ޑެހެއާގެ މައްޗަށް ސީރިއަސް ތުހުމަތެއް، އޭނާ އެކަން ދޮގުކުރޭ!
ޑެހެއާގެ މައްޗަށް ސީރިއަސް ތުހުމަތެއް، އޭނާ އެކަން ދޮގުކުރޭ!

ޕެރިސް (ޖޫން 11) - ގަދަކަމުން ހަށިވިއްކާ މީހުން ގެނެސް، ޓީމުގެ ކުޅުންތެރިން ބައިވެރިކޮށްގެން، ސްޕެއިނާއި މެންޗެސްޓާ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ސެކްސް ޕާޓީއެއް ބޭއްވި ކަމަށް ސްޕެއިނުގެ ނޫހަކުން ކުރި ރިޕޯޓް އޭނާ ދޮގުކޮށްފި އެވެ.

"އެއީ ހުސް ދޮގު،" ޑެހެއާ ބުންޏެވެ.

ސްޕެއިނުގެ 21 އަހަރުން ދަށުގެ ޓީމަށް 2012 ވަނަ އަހަރު ޑެހެއާ ކުޅުނުއިރު ހިނގި ކަމަށް ބުނި މިކަންތައްގަނޑު ފެންމަތިވުމުން، ޔޫރޯގައި ވާދަކުރާ ސްޕެއިނުގެ ސްކޮޑުން ޑެހެއާ ވަކިކޮށް އޭނާ ގެޔަށް ފޮނުވާލި ކަމަށް މީޑިއާގައި ފެތުރުނު ނަމަވެސް އެކަމުގައި ހަގީގަތެއް ނެތެވެ.

ސްޕެއިނުގެ ނޫސްތަކުން ޖަހާފައިވާ ރިޕޯޓްތަކުގެ އަސްލަކީ، ހަށިވިއްކުމުގެ ނެޓްވޯކެއްގެ އިސް މީހެއްގެ މައްޗަށް ހިނގަމުން އަންނަ ޝަރީއަތެއްގައި ދީފައިވާ ހެކި ބަހެވެ.

އަންހެނެއްގެ ނުރުމުގައި އޭނާ ޕާޓީއަށް ގެނެސް ގަދަކަމުން ޖިންސީ ގުޅުން ހިންގަން މަސައްކަތްކުރި ކަމުގެ ތުހުމަތު ޑެހެއާގެ މައްޗަށް އޭނާ ކޮށްފައިވެ އެވެ.

"އަހަންނަކީ ތި ރިޕޯޓާ ގުޅިގެން އެންމެ ފުރަތަމަ ހައިރާންވި މީހާ. އަހަރެން އެކަން ދޮގުކުރަން. ނޫސްތަކުން ފަތުރަމުން އަންނަ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް. އެކަން އަހަރެންގެ ވަކީލު އަންނަނީ ގާތުން ބަލަމުން،" ޑެހެއާ ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޑެހެއާ ސްކޮޑުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް ޓީމުގެ ކޯޗު ވިސެންޓެ ޑެލް ބޮސްކޭ އާއި ސްޕެއިން ފެޑެރޭޝަނުން މަޝްވަރާކުރާނެ އެވެ.