06 ފެބުރުއަރީ 2017 - 09:48

މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެކަން އިއުލާން ކުރައްވަމުން މަޖިލީހުގެ ރައީސް މަސީހު މިއަދުގެ ޖަލްސާ ނިންމާލައްވައިފި.
ރާއްޖޭގެ ކުރިއެރުމާއި ހަމަޖެހުމަށް ދުއާކުރައްވަމުން ރައީސް ޔާމީން ރިޔާސީ ބަޔާން ނިންމަވާލައްވައިފި.
ރައީސް ޔާމީން: ވައުދުތައް ފުއްދުން އަވަސް ކުރުމަކީ އެންމެ ބޮޑު އެއް މަގުސަދު. ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން ގާއިމްކުރެވިއްޖެ. ކުރިއަށް އޮތް ތަނުގައި ވެސް އެ ކަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން.
ރައީސް ޔާމީން: މިދިޔަ އަހަރު ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިންގެ ޝަރަފާއި ގަދަރު ވަނީ އުފުލިފައި. ކޮމަންވެލްތުން ވަކިވުމަކީ އެންމެ އުނދަގޫ އެއް ނިންމުން. ދެދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އދ. ގައި ރާއްޖޭގެ ދައުރު ވަނީ ފުޅާކޮށްފައި. ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެ އަށް ހެޔޮ އެދޭ ގައުމުތަކާ އެކު މަސައްކަތް ކުރާނެ. ވިސާގެ ކަންކަން ފަސޭހަ ކުރުމަށް މި އަހަރު އެކި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާނަން.
ރައީސް ޔާމީން: މިިދިޔަ އަހަރު 11 ރިސޯޓާއި 135 ގެސްޓްހައުސް ހުޅުވިފައިވޭ. މި އަހަރު 25 ރިސޯޓާއި އިތުރު ގެސްޓްހައުސްތައް ހުޅުވޭނެ.
ރައީސް ޔާމީން: ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ އިގްތިސާދީ ކުރިއެރުމާއި ތަރައްގީ. އެކަން ހާސިލްކުުރުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން ކޯޓެއް ގާއިމްކޮށް، އާބިޓްރޭޝަން ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރިއަށް.
ރައީސް ޔާމީން: މިދިޔަ ތިން އަހަރު 62،000 އަށް ވުރެ ގިނަ ވަޒީފާ އުފެދިފައިވޭ. މި އަހަރު ގިނަ ރިސޯޓުތަކެއް ހުޅުވަން ނިންމާފައި ވާއިރު، އިތުރު ވަޒީފާތަކެއް އުފެދޭނެ.
ރައީސް ޔާމީން: މާލޭ ބަނދަރު ބޮޑުކުުރުމުގެ މަސައްކަތް ވަނީ ފެށިފައި. ކުދި އަދި މެދުފަންތީގެ ކްރެޑިޓް ގެރެންޓީ ސްކީމް ވަނީ އިތުރުކުރެވިފައި. ރަހުނާ ނުލާ ލޯބު ލިބޭނެ ގޮތް ވާނެ.
ރައީސް ޔާމީން: ގިނަ އިންވެސްޓްމަންޓުތަކެއް ވަނީ ރަޖިސްޓްރީކޮށްފައި. އައިހެވަންގެ ތަފްސީލީ ކުރެހުންތައް އޭޕްރީލް މަހަށް ނިމޭނެ. އޭރުން އިންވެސްޓަަރުން ހޯދުމުގެ އަމަލީ މަސައްކަތް ފެށޭނެ.
