06 ފެބުރުއަރީ 2017 - 09:11

މިދިޔަ އަހަރު ރާއްޖޭން ބޭރު ކުރި އަދި އެތެރެ ކުރި މުދަލުގެ ނިސްބަތް އިތުރުވެ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމްސް އިން އާއްމުކުރި މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ރާއްޖޭން ބޭރު ކުރި މުދަލުގެ އަގު އޭގެ ކުރީ އަހަރާ އަޅާބަލާއިރު ވަނީ ހަތް ޕަސެންޓް އިތުރު ވެފަ އެވެ. އެ ގޮތުން، 2015 ގައި 3.7 ބިލިއަން ރުފިޔާގެ މުދާ ރާއްޖޭން ބޭރުކޮށްފައި ވާއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ 3.9 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.
ރާއްޖޭން އެންމެ ގިނަ އިން ބޭރު ކުރަނީ މަހުގެ ބާވަތްތަކާއި އުފެއްދުންތައް ކަމަށް ވާއިރު، މިދިޔަ އަހަރު ރާއްޖޭން ބޭރު ކުރި މުދަލުގެ 33 ޕަސެންޓް ހިއްސާ ކުރަނީ ތައިލެންޑުގެ މާކެޓެވެ. މީގެ އިތުރުން، ރާއްޖޭން ދެން އެންމެ ގިނަ އިން މުދާ ބޭރު ކުރާ ދެ ގައުމު ކަމަށްވާ ސްރީ ލަންކާ އަށް 11 ޕަސެންޓް އަދި އެމެރިކާ އަށް ނުވަ ޕަސެންޓުގެ މުދާ މިދިޔަ އަހަރު ވަނީ ބޭރުކޮށްފަ އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް އެތެރެ ކުރި މުދަލުގެ ނިސްބަތް ވެސް ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 12 ޕަސެންޓް އިތުރު ވެފަ އެވެ. އެ ގޮތުން، މިދިޔަ އަހަރު 34 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެކޮށްފައި ވާއިރު، 2015 ގައި އެތެރެކޮށްފައި ވަނީ 31 ބިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ އަހަރު އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ މެޝިނަރީ އާއި އިލެކްޓްރޯނިކްސްގެ ބާވަތްތައް އެތެރެ ކުރުމަށެވެ. އެ ގޮތުން، މިދިޔަ އަހަރު ރާއްޖެ ގެނައި މެޝިނަރީ އާއި އިލެކްޓްރޯނިކްސްގެ އަގު 6.8 ބިލިއަން ރުފިޔާ އަށް އަރާއިރު، އެއީ މިދިޔަ އަހަރު ރާއްޖެ އެތެރެ ކުރި މުދަލުގެ ޖުމްލަ އަގުގެ 21 ޕަސެންޓެވެ.
"މެޝިނަރީ އަށް ހޭދަކުރެވިފައިވާ އަދަދު ބޮޑުވެފައި ވަނީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތްތަކަށް އިމްޕޯޓް ކުރެވުނު ތަކެތީގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައި ވާތީ އެވެ،" ތަފާސްހިސާބުތަކާ އެކު ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައިވެ އެވެ.
ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ، ތަފާސްހިސާބުތަކުގައިވާ ގޮތުން، ކާބޯތަކެތީގެ ބާވަތްތައް އިމްޕޯޓް ކުރުމަށެވެ. އެއީ އެތެރެ ކުރި މުދަލުގެ ޖުމްލަ އަގުގެ 19 ޕަސެންޓް ކަމަށްވާ 6.4 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ތެލުގެ ބާވަތްތަކަށެވެ. އެއީ 3.5 ބިލިއަން ރުފިޔާ (އެތެރެ ކުރި ޖުމްލަ މުދަލުގެ އަގުގެ 11 ޕަސެންޓް) އެވެ.
މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ އިން މުދާ އެތެރެކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެ ގޮތުން، އެ ގައުމުން 5.3 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، އެއީ މިދިޔަ އަހަރުު ރާއްޖެ ގެނައި ޖުމްލަ މުދަލުގެ 16 ޕަސެންޓެވެ. މީގެ އިތުުރުން، ސިންގަޕޫރުން 4.7 ބިލިއަން ރުފިޔާ (އެތެރެ ކުރި ޖުމްލަ މުދަލުގެ 14 ޕަސެންޓް) އަދި އިންޑިއާ އިން 4.2 ބިލިއަން ރުފިޔާ (އެތެރެ ކުރި ޖުމްލަ މުދަލުގެ 13 ޕަސެންޓް) ގެ މުދާ ވެސް އެތެރެކޮށްފައިވެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، ތެލުގެ ބާވަތްތައް ހިމެނޭ ގޮތަށް އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ 2015 ވަނަ އަހަރާ އަޅާބަލާއިރު ވަނީ އަށް ޕަސެންޓް އިތުރު ވެފަ އެވެ. އެ ގޮތުން، މިދިޔަ އަހަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައި ވާއިރު، އޭގެ ކުރީ އަހަރު ލިބިފައި ވަނީ 2.4 ބިލިއަން ރުފިޔާ އެވެ.
ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި، އިމްޕޯޓް ޑިއުޓީގެ ގޮތުގައި މި އަހަރު ވެސް ގާތްގަނޑަކަށް 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.