08 އޮކްޓޯބަރ 2023 - 09:08

އުމުރުން ނުވަދިހަ އަހަރުގެ މުސްކުޅިއަކު ދެކެން ބޭނުންވާ ހުވަފެނެއް އޮވެދާނެއެވެ. ހަޔާތުގެ ދަތުރު ނިންމައިލުމަށް ޓަކައި، ފޮށިތަންމަތި ބަނދެފައިވިޔަސްވެހެވެ. ކުރަން ބޭނުންވި ކަންތައްތަކުގެ ތެރެއިން ގިނަ ކަންތައް ކާމިޔާބުވެފައިވިޔަސްވެހެވެ. ވީއިރު، އަހަރެން ދެކެން ބޭނުންވާ ހުވަފެނެއް ނޯންނަންވީ ކީއްވެހެއްޔެވެ؟ އަހަންނަކީ އުމުރުން އެންމެ ސޯޅަ އަހަރުގެ އަންހެންކުއްޖަކީމެވެ. އަހަރުމެންގެ އާއިލާގެ އެންމެން ވެސް ކިޔެވުމަށް މޮޅެވެ. އަހަރެންގެ ވަށައިގެންއުޅޭ އެންމެންނަކީ، ވީހައި ވެސް މޮޅަކަށް ކިޔަވައިގެން ވީހައި ވެސް މަތީ ވަޒީފާއެއް ހޯދަން ބޭނުންވާ މީހުންނެވެ. ބޮޑު މުސާރަޔާއި، އެހެން މީހުންގެ އިހުތިރާމު ބޭނުންވާ މީހުންނެވެ. އަހަރެން ހިތަށްއަރައެވެ. އެ ހިސާބުން އެމީހުންގެ ބޭނުންތައް ހަމަވީހެއްޔެވެ؟ ހުވަފެންތައް ހުސްވީހެއްޔެވެ؟ ނުވަތަ އެއީ އެެހެން މީހުން އެ ގޮތަށް އުޅޭތީ އެމީހުން ވެސް އުޅެން ބޭނުންވާ ގޮތެއްހެއްޔެވެ؟
އިންސާނަކު ދެކެން ބޭނުން އޮންނާނީ އެންމެ ހުވަފެނެއްހެއްޔެވެ؟ ކުރަން އޮންނާނީ އެންމެ އުންމީދެއްހެއްޔެވެ؟ ނޫނެކެވެ. ބައެއް ވާހަކަތަކަކީ ދައްކަން ނުކެރޭ ވާހަކައެވެ. މުޖުތަމައުގެ ބިރަށް ޓަކައިކަމަށް ވެސް ވެދާނެއެވެ. އެ ހުވަފެން ހަގީގަތަކަށް ހެދޭނެ އެއްވެސް މަގެއް ތަނަވަސްވެފައި ނެތުމާއި، އެ ކަމަށް ބޭނުންވާ ވަރަށް ވަގުތު ހުސްނުކުރެވިދާނެހެން ހީވުން އެއީ ވެސް ހަމަ ރަނގަޅު ސަބަބަކަށް ފުދެއެވެ. އަހަރެން ބުޅާ ދެކެ ވަރަށް ލޯބިވެއެވެ. ބުޅަލެއް ގެންގުޅޭ ހިތްވެއެވެ. މައްސަލައަކީ، މައިންބަފައިން ނުގަބޫލުވުމެވެ. އެމީހުންގެ ރުހުންހޯދުމަށް ކުރި ހުރިހައި މަސައްކަތެއްވީ ބޭކާރެވެ. އަހަރެންގެ މަންމައާއި ބައްޕައަކީ، އެ ކަމުގައި ވަރަށް ތަފާތު ވިސްނުމެއް ގެންގުޅޭ ބަޔެކެވެ. އެ މީހުންގެ ނަޒަރުގައި ބުޅަލަކީ ޖަނަވާރެކެވެ. އަހަރެންގެ ނަޒަރުގައި ބުޅަލަކީ ބުޅަލެކެވެ. ޖަނަވާރެކޭ ކިޔަން ވެސް އަހަރެން ބޭނުމެއް ނުވެއެވެ.