ރައީސް ޔާމީން: މިދިޔަ އަހަރު އިންފްލޭޝަން ހުރީ އެއް ޕަސެންޓަށް ވުރެ ދަށުގައި. ތަކެތީގެ އަގު އުފުލެމުން ދިޔަ މިންވަރު ދެ ޕަސެންޓަށް ވުރެ ދަށުގައި. މިދިޔަ އަހަރު 18.1 ބިލިއަން ރުފިޔާ ލިބުނުއިރު، 22.4 ބިލިއަން ހަރަދު ކުރެވުނު. މި އަހަރު 22.2 ބިލިއަން ހަރަދު ވާނެ. އަދި 21.9 ބިލިއަން ލިބޭނެ ކަމަށް ބެލެވޭ. ބަޖެޓް ޑެފިސިޓް 303 މިލިއަން ރުފިޔާ އަށް ކުޑަކުރެވޭނެ.
ރައީސް ޔާމީން: ދުވާލު ބޭނުންކުރާ ކަރަންޓުގެ 30 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ އަަށް ބަދަލުކުރުން 100 އަށް ވުރެ ގިނަ ރަށުގައި މިދިޔަ އަހަރު ކުރިއަށް ދިޔަ.
ރައީސް ޔާމީން: އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ނިމި، ކުނި ނައްތާލުން އެ ތަނަށް ވަނީ ބަދަލުކޮށްފައި.
ރައީސް ޔާމީން: ކުޅުދުއްފުއްޓާއި އެ ނޫން ވެސް ރަށްތަކެއްގައި އެއާޕޯޓް އެޅުމުގެ މަސައްކަތް މި އަހަރު ފެށޭނެ.
ރައީސް ޔާމީން: ގޮނޑުދޮށް ހިމާޔަތް ކުރުމާއި ފެން ހިންދުމުގެ މަސައްކަތް ވެސް މިދިޔަ އަހަރު ކުރިއަށް ގެންދިޔަ.
ރައީސް ޔާމީން: 13 ރަށެއްގެ ބަނދަރު ވަނީ ނިމިފައި. 43 ރަށެއްގެ ބަނދަރު ހެނދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. 56 ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވޭ. މި އަހަރު 11 ރަށެއްގެ އަމަލީ މަސައްކަތް ކުރާނެ. 46 ރަށެއްގައި ނަރުދަމާގެ މަސައްކަތް ކުރިއަށް ދާނެ. 46 ރަށެއްގައި ފެނުގެ ނިޒާމުގެ މަސައްކަތް މިދިޔަ އަހަރު ކުރިއަށް ގެންދިޔަ. 28 ރަށެއްގައި ފެނުގެ މަޝްރޫއު މި އަހަރު ކުރިއަށް ދާނެ.
ރައީސް ޔާމީން: ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަން ޖެހޭ ކުދިންގެ އަދަދު އިތުުރުވެފައިވާތީ، އަމިއްލަ ފަރާތްތަކާ ގުޅިގެން އެ ކުދިންނަށް ފުރުސަތުތައް ހޯދައިދޭން މި ދަނީ މަސައްކަތް ކުރަމުން. ޒުވާނުންނަށް ކުރު މުއްދަތުގެ ކޯސްތައް ހިންގައި މިދިޔަ އަހަރު 700 އަށް ވުރެ ގިނަ ކުދިން ތަމްރީނުކޮށްފައިވޭ. ސްޕޯޓްސް އެރީނާ މަޝްރޫއުގެ 80 ޕަސެންޓް މި އަހަރު ނިމޭނެ. ކުޅިވަރުގެ ރޮނގުން ވެސް މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް.
ރައީސް ޔާމީން: ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަށް، އަނިޔާ އިން ސަލާމަތް ކުރުމަށް ޓީޗަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ވަނީ ހިންގާފައި. ނުކުޅެދުންތެރިކަން ހުންނަ 270 މީހަކަށް ވަނީ ވަޒީފާ ދީފައި.
