05 އޮކްޓޯބަރ 2023 - 22:37

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގައުމަށް ގެންދަން ދެ ގައުމު ގުޅިގެން ކުރިމަތިލާން ޖެހޭ ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވެއްޖެ އެވެ.
އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދާ ގުޅޭ ގޮތުން ވަނީ ސުވާލުކޮށްފަ އެވެ.
އެ ސުވާލުގެ ޖަވާބުގައި ތަރުޖަމާނު ވިދާޅުވީ ދެ ގައުމަށް އޮތް ކަންބޮޑުވުންތަކާއި ގޮންޖެހުންތަކާ ގުޅޭ ގޮތުން އެކުގައި މަސައްކަތް ކުރުމަށް އިސްކަންދޭނެ ކަމަށެވެ. ހާއްސަ ގޮތެއްގައި ސެކިއުރިޓީއާ ގުޅޭ ކަންކަމުގައި ދެ ގައުމުގެ ޕާޓްނަޝިޕްގެ ދަށުން މަސައްކަތްތައް ކުރާނެ ކަމަށް އަރިންދަމް ވިދާޅުވި އެވެ.
އަރިންދަމް ވިދާޅުވީ އިންތިހާބީ ރައީސަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވި ދުނިޔޭގެ ލީޑަރަކީ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ކަމަށާއި މޯދީ ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ.
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު ވެސް އިންތިހާބީ ރައީސްއާ ބައްދަލު ކުރައްވާފައިވާކަން ފާހަގަ ކުރައްވައި އަރިންދަމް ވިދާޅުވީ ދެ ގައުމުގެ ގުޅުމާއި ތަރައްގީގެ ކުރިއެރުމާ ގުޅޭ ގޮތުން ރަނގަޅު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.
އިންތިހާބީ ރައީސް މުއިއްޒު ވަނީ އިންޑިއާއާ އެކު މަޝްވަރާކޮށް އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކާމިޔާބަށް ފަހު ވެސް ވިދާޅުވެފަ އެވެ. ސިފައިން ބޭލި ނަމަވެސް، އިންޑިއާއާ އެކު އޮތް ގުޅުން އެގޮތުގައި ދަމަހައްޓާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސްކަމުގެ މަގާމާ އަންނަ މަހުގެ 17 ގައި މުއިއްޒު ހަވާލުވެވަޑައިގަތުމުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ފަށާފައިވާއިރު، އެ މަނިކުފާނުގެ ފުރަތަމަ ދަތުރުފުޅު ރާއްޖެ އިން ބޭރަށް ކުރައްވާނީ އިންޑިއާއަށް ކަމަށް އެޑްވައިޒަރު އަދި ޑިޕްލޮމެޓިކް ދާއިރާގެ ތަޖުރިބާކާރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެފައި ވެ އެވެ.
މުއިއްޒު ވިދާޅުވީ، ހުރިހާ ރައީސުންގެ ފުރަތަމަ ދަތުރުފުޅު ކުރައްވާފައި ވަނީ އިންޑިއާ އަށް ކަމަށާއި އެއީ އެ ކަން އޮންނަން ޖެހޭ ގޮތް ކަމަށެވެ. ހާއްސަކޮށް މިހާރު ހުރި މައްސަލަތަކަށް ބަލާއިރު ވެސް އެންމެ ރަނގަޅު ގޮތަކީ އިންޑިއާ އަށް އެ މަނިކުފާނުގެ ފުރަތަމަ ދަތުރުފުޅު ހާއްސަ ކުރެއްވުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.