އަހަރެންނަށް ނުލިބުނު އެއްޗެއް އެހެން މީހަކު ގެންގުޅޭތަން ފެނުނީމައި ވާނީ ކިހިނެއްހެއްޔެވެ؟ އަހަރެން އެންމެ ބޭނުންވި ކަންތައް އެހެން މީހަކު ކުރާތަން ފެނުނީމައި ވާނީ ކިހިނެއްހެއްޔެވެ؟ ދެރަވެއެވެ. ރުޅިއާދެވެއެވެ. އެ މީހަކު ދެކެ ފޫހިވެވެއެވެ. އެ ކަމާ އަހަރެން ކުރާނީ ކީއްހެއްޔެވެ؟ އެއީ އަހަރެންގެ މިޒާޖެއެވެ. ނުބައި އާދައެކެވެ. އެހެން ބުނެލުމަކުން އެކަކަށް ވެސް ބޮޑުމަންޒަރެއް ނުފެންނާނެއެވެ. މިހެން ވެސް ބުނެލިޔަދޭށެވެ. އެ ފަދަ މީހަކަށް އަހަރެން ބަދުދުއާ ވެސް ކުރަމެވެ. އެއީ އަދި ކިހައި ނުބައި ސިފައެއްހެއްޔެވެ؟ އެކަކަށް ވެސް އެ ކަމެއް ނޭނގޭނެއެވެ. މާހީއަށް ވެސް އެ ކަން އޮންނާނީ ސިއްރުކޮށްފައެވެ. އެއީ އަހަރެންގެ އެކުވެރިޔެކެވެ. އަހަރުމެން އުޅެނީ އެއް ކިލާހެއްގައެވެ.
ފެންބޮވާފައިހުންނަ މީހަކަށް ފެން ނުލިބޭ ނަމަ، އެހެން ގޮތަކުން ވިޔަސް ކަރުހިއްކުން ފިލުވަން މަޖުބޫރުވާނެއެވެ. އަހަރެންގެ ހުވަފެން ހަގީގަތަކަށް ނެހެދުނަސް އެ ހުވަފެނުގެ ތަސްވީރުތައް ރައްކާކުރަމެވެ. ބުޅާ ގޮވާ އަޑާއި، އެކި ކަހަލަ ބުޅަލުގެ މަންޒަރު ވެސް އެއްކުރަމެވެ. ހިތަށް ފިނިކަން ހޯދަނީ މީސްމީޑިޔާއިންނެވެ. އެކަނިވާ ކޮންމެ ވަގުތަކު އަހަރެންގެ މިތުރަކީ ވެސް އެއީއެވެ. އަހަރެންގެ އުފަލަކީ ވެސް އެއީއެވެ. މަންމަ ބުނެއެވެ. އަހަރެން ހުންނަނީ ބުޅަލާ ހެދި މޮޔަވެފައެވެ. ހިތަށްއަރައެވެ. އެ ނޫން މީހަކީ ކާކުހެއްޔެވެ؟ އެއްބަޔަކަށް ގަހެވެ. އަނެއް ބަޔަކަށް މަހެވެ. އަނެއް ބަޔަކަށް ދޫންޏެވެ. ހަރުފަ ގެންގުޅޭ ހިތްވާ މީހުން އުޅޭ އިރު އަހަންނަށް ބުޅަލެއް ނުގެންގުޅެވެންވީ ކީއްވެހެއްޔެވެ؟
ގޭގެ ދޮރުގައި ޓަކިޖެހުމުން އަހަރެން ދުވެފައި ގޮސް ދޮރުހުޅުވީމެވެ. އެކުވެރި މާހީ ދޮރުމަތީގައި ހުއްޓެވެ. އޭނަ ސުކޫލަށް ނާންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ވީ ގޮތެއް ނޭނގެއެވެ. އެ ފަދަ ކަންކަމަށް ސަމާލުކަންދެވޭ ވަރަށް ވުރެ އަހަރެންގެ ހިތްދަތިކަން ބޮޑެވެ. އަހަރެން ފެނުމުން އޭނަ އެނބުރިލައިފައި ދައްކައިލީ ބުރަކަށީގައި އަޅުވާފައިހުރި ދަބަހެވެ. ނޫނެކެވެ. ދަބަހުން ބޯނެރިލައިގެން އިން ބުޅަލެވެ. މާހީ ތަންތަނަށް ދާ އިރު ބުޅާ ގެންދަނީ، އެއަށް ހާއްސަ ދަބަހަކަށް ލައިގެންނެވެ. އެ ދުވަހު މާހީ އައީ ރޭގަނޑު މަޑުކޮށްފައި ދުވާލު ދާ ގޮތަށެވެ. މާހީގެ ބައްޕަ މާހީގެ ދަބަސް ހިފައިގެން އައުމުން އެންމެން އެކުގައި އެތެރެއަށް ވަނީމެވެ. މާހީގެ ބައްޕައާއި އަހަރެންގެ ބައްޕައަކީ ވަރަށް ގާތް ދެ އެކުވެރީންނެވެ. އެމީހުން އޮލަވާހަކައެއް ފެށުމުން އަހަންނާއި މާހީ ދިޔައީ އަހަރެންގެ ކޮޓަރިއަށެވެ. ދަބަސް ބެހެއްޓުމާއެކު ބުޅާ ފުންމައިލައިގެން އައިސް އަހަރެންގެ އުނގަށްއެރިއެވެ. އެއީ ކެހެރި ދިގު، ކަޅި ނޫ، ހުދު ބުޅަލެކެވެ. މާހީ ހައިރާންވެފައި ބަލަހައްޓައިގެން އިނެވެ.
