އަނިޔާކޮށް ފައި ބިންދާލި އޮސްޓްރިޗް މަރުވެއްޖެ
އަނިޔާކޮށް ފައި ބިންދާލި އޮސްޓްރިޗް މަރުވެއްޖެ

ހުޅުމާލޭގެ ފަރުކޮޅުފުށީގައި ގެންގުޅުނު އޮސްޓްރިޗަށް ހަމަލާދީ، ފައި ބިންދާލުމުން މަރުވެއްޖެ އެވެ.

އެ އޮސްޓްރިޗްގެ ވެރި ފަރާތުން މިއަދު ސޯޝަލް މީޑިއާގައި ބުނި ގޮތުގައި ރޭގެ ވަގުތެއްގައި ބަޔަކު ވަނީ އޮސްޓްރިޗަށް ހަމަލާދީ، ފައި ބިންދާލާފަ އެވެ. ނަމަވެސް އެކަން ކުރި ސަބަބާއި އެއީ ކޮން ބައެއް ކަމެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އޮސްޓްރިޗަށް ފަރުވާދޭނެ ބަޔަކު ހޯދަން ވެސް އޭނާ އިއުލާންކުރި ނަމަވެސް ލިބުނު އަނިޔާތަކުގައި އޮސްޓްރިޗް މިއަދު ވަނީ މަރުވެފަ އެވެ. މިކަން ތަހުގީގުކުރަން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ގޮވާލަމުންނެވެ.

އެ އޮސްޓްރިޗް އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް އައީ މާލޭގެ ގެއެއްގެ ދޮރުމަތީ ހުއްޓާ ނެގި ފޮޓޯއަކާ ގުޅިގެންނެވެ. އެއަށްފަހު ފިޝަރީޒް މިނިސްޓްރީން އެކަން ބެލި އެވެ.

މައްސަލަ ބަލަން ފެށުމުން ސޯޝަލް މީޑިއާގައި ވަނީ އެ ދޫނި ގެންގުޅެން ސަރުކާރުން ދޫކޮށްފައިވާ ހުއްދަ ވެސް އާންމުކޮށްފަ އެވެ. އޭގައިވާ ގޮތުން އެ ހުއްދަ ދީފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ އީރާނުން ރާއްޖެ އެތެރެކުރި 50، ޑޮމެސްޓިކް އޮސްޓްރިޗްގެ ބިހަށް ދޫކޮށްފައިވާ ހުއްދަ އެކެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެއީ ދޫނި ފާމެއްގައި ގެންގުޅެން ހުއްދަދިން ދޫންޏެކެވެ. އޭގެފަހުން، އެނގިފައިވާ ގޮތުގައި އެ އޮސްޓްރިޗް ގެންގުޅެނީ ފަރުކޮޅުފުށީގެ ގްރީން އޭރިއާގައި ހަދާފައިވާ ކޮއްޓެއްގަ އެވެ.

އެނގިފައިވާ ގޮތުގައި 10 އޮސްޓްރިޗް ރާއްޖޭގައި މިހާރު ގެންގުޅެ އެވެ.