05 އޮކްޓޯބަރ 2023 - 11:36

ޖަޕާނު ސަރުކާރުން ދޭ، ދަ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް) ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޖޭޑީއެސްގެ މަގުސަދަކީ ސަރުކާރުގެ އިދާރީ ހިންގުމަށް ބޭނުންވާ އިންސާނީ ވަސީލަތް އިތުރަށް ތަރައްގީކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެކި އިދާރާތަކުގެ މުވައްޒަފުންނަށް މާސްޓާސް ޑިގްރީއަށް ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ މުވައްޒަފުންނަކީ ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ޕްލޭންތައް އެކުލަވާލުމުގައި ފުރިހަމައަށް ބައިވެރިވާ، ގައުމީ ތަރައްގީގައި އިސްދައުރެއް އަދާކުރާނެ ބަޔަކަށް ހެދުމެވެ.

ދެހާސް ވިހި ވަނަ އަހަރު ޖަޕާނު ސަރުކާރުން ފެށި މި ސްކޮލާޝިޕުން މިހާތަނަށް 16 ދަރިވަރެއް ޖަޕާނަށް ކިޔަވަން ފޮނުވާފައިވާ އިރު ހަތް ދަރިވަރަކު ވަނީ ކާމިޔާބުކަމާ އެކު ކިޔެވުން ނިންމައި އެނބުރި ރާއްޖެ އައިސްފަ އެވެ.

މި ސްކޮލާޝިޕްގެ ދަށުން އަހަރަކު ހަ ފަރާތަކަށް ފުރުސަތު ދެ އެވެ. މި ސްކޮލާޝިޕުގައި ކޮންމެ ޔުނިވާސިޓީއަކުން ފުރުސަތު ލިބޭނީ ދެ ފަރާތަކަށެވެ. މި ސްކޮލާޝިޕްގައި ކިޔެވުމުގެ ހުރިހާ ހަރަދަކާއި ދަތުރުގެ ހަރަދުތަކުގެ އިތުރުން، ޖަޕާނުގައި ދިރިއުޅުމާއި އެނބުރި ރާއްޖެ އައުމުގެ ހުރިހާ ހަރަދެއްވެސް ދޭނީ ޖަޕާނު ސަރުކާރުންނެވެ.
މި ސްކޮލާޝިޕުގެ ދަށުން މާސްޓާސް ޑިގްރީއަށް ހުޅުވާލާފައި ވަނީ ޔުނިވާސިޓީ އޮފް ސުކުބާއިން މާސްޓާސް ޕްރޮގްރާމް އިން އެންވަޔަރަމަންޓަލް ސައިންސަސާއި ނެޝަނަލް ގްރެޖުއޭޓް އިންސްޓިޓިއުޓް ފޯ ޕޮލިސީ ސްޓަޑީސް އިން މާސްޓާސް އޮފް ޕަބްލިކް ޕޮލިސީ ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަނުންނެވެ. އަދި ރިޓްސުމެއިކަން ޔުނިވާސިޓީއިން މާސްޓާސް އޮފް އާޓްސް އިން އިންޓަނޭޝަނަލް ރިލޭޝަންސް ކިޔެވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
މި ސްކޮލާޝިޕުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.
މި ސްކޮލާޝިޕަށް ހުށަހެޅޭނީ ދިވެހިންނަށް އެކަންޏެވެ. އަދި އެޕްލިކޭޝަން ހުށަހެޅޭނީ 2024 ވަނަ އަހަރުގެ އޭޕްރިލް މަހުގެ އެއް ވަނަ ދުވަހާ ހަމައަށް 22 އަހަރު ފުރިފައިވާ އަދި 39 އަހަރު ނުފުރޭ މީހުންނަށެވެ. ސްކޮލާޝިޕަށް ހުށަހަޅާ ފަރާތްތަކަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ބެޗްލާސް ޑިގްރީއެއް އޮންނަ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި މިނިވަން މުވައްސަސާތަކުގެ ދާއިމީ މުވައްޒަފުންނާއި ކޯޓުތަކާއި ކޯޓުތަކާއި ގުޅުން ހުރި އިދާރާތަކުގެ ދާއިމީ މުވައްޒަފުންނެވެ. އަދި މި ފަރާތްތަކަކީ މަދުވެގެން ދެ އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފުލް ޓައިމްކޮށް މިހާރު މަސައްކަތްކުރާ މުވައްޒަފުންނަށް ވާނެ ޖެހެ އެވެ.
މި ސްކޮލާޝިޕަށް އެދި ހުށަހަޅާ ފަރާތްތަކަށް ޖޭޑީއެސްގެ ފަރާތުން ޕްރޮމޯޝަން ސެމިނާތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ސެމިނާތަކުން ސްކޮލާޝިޕުގެ ތަފްސީލީ މައުލޫމާތާއި އެޕްލިކޭޝަން ޑޮކިއުމަންޓްތައް ތައްޔާރުކުރާނެ ގޮތުގެ ތަފްސީލީ މައުލޫމާތުތަކާއި ފޯމު ހުށަހެޅުމުގެ މައުލޫމާތުތައް ބައިވެރިންނަށް ހިއްސާކުރާނެ އެވެ.
މި ސްކޮލާޝިޕަށް އެދި ހުށަހެޅޭނީ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުގެ ހަވީރު 4:00އާ ހަމައަށެވެ. މި ސްކޮލާޝިޕާ ގުޅޭ އިތުރު މައުލޫމާތު ޖޭޑީއެސްގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެއެވެ.
ވެބްސައިޓް ލިންކު: https://jds-scholarship.org/country/maldives/index.html
ނޯޓު: މިއީ ދަ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ސްކޮލާޝިޕް (ޖޭޑީއެސް)ގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.