06 އޮކްޓޯބަރ 2023 - 15:10

ފަރެސްމާތޮޑާ ދާއިރާގެ ބައި އިލެކްޝަނެއް ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ހުންނެވި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އަންނަ ނޮވެމްބަރު 17 ގައި ނައިބު ރައީސްގެ މަގާމަށް ހުވާ ކުރައްވާނެ އެވެ.
އެއާއެކު ރައްޔިތުންގެ މަޖިލީހުގައި އޭނާ ތަމްސީލް ކުރެއްވި ދާއިރާގެ ގޮނޑި ހުސްވާނެ އެވެ.
އެކަމާ ގުޅޭ ގޮތުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެ ހާލަތުގައި އަމަލު ކުރަން ގާނޫނުއަސާސީގައި ބުނާ ގޮތް ބަޔާން ކޮށްފަ އެވެ.
ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބުނާ ގޮތުން މެންބަރަކު ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑި އަށް އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ.
އެހެން ނަމަވެސް މެންބަރެއްގެ ގޮނޑި ހުސްވާ ތާރީހާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެމެދު ހަ މަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ އެ ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރާކަށް ނުޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރު ކުރީކޮޅު ބާއްވާނެ އެވެ.