06 އޮކްޓޯބަރ 2023 - 21:25

މާލޭގައި ހިނގި އެކްސިޑެންޓެއްގައި، އުމުރުން ދުވަސްވީ މީހަކަށް އިމަޖެންސީގައި ފަރުވާ ދޭން ފަށައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓެއްގައި އަނިޔާވި 74 އަހަރުގެ ދިވެއްސެއް މީގެ އިރުކޮޅެއް ކުރިން ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އިމަޖެންސީ ރޫމްގައި މި ވަގުތު ފަރުވާ ދެމުން އަންނާތީ، އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
މި އެކްސިޑެންޓު ހިނގީ ކޮން ތާކު ކަމެއް ޔަގީނެއް ނުވި އެވެ. ސިނަމާލެ ބްރިޖާއި ހައިވޭ އާއި މާލޭގައި ވެސް މިއަދާއި މިރޭ އެކްސިޑެންޓުތަކެއް ހިނގި އެވެ.
އެކަމަކު، ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޕީޕީއެމް އޮފީސް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެން މިރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އިތުރު މައުލޫމާތެއް ނުލިބެ އެވެ.
ސިނަމާލެ ބްރިޖުގެ ހައިވޭގައި މިއަދު ހަވީރު ހަތަރު ކާރު ޖެހި އެކްސިޑެންޓުވެފައިވެ އެވެ. އެ އެކްސިޑެންޓާ ގުޅިގެން ހައިވޭ އެތައް އިރަކަށް ބަންދުވި އެވެ.