04 އޮކްޓޯބަރ 2023 - 13:29

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ.ނައިފަރުގައި ފެންބޮޑުވެއްޖެ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދުނު ވެހެން ފެށި ވާރޭ އަދިވެސް ހުއްޓައި ނުލާ ކަމަށެވެ. މިހާރު މުޅި ރަށުގައި ފެންބޮޑުވެފައިވާ ކަމަށް އޭނާ ބުންޏެވެ.
އެންމެ ބޮޑަށް ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގައި ހުރި ގެތަކަށް ފެން ނުވަންވަ ގޮތަށް ވެލި ބަސްތާ ޖެހުމާއި މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
ވާރޭ ވެހިއްޖެ ނަމަ ފެން އެންމެ ބޮޑުވަނީ ރަށުގެ ބޮޑު މަގުތަކާއި ސްކޫލުގަ އެވެ. ވާރޭ ވެހޭ ބައެއް ދުވަސްތަކުގައި ސްކޫލުގައި ފެންބޮޑުވެ، ކިޔެވުން ވެސް މެދުކަނޑާލަން ޖެހެ އެވެ.
އެމްއެންޑީއެފުން ބުނީ ނައިފަރުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ރާއްޖެއަށް މިހާރު ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާތީ މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެޓް ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.