"ކިޓީ ތިހާ އަވަހަކަށް މީހުންނާ ރައްޓެއްސެއް ނުވާނެ،" މާހީ ބުންޏެވެ. "ވެރީ ސްޓްރޭންޖް!"
ބުޅާ ދެނެއް ނުފެއިބިއެވެ. ކާންވީމައި ކައިގެން އައިސް އޮންނަނީ އަހަރެން އިންނަ ތަނެއްގައި، އަހަރެންގެ ގައިގައި ޖެހިލައިގެންނެވެ. ބައެއް ފަހަރު އަހަރެންގެ އުނގުގައި ވެސް އޮވެއެވެ. މަންމައާއި ބައްޕަ މައްސަލައެއް ނުޖައްސައެވެ. ބުޅާ ފެންނަކަމަކަށް ނަހަދައެވެ. އެއީ މާހީގެ ބައްޕައަށް ދައްކަން ކުރާކަމެކެވެ. ނުވަތަ އަހަރެން ރުއްސަންކަމަށް ވެސް ވެދާނެއެވެ. ކޮންމެއަކަސް އެ ކަހަލަ ގޮތަކަށް ދުވަސް ނިމި، ނިދާގަޑިޖެހުނެވެ.
މާހީއާއި އަހަރެން ނިދާނީ އެއް އެނދެއްގައެވެ. ބުޅަލަށް ވަގުތީ ތަނެއް އަހަރުމެން ހެދީމެވެ. އެކަމަކު ބުޅާ އައިސް އޮންނަނީ އަހަރެން ކައިރީގައެވެ. މާހީ ކައިރިއަކަށް ނުދެއެވެ. ދޭތެރެއަކުން އެނދުގެ ކުލްޓު ދަށަށް ވަދެއެވެ. އަހަރެންގެ ފަޔާ ކުޅެއެވެ. އަހަރެން ނިދަނީ ސޯޓަކާއި ޓީޝާޓެއް ލައިގެންނެވެ. ބައެއް ފަހަރު އަހަރެންގެ ބަނޑުމަތީގައި އޮވެއެވެ. ދޭތެރެއަކުން އަހަރެންގެ އިސްތަށިގަނޑާ ކުޅެލައެވެ. މަޑުމަޑު އަޑަކުން، ވަރަށް ލޯބިން ގޮވައިލައެވެ. އުފަލުން އަހަންނަކަށް ނުވެސް ނިދުނެވެ. އިރުއަރަންދެން ދުއާކުރީމެވެ. ބުޅާ ނުގެންދޭތޯއެވެ. އެކަކަށް ވެސް އަހަރުމެން ވަކިނުކުރެވޭތޯއެވެ. އަދި އެއްރޭ މާހީ މަޑުކުރޭތޯއެވެ. އެހެނަސް ކަންތައް ދިމާވީ މުޅީން އެހެން ގޮތަކަށެވެ.
ހެނދުނު ސައިބޮއިގެން ގެއަށްދާން މާހީ އުޅުނެވެ. އަހަރެން ކުރި ހުރިހައި ދުއާއެއް ބޭކާރުވީއެވެ. އެހެން ވެދާނެކަމަކަށް އަހަރެން ހިޔެއްނުކުރަމެވެ. ބުނެކިޔައި އާދޭސްކޮށްގެން ވެސް މާހީ މަޑުކުރީ މެންދުރުވަންދެންނެވެ. އެއަށްފަހު، ބުޅާ ގޮވައިގެން ދިޔައީއެވެ. ދަމުންދަމުން ބުޅާ އައިސް ކޮންމެވެސް އެއްޗެކޭ ބުނި ކަހަލައެވެ. އޭރަކު ނުވިސްނުނެވެ.
