކަންތައްތަކެވެ.

މި ސީރީޒަކީ 2010-2017 އަށް ގެނެސްދިން ނެދަލެންޑްސްގެ ސިލްސިލާ "ޕެޒޯނާ" އަށް ބިނާކޮށް ގެނެސްދޭ އެއްޗެކެވެ.

އާ ސީޒަންއާ ގުޅޭ މާ ގިނަ ތަފުސީލުތަކެއް ވެސް އަދި ހާމައެއް ނުކުރެ އެވެ.