ރައީސް ޔާމީން: އައިޖީއެމްއެޗުގެ ފެންވަރު ރަނގަޅުކޮށް، ބޭރަށް ދާ މީހުންގެ އަދަދު މަދު ކުރުމަކީ ބޮޑު އަމާޒެއް. މިދިޔަ އަހަރު ކާޑިއެކް ސެންޓަރެއް ގާއިމްކޮށް، ކިޑްނީގެ ބަލިތަކަށް ފަރުވާ ދޭން ވެސް ވަނީ ފެށިފައި. އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް ގާއިމްކުުރުމުގެ މަސައްކަތް ވަނީ ބަޔަކާ ހަވާލުކޮށްފައި. އެ ހޮސްޕިޓަލް އަންނަ އަހަރު ހުޅުވޭނެ.
ރައީސް ޔާމީން: ތައުލީމީ ދާއިރާގެ އެންމެ ބޮޑު ކާމިޔާބީ އަކީ އޯލެވެލްގައި ބައިވެރިވި ކޮންމެ 10 ކުއްޖެއްގެ ތެރޭން ހަތް ކުއްޖަކު ފަސް މާއްދާއަކުން ފާސްވުން. މިއީ އެ ލަނޑުދަނޑި ހާސިލްކުރެވުނު ފުރަތަމަ ފަހަރު. ޕްރީ ސްކޫލް ތައުލީމު ވަނީ ހިލޭ ދޭން ފަށާފައި. ހުނަރު އުނގަންނައިދިނުމުގެ ޕްރޮގްރާމްތަކުގައި ގިނަ އަދަދެއްގެ ކުދިން އެބަ ކިޔަވާ. ނުކުޅުދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭނެ ޓީޗަރުން ރާއްޖޭގެ ކޮންމެ ސްކޫލެއްގައި މި އަހަރު ތިބޭނެ.
ރައީސް ޔާމީން: ދަނޑުވެރިކަމުގެ ޕްރޮގްރާމްތައް މިދިޔަ އަހަރު 26 ރަށެއްގައި ވަނީ ހިންގާފައި. ވަރުވާ އަށް ދޫކުރާ ރަށްތަކުން ލިބޭ އާމްދަނީ ވަނީ މަތިވެފައި. އިމްޕޯޓް ދަށްކޮށް، ބައެއް ބާވަތްތައް ރާއްޖޭގައި އުފައްދަން މި އަހަރު މަޝްރޫއެއް ފެށޭނެ.
ރައީސް ޔާމީން: މަސްވެރިކަން ކުރިއަރުވަން ތަފާތު ކަންކަން ފެށޭނެ. މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުުރުމުގެ ފައިދާ ދަނީ ލިބެމުން. މަސް ފިނިކޮށް ބެހެއްޓޭނެ ފެސިލިޓީއެއް އައްޑޫގައި މި އަހަރު ހެދޭނެ.
ރައީސް ޔާމީން: ހުޅުމާލެ އާއި އެކި ހިސާބުތަކުގައި 1،500 ހައުސިން ޔުނިޓުގެ މަސައްކަތް ވަނީ ނިމިފައި. ހަ ސަތޭކަ ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ. ހަތަރު ރަށެއްގެ ބިން ހިއްކުން ވަނީ ނިންމާފައި. މި އަހަރު އިތުރު ތިން ރަށެއްގެ ބިން ހިއްކުން ފެށޭނެ.
ރައީސް ޔާމީން: ދިވެހިންގެ މެދުގައި ގައުމީ ވަހުދަތު އާލާކުރަން މަޝްރޫއެއް ފަށަން ވަނީ ނިންމާފައި.
ރައީސް ޔާމީން: މިދިޔަ އަހަރަކީ ރައްޔިތުންނަށް ބޭނުންވެފައިވާ ގިނަ ކަންކަން ފުއްދައިދިނުމުގައި ކާމިޔާބީތަކެއް ހޯދައިދެވުނު އަހަރެއް. ތަރައްގީގެ ގިނަ މަޝްރޫއުތަކެއް، ބާރު ސްޕީޑުގައި ހިނގި. ރައްޔިތުންގެ މަސްލަހަތު އަބަދު ވެސް ކުރިއަރުވަން. އަބުރު ރައްކާތެރިކޮށް، ގައުމުގައި އަމަންއަމާންކަން ގާއިމްކުރުމަކީ އެންމެ ބޮޑު މަސްއޫލިއްޔަތު. ރާއްޖޭގައި އޮތް ބިރުވެރިކަމާއި ނާމާންކަމަށް ކޮންމެެ ވެސް ވަރެއްގެ ހައްލެއް ލިބިއްޖެ.