ހަވީރު އަހަރެން ސައިބޯން އިންދައި މަންމަ އައިސް މޭޒުކައިރިއަށް ހުއްޓުނެވެ. ހައިރާންވެފައި އަހަންނަށް ބަލަން ފެށިއެވެ. އޭރު ވެސް އަހަރެންގެ މޫޑު އެހައި ރަނގަޅެއް ނޫނެވެ.
"ވަޓް މަންމާ؟" ހިތްހަމަނުޖެހިފައި އަހަރެން ބުނީމެވެ. "ކީއްވެތަ ތި ބަލަނީ؟"
"ކަމެއްނުވޭ ދަރިފުޅާ!" ހިނިތުންވެލާފައި މަންމަ ބުންޏެވެ. "ދެ ޕަކެޓު ހުސްވީ؟ ދަރިފުޅަކީ ހުސް މިލްކު ބޮވޭ ކުއްޖެއް ވެސް ނޫނެއްނު!"
އަހަންނަށް ވިސްނައިލެވުނީ ދެނެވެ. ޑަޗްލޭޑީ ދިޔާ ކިރުގެ، ބޮޑު، ހުސް ދެ ޕަކެޓު މޭޒުމަތީގައި އޮތެވެ. އަހަރެން ކައިރީގައި ހުރި ތަށީގެ މެދާ ހަމައަށް ކިރު ހުއްޓެވެ. ސައިފަތް ކަހަލަ އިތުރު އެއްޗެއް ނާޅާ ހުސް ކިރުގެ އެންމެ ކޯވަރެއް ވެސް އަހަންނަކަށް ނުބޮވޭނެއެވެ. އޯކަށްދެމޭނެއެވެ. ކުއްލިއަކަށް އަހަންނަށް މި ވީ ކިހިނެއްހެއްޔެވެ؟
ރޭގަނޑު އަހަރެން ކާން ބޭނުންވީ ހުސް ފެލިވަރު މަހެވެ. ހުހައި މަސްކެއުމަކީ ވެސް އަލަށް ފެށުނު އާދައެކެވެ. ކުއްލިއަކަށް އަހަންނަށް މަސްދަޅު މީރުވީ ކީއްވެގެންހެއްޔެވެ؟
"ކޮން ފާޑަކަށް ތި ހިނގަނީ؟" އަހަރެން ނިދަން ކޮޓަރިއަށް ވަންނަނިކޮށް ތުއްތަ އެހިއެވެ. "މިހާރު ކެޓްވޯކް ޕްރެކްޓިސްކުރަނީތަ؟"
ތުއްތަ އަބަދުވެސް އެ ކަހަލަ ސަމާސާކުރެއެވެ. ތަފާތު ގޮތަކަށް ހިނގޭކަމެއް އަހަންނަކަށް ފާހަގައެއް ނުވެއެވެ. ނިދަން އޮށޯތީމެވެ. ނިދިނިދިއޮއްވައި، ސިއްސައިގެންގޮސްފައި ހޭލެވުނެވެ. ކިޓީގެ އަޑުއިވިގެންނެވެ. ކަންފަތް ކައިރިންނެވެ. ޔަގީނުން ވެސް އެއީ ހީއެކެވެ. ވިސްނަންއޮއްވައި، ކުލްޓު ދަށުން ފައިގައި ބުޅާ ކޭއްތިލިހެން ހީވެގެން ކުލްޓު ހިއްލައިލެވުނެވެ. އެ ތަނަކު އެކައްޗެއް ވެސް ނެތެވެ. އަނެއްކާ ވެސް ބުޅާ ގޮވައިލި އަޑުއިވުނެވެ. އެއީ ހީއެއް ނޫނެވެ. އަނެއްކާ ކުލްޓު އެޅީމެވެ. އަޅާ އިރަށް ބުޅާ އައިސް އަހަރެންގެ ފައިގައި ޖެހިލައިގެން އޮވެއެވެ. ހޫނުކަން އަހަންނަށް އިހުސާސްވެއެވެ.
