07 އޮކްޓޯބަރ 2023 - 15:47

މާލޭގައި ފިހާރައަކަށް ވަން މީހަކު އެ ތަނުގައި ސޭޓަކަށް ހުރި މީހެއްގެ ކަރުގައި ވަޅި އަޅައިފި އެވެ.
ފުލުހުން މިއަދު ބުނީ ތޫނު އެއްޗަކުން ހަމަލާދީފައިވާ މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެ މައްސަލައިގެ ރިޕޯޓް ލިބުނީ މިއަދުގެ ހެނދުނު 11 ޖަހާކަށް ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޒަހަމްވި މީހާއާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ. އެނގިފައިވާ ގޮތުގައި އެއީ ބިދޭސީއެކެވެ.
ފުލުހުން ވަނީ އެ މީހާ އަށް ވަޅިން ހަމަލާދިން މީހާ ވެސް ހައްޔަރުކޮށްފަ އެވެ. އެއީ 29 އަހަރުގެ އަންހެނެކެވެ.
އެކަން ހިނގީ މާފަންނު މަޖީދީ މަގުގައި ހުންނަ ފޯނު ވިއްކާ ފިހާރައެއް ކަމަށްވާ ޑްރީމްސް މޮބައިލްސްގަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ އެ ފިހާރައިގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ފިހާރަ އަށް ވަދެ އެ އަންހެން މީހާ ވަނީ ފޯނެއް ދެއްކުމަށް ސޭޓު ގާތުގައި ބުނެފަ އެވެ. ފޯނު ދެއްކި ފަހުން ދެ މީހުންގެ މެދުގައި ޒުވާބެއް ހިނގާތަން ފެނެ އެވެ.
އޭގެ އިރުކޮޅެއް ފަހުން އެ އަންހެން މީހާ އޭނާގެ ހެދުމުގެ ތެރޭގައި އޮތް ވަޅިއެއް ނަގައި ސޭޓުގެ ކަރުގައި އަޅާ ތަން ފެނެ އެވެ.