ރިޔާސީ ބަޔާން އިއްވަން ފަށަނީ.
މަޖިލީހުގެ ރައީސް މަސީހު ޖަލްސާ ފައްޓަވައި ދެއްވައިފި. މި ޖަލްސާ އަށް 56 މެމްބަރުން ވަޑައިގެން އެބަ ތިއްބެވި.
ޖަލްސާ ފެށުމުގެ ގޮތުން ގުރުއާން ކިޔަވަނީ. ގުރުއާން ކިޔަވާ ވިދާޅުވަނީ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު.
ޖަލްސާ ބާއްވާ ތަނަށް ރައީސް ޔާމީން ވަދެވަޑައިގެންފި. އެ މަނިކުފާނުގެ އަރިހުގައި މަޖިލީހުގެ ރައީސް މަސީހު ވެސް ވަޑައިގެންނެވި.
ނައިބު ރައީސް އަބްދުﷲ ޖިހާދު ވަޑައިގެންފި.
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ 10:00 ފެށުމަށް ތައްޔާރުވަމުން އަންނައިރު، އިދިކޮޅު އެމްޑީޕީން ވަނީ މި ޖަލްސާ ބޮއިކޮޓްކޮށްފައި. އެ ޕާޓީން ބުނެފައިވާ ގޮތުގައި ރައީސް ޔާމީންގެ އަމަލުފުޅުތައް ހުރީ ގާނޫނުއަސާސީ އާއި ގަވާއިދުތަކާ އެއްގޮތަކަށް ނޫން. އެހެންވެ، އޮޅުވާލައިގެން ދައްކަވާ ވާހަކަފުޅުތަައް އަޑުއެހުމުގެ ބޭނުމެއް ނެތް ކަމަށް އެ ޕާޓީން ބުނެފައިވޭ.
ރިޔާސީ ބަޔާން ދެއްވާ ޖަލްސާގައި ދައުލަތުގެ އިސް ވެރިންނާއި މިނިސްޓަރުން ވެސް އެބަ ތިއްބެވި.
ރައީސް ޔާމީން ވަޑައިގެންފި. އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކާއި މަޖިލީހުގެ މެމްބަރުން.
ކޮންމެ އަހަރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ރަސްމީކޮށް ފަށަނީ ރައީސްގެ ރިޔާސީ ބަޔާނުން. އެ ޖަލްސާ މިދިޔަ އަހަރުގެ ކުރިން ކޮންމެ އަހަރަކު ވެސް ބާއްވަނީ ރައްޔިތުންގެ މަޖިލިހުގައި. އެކަމަކު، 2015 ގެ ރިޔާސީ ބަޔާން ރައީސް ޔާމީން އިއްވަވަމުން ގެންދަވަނިކޮށް އިދިކޮޅު މެމްބަރުން ނުރުހުން ފާޅުކޮށް ޖަލްސާ އަށް ހުރަަސް އެޅި. އެއާ އެކު، މިދިޔަ އަހަރު އެ ޖަލްސާ ބޭއްވީ ދަރުބާރުގޭގައި. މިއަދު ވެސް ޖަލްސާ އޮންނާނީ އެ ތަނުގައި.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ފެށުމަށް ބާއްވާ ޖަލްސާ ދަރުބާރުގޭގައި ފެށުމަށް އަންނަނީ ތައްޔާރުވަމުން. މި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވަވާނެ.