06 ފެބުރުއަރީ 2017 - 10:36

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ކަންތައްތައް ބެލެހެއްޓުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލި ހާއްސަ ކޮމިޓީގެ ޗެއާޕާސަނަކަށް އަލީ ނާޝިދު (އޮގަރު އައްޔަ) ހަމަޖައްސައިފި އެވެ.
ގައުމީ ޓީމުތަކުގެ ކަންތައްތައް ހަމަޖެއްސުމަށް ކޮމިޓީގެ މެންބަރުން ކަނޑައެޅީ ރޭ އޮތް އެފްއޭއެމް ހިންގާ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
މި ކޮމިޓީގެ ޗެއާޕާސަނަކަށް ހަމަޖެއްސި އޮގަރު އައްޔަ ވަނީ ކުރިން ވިކްޓަރީ އާއި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ވެސް ކޮށްފަ އެވެ. އަދި ގައުމީ ޓީމުގެ ވަގުތީ ކޯޗެއްގެ ޒިންމާ ވެސް އަދާކުރި އެވެ.
މި ކޮމިޓީގައި ދެން ހިމެނެނީ އެފްއޭއެމް އަށް ގެންނަން ނިންމާފައިވާ ބޭރުގެ ޓެކްނިކަލް ޑައިރެކްޓަރާއި ސީނިއަ ގައުމީ ޓީމުގެ ހެޑް ކޯޗް ޑަރެން ސްޓެވާޓާއި ސީނިއަ ގައުމީ ޓީމުގެ ފިޒިޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޑރ. އަބްދުﷲ ރާފިއުގެ އިތުރުން ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް އަދި ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗު ޖަޕާންގެ ރިއޯ ނައޯކޯ ކަމަވޯޓޯ އެވެ.
ގައުމީ ޓީމުގެ ކަންތައްތައް ހަމަޖެއްސުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމުން ގިނަ ފަސޭހަތަކެއް ވެގެންދާނެ ކަމަށް އެފްއޭއެމުން ގަބޫލުކުރެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވިދާޅުވީ ސީނިއަ ގައުމީ ޓީމުގެ އިތުރުން ޖޫނިއަ ޓީމުތައް ވެސް ބަލަހައްޓައި، ބޭނުންވާ ކަންކަން ފެސިލިޓޭޓްކޮށްދޭނީ ކުރިއަށް އޮތް ތަނުގައި މި ކޮމިޓީންނެވެ.
މި ކޮމިޓީން ބޭނުންވާ ކަންތައްތައް ފުރިހަމަ ކޮށްދިނުމަށް އެފްއޭއެމުން ދޭން ޖެހޭ ސަޕޯޓް އެންމެ ފުރިހަމަ އަށް ދޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕް ކޮލިފައިންގައި މާޗު 28 އިން ފެށިގެން އަންނަ އަހަރުގެ މާޗު 27 ވަނަ ދުވަހާ ހަމަޔަށް ރާއްޖެ އަށް މެޗުތައް އޮންނާނެ އެވެ. އޮމާނާއި ފަލަސްތީނާއި ބޫޓާނާ އެއް ގްރޫޕެއްގައި ރާއްޖެ އޮތްއިރު، މި ގްރޫޕްގެ ދެ ވަނަ ހޯދައި ފުރަތަމަ ފަހަރަށް ސަރަހައްދީ އެންމެ ބޮޑު މުބާރާތުން ޖާގަ ކަށަވަރުކުރުމަކީ އެފްއޭއެމްގެ އެންމެ ބޮޑު އަމާޒެވެ.