އަހަރެންގެ ދިރިއުޅުމަށް އިތުރު ބަދަލުތައް އައެވެ. ދުވާލަކީ އަހަރެން ނިދާ ވަގުތެވެ. ރޭގަނޑު ނިންޖެއް ނާދެއެވެ. ކޮޓަރިން ނުކުމެގެން ގަސް ހުންނަ ތަނަކަށް ދާހިތްވެއެވެ. އެހެނަސް ނުއެއް ނުކުންނަމެވެ. އޭތް ކިޔާފައި މީހަކަށް ގޮވައިލަން ވެއްޖެއްޔާ އަހަރެން ގޮވައިލަނީ "މިޔާއޮ" ކިޔައިފައެވެ. އެކަކު ވެސް އެ ކަން ބޮޑުކަމަކަށް ނަހަދައެވެ. ބުޅަލަށް އަހަރެން ކިހައި ވަރުހުންނަކަން އެނގޭތީއެވެ. ކޮޓަރީގައި "ބުޅަލެއް" އުޅޭކަމެއް އެކަކަށް ވެސް ނޭނގެއެވެ.
މަގުމަތީގައި އުޅޭ އިރު ބުޅަލަކަށް އަހަރެން ފެނިއްޖެއްޔާ، ދުރަށް ޖެހިލައިގެން އަހަންނަށް ބަލަން އޮވެއެވެ. އެހެން މީހަކަށް އެ ކަމެއް ފާހަގައެއް ނުވެއެވެ. ބުނާކަށް އަހަރެން ގަސްތެއް ނުކުރަމެވެ. ބުޅާތަކުގެ ލޮލުން އަހަންނަށް ހައިރާންކަން ފެންނަން ފެށިއެވެ. އަހަރުމެންގެ މެދުގައި ގާތް ގުޅުމެއް އޮންނަކަމުގެ އިހުސާސްކުރެވެއެވެ. ދެ ބުޅާ އެއްކޮށް ދަނިކޮށް އަހަރެން ފެނިއްޖެ ނަމަ، ދެ ބުޅާ ވެސް ހުއްޓި އަހަންނަށް ބަލަން އޮވެއެވެ.
ކޮންމެ ރެޔަކު ވެސް އަހަރެންގެ އެނދަށް ބުޅާ އަރައެވެ. ނިދެންދެން އަހަރުމެން ކުޅެ މަޖާކުރަމެވެ. އަހަރުމެންގެ ދެމެދުގައި އޮންނަނީ، ނަމެއް ދޭން ނޭނގޭ ކަހަލަ ގުޅުމެކެވެ. ދާ ކޮންމެ ތާކަށް އަހަރެން ބުޅާ ގެންދަމެވެ. މާހީ ގެންގުޅޭ ކަހަލަ ދަބަހަކަށް ލައިގެންނެވެ.
"މީނަ ކޮން ދަބަހެއްތަ އަޅުވައިގެން މިއުޅެނީ؟" އެއްދުވަހަކު މަންމަ ބުނި އަޑުއެހީމެވެ. "އަހަރެން ހަނދާންވަނީ މާހީ މަތިން. ބުޅާ މަރުވީމަ ވެސް އޭނަ އުޅޭނެ ދަބަސްގަނޑު އަޅުވައިގެން. އެ ކުއްޖާ މިހާރު ހަމައެއް ނޫން."
އެކި މީހުންގެ ހުވަފެން ހަގީގަތަކަށް ވާނީ އެކި ގޮތަށެވެ. އުންމީދު ފުރިހަމަވާނީ ވެސް އެކި ގޮތަށެވެ. މިހާރު އަހަރެންގެ އުމުރުން ވިހި އަހަރެވެ. އަހަރެންގެ ގާތް އެކުވެރިއެއް ނުހުންނާނެއެވެ. ލޯބިވެރިޔެއް ވެސް ނުހުންނާނެއެވެ. އެހެން މީހުންނަށް ހުވަފެނަކީ ބިލާހެކެވެ. އަހަރެންގެ ހަގީގަތަކީ ހުވަފެނެކެވެ. އޭގައި ދިރުމެއް ވެއެވެ. އުންމީދެއްވެއެވެ. އާނއެކެވެ. ހިތްހަމަޖެހުމަކާއި އުފަލެއް ވެސް ވެއެވެ. މިހާރު އަހަންނަށް ވިސްނެއެވެ. މާހީ މޮޔައީކީ ނޫނެވެ. އެހެން މީހުންނަށް ހަގީގަތް ނުފެންނަނީއެވެ.
-ނިމުނީ-