ޓްރާންސިޝަނަލް މުއްދަތުގެ ތަރުޖަމާނަކަށް ފިރުޒުލް
ޓްރާންސިޝަނަލް މުއްދަތުގެ ތަރުޖަމާނަކަށް ފިރުޒުލް

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދަން ގާނޫނުގައިވާ ގޮތުގެ މަތިން އުފައްދާފައިވާ ޓްރާންސިޝަނަލް ކޮމިޓީގެ ތަރުޖަމާނަކަށް ޒުވާން ބޭފުޅެއް ކަމަށްވާ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް އިއްޔެ ހަމަޖައްސައިފި އެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ހަމަޖެއްސެވި ސްޕޯކްސް ޕާސަން ފިރުޒުލް ވަނީ މުއިއްޒުގެ ރިޔާސީ ކެމްޕެއިންގެ ބައެއް މުހިންމު ހަފުލާތައް ހުށަހަޅުއްވައި ދެއްވައިފަ އެވެ. އުމުރުން 29 އަހަރުގެ ފިރުޒުލް އެންމެ ފަހުން މަސައްކަތް ކުރެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މުއިއްޒުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިލްމު އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގަ އެވެ.

އިލްމު އިންސްޓިޓިއުޓުން ފިރުޒުލް ވަކިވީ މި އަހަރުގެ ޖުލައި މަހު އެވެ.

ދ. ކުޑަހުވަދު އަށް އުފަން ފިރުޒުލް ވަނީ މިސްރުގެ އަޒްހަރު ޔުނިވާސިޓީ އިން ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމް ހާސިލް ކުރައްވައިފަ އެވެ. އޭނާ ވަނީ ގްރޭޑް 11 ގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ގުރުއާން ހިތުދަސް ކުރައްވައި 2011 ގައި ސެޓްފިކެޓް ހޯއްދަވައިފަ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ޑައިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވަން ޖެހެ އެވެ. އިންތިހާބީ ރައީސް މުއިއްޒު އެ މަގާމަށް ކަނޑައަޅުއްވާފައިވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ މަގާމު ހަވާލުކުރުން މިއަދު ސިވިލް ސާވިސް ކޮމިޝަންގައި އޮންނާނެ އެވެ.

ޑައިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަސްއޫލިއްޔަތަކީ ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމެވެ.